ރައީސް އިންޑިއާގެ އިސް ވެރިޔަކާ ބައްދަލުކުރައްވައިފި

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އެމްޖޭ އަކްބަރު މިއަދު ރައީސް ޔާމީނާ ބައްދަލުކުރައްވަނީ --- ފޮޓޯ/ ރައީސް އޮފީސް

އިންޑިއާގެ މިނިސްޓަރު އޮފް ސްޓޭޓް ފޮ އެކްސްޓަނަލް އެފެއާޒް އެމްޖޭ އަކްބަރު، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި އެވެ. އެ ބައްދަލުކުރެއްވުން އޮތީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި، އިންޑިއާގެ އެކްސްޓަނަލް އެފެއާޒްގެ ސްޓޭޓް މިނިސްޓަރު ރާއްޖެ އަށް ޒިޔާރަތް ކުރެއްވިކަމަށް ޓަކައި އެމަނިކުފާނަށް ރައީސުލްޖުމްހޫރިއްޔާ މަރުޙަބާ ވިދާޅުވި އެވެ. އަދި، އިންޑިއާގެ ބޮޑުވަޒީރާއި ސަރުކާރާއި ރައްޔިތުންނަށް ތަހުނިޔާ އާއި ހެޔޮއެދުންތައް ރައްދުކޮށްދެއްވުމަށް ސްޓޭޓް މިނިސްޓަރުގެ އަރިހުން ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަތެވެ. އެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އިންޑިއާ ފަސްޓް ޕޮލިސީއަށް އަލިއަޅުއްވާލައްވަމުން ރާއްޖެ އާއި އިންޑިއާއާ ދެ ގައުމުގެ ދެމެދުގައިވާ ގާތް ގުޅުމަށް ރާއްޖޭގެ ސަރުކާރުން ދެއްވާ އަހައްމިއްޔަތު ފާހަގަކުރައްވައިފަ އެވެ. މިމޭރުމުން ވާހަކަފުޅު ދައްކަވަމުން އެމަނިކުފަނު ވަނީ އިންޑިއާގެ އެކްސްޓަނަލް އެފެއާޒްގެ ސްޓޭޓް މިނިސްޓަރު ރާއްޖެއަށް މިކުރެއްވި ދަތުރުފުޅުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައިވާ ގާތް އެކުވެރި ގުޅުން އެކި ދާއިރާތަކުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމުގައާއި ކުރިއަށް އޮތް ދުވަސްތަކުގައި މިހާރެކޭ އެއްގޮތައް އިންޑިއާގެ އެހީތެރިކަމާއި އެއްބާރުލުން ރާއްޖެއަށް ދެއްވާނެކަން ޔަގީންކުރައްވާ ކަމުގައި ވިދާޅުވެފަ އެވެ.

އެބައްދަލުކުރެއްވުމުގައި، އިންޑިއާގެ އެކްސްޓަނަލް އެފެއާޒްގެ ސްޓޭޓް މިނިސްޓަރު ދެއްކެވި ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާއަށް އިންޑިއާގެ ބޮޑުވަޒީރު ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވިކަމުގައި ވިދާޅުވި އެވެ. އަދި، ރާއްޖޭގެ އިގްތިޞާދީ ކުރިއެރުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ އަގުހުރި މަސައްކަތަށާއި ދިވެހި ސަރުކާރުން ރާއްޖޭގެ ތަރައްގީއަށާއި މުޖުތަމަޢުގެ ހަމަޖެހުމާއި ރައްކާތެރިކަމަށް ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތަށް އިންޑިއާގެ އެކްސްޓަނަލް އެފެއާޒްގެ ސްޓޭޓް މިނިސްޓަރު ތަޢުރީފުކުރެއްވި އެވެ. ސްޓޭޓް މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި އެމަނިކުފާނު ރާއްޖެއަށް މިކުރެއްވި ދަތުރުފުޅުގެ ބޭނުމަކީ ރާއްޖެއާއި އިންޑިއާއާ ދެމެދުގައި އޮންނަ ގުޅުމަށް އިތުރު ތާޒާކަމެއް ގެނުވުން ކަމަށާއި ދެ ގައުމުގެ ދެމެދުގައިވާ ގުޅުން އެކި ދާއިރާތަކުން އިތުރަށް ވަރުދަގަކުރުމަށް އިންޑިއާ އިން އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާއަށް ދެއްވި އެވެ. މި މޭރުމުން ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ރާއްޖެއަކީ ތަރައްގީގެ މަގުގައި ކުރިޔަށްދާ ޞުލްޙަވެރި މުޖުތަމަޢެއް އޮންނަ ގައުމަކަށްވުމަށް އިންޑިއާ އިން އަބަދު ވެސް އެދޭކަމުގައި ވިދާޅުވި އެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖެއާއި އިންޑިއާއާ ދެމެދުގައިވާ ޒަމާންވީ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދުކުރައްވަކަމުގައި ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެ ބައްދަލުކުރެއްވުމުގައި، ފޮރިން މިނިސްޓަރު މުޙައްމަދު ޢާޞިމާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ފޮރިން ރިލޭޝަންސްގެ ސްޓޭޓް މިނިސްޓަރު މުޙައްމަދު ނަޞީރު ބައިވެރިވެވަޑައިގެންނެވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އިންޑިއާގެ އެކްސްޓަނަލް އެފެއާޒްގެ ސްޓޭޓް މިނިސްޓަރުގެ އަރިހުގައި، އިންޑިއާ އިން ދިވެހިރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރާއި، އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓަނަލް އެފެއާޒްގެ ޖޮއިންޓް ސެކްރެޓަރީ އާއި، އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓަނަލް އެފެއާޒްގެ ޑެޕިއުޓީ ސެކްރެޓަރީ މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި އެވެ.

comment ކޮމެންޓް