ވީއޭއެމްގެ ސީނިއާ ނައިބު ރައީސަކަށް އެ އިދާރާގެ ހަޒާންދާރު ރަނޭޝް

ވޮލީބޯލް އެސޯސިއޭޝަންގެ ސީނިއާރ ނައިބު ރައީސަކަށް ހަމަޖެއްސި ކުރީގެ ވޮލީ ކުޅުންތެރިއާ އަދި އެ އެސޯސިއޭޝަންގެ ހަޒާންދާރު މުހައްމަދު ރަނޭޝް--ފޮޓޯ: ރަނޭޝް

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ސީނިއާ ނައިބު ރައީސަކަށް ކުރީގެ ވޮލީ ކުޅުންތެރިޔާ އަދި އެ އެސޯސިއޭޝަންގެ ހަޒާންދާރު މުހައްމަދު ރަނޭޝް ހަމަޖައްސައިފި އެވެ.

'ސަން ސްޕޯޓްސް'އާ ވާހަކަފުޅު ދައްކަވަމުން ވޮލީ އެސޯސިއޭޝަންގެ ރައީސް މުހައްމަދު ލަތީފް ވިދާޅުވީ މިހަތަނަށް ވޮލީ އެސޯސިއޭޝަން ހިންގަމުން އައި އޮނިގަނޑަށް ބަދަލުތަކެއް ގެނައުމަށް ނިންމައި އެ ބަދަލުތައް ގެންނަމުންދާ ކަމަށެވެ.

ވީއޭއެމްގެ ހަޒާންދާރު ރަނޭޝް ސީނިއާ ނައިބުރައީސަކަށް ހަމަޖެއްސީ އެ ބަދަލުގެ ތެރެއިން ކަމަށް ލަތީފު ވިދާޅުވި އެވެ. ލަތީފް ވިދާޅުވީ ރަނޭޝް ސީނިއާ ނައިބު ރައީސަކަށް ހަމަޖެއްސީ ހަޒާންދާރުގެ މަސްއޫލިއްޔަތު ވެސް އަދާކުރާ ގޮތަށް ކަމަށާއި މިއަދުން ފެށިގެން ވީއޭއެމްގެ ފައިސާއާ ބެހޭ ހުރިހާކަމެއް ކުރިއަށް ގެންދަނީ ސީނިއާ ނައިބު ރައީސްގެ ބެލުމުގެ ދަށުން ކަމަށެވެ.

"އޮނިގަނޑަށް ބަދަލު ގެންނަމުން މިދަނީ، ވޮލީބޯޅަ އިދާރާ ހިންގުން ހަރުދަނާ ކުރުމަށް މިފަދަ ބަދަލުތައް މުހިއްމު، އަމާޒަކީ އެންމެން މަސައްކަތް ކޮށްގެން ގެންނަންޖެހޭ ބަދަލްތައް ގެނެސްގެން ވޮލީ ބޯޅަ ކުރިއެރުވުމަށް ބޭނުންވާ ލަނޑުދަނޑިތައް ހާސިލް ކުރުން،" ލަތީފް ވިދާޅުވިއެވެ.

ލަތީފް ވިދާޅުވީ ސީނިއާ ނާއިބު ރައީސަކަށް ރަނޭޝް ހަމަޖައްސާ ހިންގާ އޮނިގަނޑަށް ބަދަލު ގެނައީ އަސާސީ ޤަވައިދުގެ ދަށުން އަދި ހިންގާ ކޮމެޓީގެ މަޝްވަރާގެ މަތިން ކަމަށެވެ.

ވޭތުވެދިޔަ ތިން ދުވަސްތެރޭގައި ވީއޭއެމްގެ ހިންގާ ކޮމިޓީއަށް އެ އިދާރާގެ ރައީސް މުހައްމަދު ލަތީފު ވަނީ ބޮޑެތި ބަދަލްތަކެއް ގެންނަވައިފަ އެވެ. އެގޮތުން ޑިސިޕްލިނަރީ ކޮމިޓީގެ ޗެއާމަނަކަށް އަލީ ލަތީފް ހަމަޖައްސައި ބީޗް ވޮލީ ޑިވޮލޮޕްމެންޓް ކޮމިޝަނެއް އުފައްދައި އެ ކޮމިޝަނުގެ ޗެއާމަނަކަށް އަބްދުﷲ ނަޝިީދު ވަނީ އައްޔަން ކުރައްވާފަ އެވެ.

comment ކޮމެންޓް