ޓައިނީ ހާޓްސްގެ ފަރާތުން ހިންގަން ހަމަޖެހިފައިވާ "ކެއާ ފޯ ޓައިނީ ހާޓްސް ކޭމްޕް"ގެ ޕާޓްނަރަކަށް އާސަންދަ ޕްރައިވެޓް ލިމިޓެޑް ހަމަޖައްސައި އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
އާސަންދަ ކުންފުނީގެ ކޮންފަރެންސްް ހޯލުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ޓައިނީ ހާޓްސްގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ ޗެއާޕާސަން ފިއުނާޒު ވަހީދެވެ. އާސަންދައިގެ ފަރާތުން އެއްބަސް ވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ މައުމޫން ޢަބްދުލް ޞަމަދެވެ.
ކޭމްޕް ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 19 އިން 21 ވަނަ ދުވަހުގެ ނިޔަލަށެވެ. އެ ކޭމްޕްގެ އަމާޒަކީ އުފެދުމުގައި ހިތުގައި އުނިކަން ހުންނަ 160 ކުދިންނަށް ފަސޭހައިން ރަނގަޅު ފެންވަރެއްގެ ސިއްހީ ހިދުމަތެއް މިއަހަރު ފޯރޮކޮށްދިނުމެވެ.
އާސަންދައިގެ ފަރާތުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މައުމޫން އަބްދުލް ޞަމަދު ވިދާޅުވީ، އިންޑިއާގެ ކޮޗިންގައި ހުންނަ އަމްރިތާ ހޮސްޕިޓަލާ ގުޅިގެން އެންމެ ފުރިހަމަ ހިދުމަތް ޓައިނީ ހާޓްސް އަށް ދޭނެ ކަމަށެވެ. އަދި އަތޮޅުތެއަށް ވެސް ޑޮކްޓަރުން ފޮނުވާނެ ކަމަށް މައުމޫން ވިދާޅުވި އެވެ.
ޓައިނީ ހާޓްސްގެ ޗެއާޕާސަން ފިއުނާޒް ވަހީދު ވިދާޅުވީ އުފެދުމުގައި ހިތުގެ އުނިކަން ހުންނަ ކުދިން ދެނެގަތުމުގެ މީގެ ކުރިން އަށް ކޭމްޕެއް ބޭއްވި ކަމަށާއި ނަމަވެސް އޭރު ޑޮކްޓަރުންގެ ދަތިކަމާ ކުރިމަތިލާން ޖެހުނު ކަމަށެވެ. ސްކޫލް ބަންދާ ދިމާކޮށް މިފަހަރު އަތޮޅު ތަކުން ވެސް ހިދުމަތް ހޯދުމަށް އާދެވޭނެ ގޮތަށް، އަންނަ މަހުު ކޭމްޕް ބޭއްވުމަށް ހަމަޖެއްސެވީ ކަމަށް ވެސް ފިއުނާޒް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ބައެއް ކުދިންނަކީ އޮޕްރޭޝަންތަކާ ހަމައަށް ދާންޖެހޭ ކުދިން ކަމަށާއި އެފަދަ ކުދިން ރާއްޖެއިން ބޭރަށް ނުގޮސް ރާއްޖެއިން ވެސް ފަރުވާ ދެވޭނެ ހިދުމަތެއް ފަހިކޮށްދޭނެ ކަމަށެވެ. އެފަދަ ކުދިން އުފަންވުމުގެ ކުރިން ބަނޑުގައި އޮއްވައި ހިތުގެ މައްސަލަ ހުރިކަން ދެނެގަނެވޭނެ ގޮތްތަކުގެ ތަމްރީނުތަކެއް ހަދާފައިވާ ކަމަށް ފިއުނާޒު ވިދާޅުވި އެވެ. އެ ކޭމްޕުގެ ތެރޭގައި ބަނޑުގައި ދަރިފުޅު އޮއްވާ މައްސަލަ ހުރިކަން ދެނެގަނެވިގެން ފަރުވާ ދެވޭނެ އިންތިޒާމު ފަހިވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.