އަރަބި ދާޚިލީ ހަނގުރާމަތަކުގެ ތެރެއަށް ނުވަނުމަށް އީރާނުން ފަލަސްތީނުގެ ޖަމާއަތްތަކަށް ގޮވާލައިފި

ޚަމަނާއި ފަލަސްތީނުގެ އިންތިފާޟާ އާބެހޭ މަހާސިންތާ އިފްތިތާހް ކޮށް ދެއްވަނީ

ތެހެރާން (ފެބްރުއަރީ 21): ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ޖަމާއަތްތައް، އަރަބި ގައުމުތަކުގައި ހިނގަމުންދާ ދާޚިލީ ހަނގުރާމަތަކުގެ ތެރެއަށް ނުވަނުމަށް އީރާނުން އެ ޖަމާއަތްތަކަށް އިލްތިމާސްކޮށްފިއެވެ.

އީރާނުގެ ވެރިރަށް ތެހެރާންގައި މިއަދު ފެށި ފަލަސްތީނުގެ އިންތިފާޟާ އަށް ވާގިވެރިވުމުގެ މަހާސިންތާ އިފްތިތާޙް ކުރުމުގެ ގޮތުން ވާހަކަ ދައްކަވަމުން އީރާނުގެ ދީނީ މުރްޝިދު އާޔަތުﷲ އަލީ ޚަމަނާއި ފަލަސްތީނުގެ މިނިވަން ކަމަށް ޖިހާދުކުރާ ޖަމާއަތްތަކަށް އިލްތިމާސްކުރެއްވީ އަރަބި ގައުމުތަކުގެ އެތެރޭގެ އަރާރުންތަކުގެ ތެރެއަށް ނުވަނުމަށާއި އިސްލާމީ ގައުމުތަކުގެ މެދުގައިވާ ތާއިފީ އަދި މަޛްހަބީ ޚިޔާލުތަފާތުވުންތަކުގެ ތެރެއަށްވެސް ނުވަނުމަށެވެ.

"ފަލަސްތީނުގެ ޖަމާއަތްތަކުން އިސްކަންދޭންޖެހޭނީ އިސްރާއީލުގެ އަޅުވެތިކަމުން ސަލާމަތްވުމަށް، އަރަބިންގެ މެދުގައި ހިނގާ އަރާރުންތަކުގައި ވަކިކޮޅަކަށް ޖެހިއްޖެނަމަ އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް ފަލަސްތީނުން ކުރާ ޖިހާދުގެ ހަރަކާތްތައް ބަލިކަށިވެގެންދާނެ،" މަހާސިންތާ އިފްތިތާޙް ކުރުމުގެ ގޮތުން ދެއްވި ޚިތާބުގައި ޚަމަނާއި ވިދާޅުވިއެވެ.

މީގެއިތުރުން ފަލަސްތީނުގެ ޖަމާއަތްތަކުގެ މެދުގައިވާ ދެބަސްވުންތަކާއި ޚިޔާލު ތަފާތުވުންތައް ދޫކޮށްލުމަށްފަހު ފަލަސްތީނުގެ ހުރިހާ ހަކަތައެއް އިސްރާއީލުގެ އަޅުވެތިކަމުން މިނިވަންވުމަށް ބޭނުންކުރުމަށްވެސް ޚަމަނާއި އިލްތިމާސް ކުރެއްވިއެވެ. މިމޭރުމުން ވާހަކަ ދައްކަވަމުން އިސްރާއީލަކީ އިސްލާމީ އުންމަތުގެ ހަށިގަނޑުގައި ހުޅަނގުން އިންދާފައިވާ ނުރައްކާތެރި ކެންސަރު ސެލްއެއްކަމަށް ޚަމަނާއި ސިފަކުރެއްވިއެވެ.

ފަލަސްތީނުގެ އިންތިފާޟާ އާބެހޭ މަހާސިންތާ (ތެހެރާން)

އީރާން ސަރުކާރުން އިންތިޒާމް ކޮށްގެން ބާއްވާ މިމަހާސިންތާގައި ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ގިނަ ޖަމާއަތްތަކުން ބައިވެރިވެއެވެ. މި މަހާސިންތާގެ ބޭނުމަކީ ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތްކުރާ ޖަމާއަތްތަކުގެ މެދުގައިވާ ދެބަސްވުންތަކާއި ޚިޔާލު ތަފާތުވުންތައް ކުޑަކުރުމާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ފަލަސްތީނާ ދެކޮޅަށް ގެންގުޅުއްވާ ހަރުކަށި ސިޔާސަތުތަކާ ކުރިމަތިލެވޭނެ ސްޓްރެޓެޖީތަކެއް އެކަށައެޅުމެވެ. އަދި ފަލަސްތީނުގެ ރައްޔިތުން އިސްރާއީލާ ދެކޮޅަށް ފަށާފައިވާ އިންތިފާޟާ ދެމެހެއްޓެނިވި ގޮތެއްގައި ކުރިޔަށް ގެންދެވޭނެ ގޮތްތަކެއް އެކަށައެޅުންވެސް މި މަހާސިންތާގެ ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނެއެވެ.

ޓްރަމްޕް، ފަލަސްތީނާ ދެކޮޅަށް ގެންގުޅުއްވާ ހަރުކަށި ސިޔާސަތުތަކުގެ ތެރޭގައި އިސްރާއީލުގެ ޓެލްއަވީވުގައި ހުންނަ އެމެރިކާގެ އެންބަސީ އިސްރާއީލު ހިފާފައިވާ ފަލަސްތީނުގެ ރަށެއްކަމަށްވާ ގުދްސަށް ބަދަލުކުރުން ހިމެނެއެވެ. އަދި ފަލަސްތީނުގެ ބިމުގައި ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމް ކުރުމަށް އެމެރިކާ ކުރިން ކުރަމުންއައި ތާއީދުވެސް އެމެރިކާއިން ދޫކޮށްލިކަމުގެ އިޝާރާތްތަކެއް ޓްރަމްޕް ވަނީ ދެއްވާފައެވެ.

އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަނިޔާހޫ އާ ޓްރަމްޕް ދާދިފަހުން ބައްދަލުކުރެއްވިއިރު ފަލަސްތީނުގެ މައްސަލަ ހައްލުކުރުމުގެ ތެރޭގައި ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމް ކުރުމުގެބައި ހިމެނޭކަމަށް ވިދާޅުވެފައެއް ނުވެއެވެ. އޭގެ ބަދަލުގައި ޓްރަމްޕްވަނީ ހަމައެކަނި އިސްރާއީލުގެ ދައުލަތުގެ ވާހަކަ ދައްކަވައި އިސްރާއީލުގެ ދައުލަތަކީ ޔަހޫދީންނަށް ޚާއްސަ ދައުލަތެއްކަމަށް އިއުތިރާފްވުމަށް ފަލަސްތީނުގެ ވެރިކަމުގެ އިދާރާއަށް ގޮވާލައްވާފައެވެ.

އަނެއްކޮޅުން އިސްރާއީލުގެ އިސް މަސްއޫލުވެރިއަކުވަނީ އިސްރާއީލަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ނުރައްކަލަކީ ކުރިންވެސް އަދި މިހާރުވެސް އީރާންކަމަށް ސިފަކުރައްވައި އެމެރިކާ ރަހްމަތްތެރި ބައެއް އަރަބި ގައުމުތަކާއި އިސްރާއީލާއި އެމެރިކާ ގުޅިގެން އީރާނާ ދެކޮޅަށް އެލަޔަންސެއް އެކުލަވާލަންޖެހޭ ކަމަށް ފާޅުގައި ވިދާޅުވެފައެވެ.

އިސްރާއީލުގެ މަސްއޫލުވެރިޔާ މިމޭރުމުން ވާހަކަ ދައްކަވާފައިވަނީ އިސްރާއީލުގެ ބޮޑުވަޒީރާއި މިސްރުގެ ރައީސް އާއި އުރުދުންގެ ރަސްގެފާނުގެ ސިއްރު ސަމިޓް ބައްދަލުވުމެއް އުރުދުންގެ އަގަބާގައި އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ސަރުކާރުގެ ބެލުމުގެ ދަށުން ދާދިފަހުން ބޭއްވިކަން ހާމަވެފައިވަނިކޮށެވެ.

މި ސަމިޓްގައި، ގަލްފުގެ އަރަބި ގައުމުތައް އިސްރާއީލާ ގުޅުންތައް ގާއިމްކޮށްގެން އީރާނާ ކުރިމަތިލުމުގެ މުހިއްމު ކަމާބެހޭގޮތުން ނަތަނިޔާހޫ ވާހަކަ ދެއްކެވިކަމަށް އިސްރާއީލުގެ ނޫސްތަކާއި އެމެރިކާގެ ބައެއް ނޫސްތަކުން ކަށަވަރުކޮށްދެއެވެ. މިކަން ދޮގުކުރުމަށް މިސްރާއި އުރުދުންއިންވަނީ ދެކޮޅު ހަދާފައެވެ. އަދި ގަލްފުގެ އަރަބި ގައުމުތަކުންވެސް މިކަމާދެކޮޅަށް އެއްޗެއް ބުނެފައެއް ނުވެއެވެ.

އިސްރާއީލުގެ އެންމެ ބޮޑު ދުޝްމަނަކީ އީރާންކަމަށްވާއިރު ގަލްފުގެ ބައެއް އަރަބި ގައުމުތަކުންވެސް (ކުވައިތާއި އުމާން ފިޔަވައި) އެގައުމުތަކުގެ ރަސްކަމުގެ ނިޒާމްތަކަށް އޮތް އެންމެ ބޮޑު ނުރައްކަލުގެ ގޮތުގައާއި އެގައުމުތަކުގެ އެންމެ ބޮޑު ދުޝްމަންގެ ގޮތުގައި ސިފަކުރާ ގައުމަކީ އީރާން އެވެ. ފަލަސްތީނުގެ މިނިވަންކަމަށް ޓަކައި އިސްރާއީލާ ދެކޮޅަށް ހަތިޔާރުން ޖިހާދުކުރާ އިސްލާމިކް ޖިހާދު ޖަމާއަތާއި ހަމާސް ޖަމާއަތަކީ އީރާނާ ގުޅުންބޮޑު ދެޖަމާއަތެވެ. އެ ދެޖަމާއަތަށް ހަތިޔާރާއި މިސައިލް ޓެކްނޮލޮޖީ ފޯރުކޮށްދޭކަމުގެ ތުހުމަތު އިސްރާއީލުން ކުރަނީ އީރާނުގެ މައްޗަށެވެ.

ޓެރަރިޒަމަށް އެހީތެރިވާކަމުގެ ތުހުމަތު އެމެރިކާއިން އީރާނުގެ މައްޗަށް ކުރަނީވެސް އީރާނުން ފަލަސްތީނުގެ ޖަމާއަތްތަކަށް ހަތިޔާރާއި ތަމްރީނާއި ޓެކްނޮލޮޖީ ފޯރުކޮށްދޭތީއެވެ. އީރާނާއި އެމެރިކާ އާ ދެމެދުގައިވާ ދުޝްމަންކަމުގެ މައިގަނޑު ސަބަބަކީވެސް އީރާނުން އިސްރާއީލާމެދު ގެންގުޅޭ އާދަޔާ ޚިލާފު ދުޝްމަންކަމެވެ. އިސްރާއީލަކީ މެދުއިރުމަތިން ނައްތާލަންޖެހޭ ކެންސަރެއްކަމަށްބުނެ އީރާނުގެ މަސްއޫލުވެރިން ދެއްވާ ބަޔާންތަކަކީ އެމެރިކާއަށް ކެތްކުރެވޭ ކަމަކަށް ނުވެއެވެ.

އީރާނުން ނިއުކްލިޔަރ ޓެކްނޮލޮޖީއާއި ހަތިޔާރުގެ ޓެކްނޮލޮޖީ ތަރައްގީ ކުރުމަކީވެސް އެމެރިކާއާއި އިސްރާއީލު އާދަޔާ ޚިލާފަށް ކަންބޮޑުވާކަމެކެވެ. ސަބަބަކީ އަރަބި އަދި އިސްލާމީ ގައުމުތަކަކީ އަބަދުވެސް އެމެރިކާގެ ހަތިޔާރަށް ބަރޯސާވެގެން ތިބެންޖެހޭ ގައުމުތަކެއްކަމަށް އެމެރިކާއާއި އިސްރާއީލުން ދެކޭތީއެވެ.

އީރާނަކީ އަމިއްލަ ނަފްސަށް ބަރޯސާވުމުގެ ސިޔާސަތެއް ގެންގުޅޭ ގައުމަކަށްވެފައި އެމެރިކާގެ ފިއްތުންތަކަށް ބޯނުލަނބާ ގައުމަކަށް ވުމަކީވެސް އީރާންދެކެ އެމެރިކާ ރުޅިއަންނަ މައިގަނޑު އެއް ސަބަބެކެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ހަރުކަށި ސިޔާސަތުތަކަށް އެމެރިކާގެ އެތެރޭންނާއި އެމެރިކާގެ ބައިވެރިން ކަމަށްވާ ޔޫރަޕްގެ ގައުމުތަކުންވެސް ފާޅުގައި ދެކޮޅު ހަދަމުންގެންދާއިރު ގަލްފުގެ އަރަބި ގައުމުތަކުން ގެންދަނީ ޓްރަމްޕްގެ ސިޔާސަތުތަކަށް ސާބަސްދީ ތާރީފު ކުރަމުންނެވެ.

ފަލަސްތީނުގެ މައްސަލާގައި ޓްރަމްޕް ދެއްވާފައިވާ ހަރުކަށި ބަޔާންތަކަށާއި އިސްލާމީ ބައެއް ގައުމުތަކުގެ ރައްޔިތުން އެމެރިކާއަށް އެރުން މަނާކުރުމާއި އިސްލާމް ދީނާއި ޓެރަރިޒަމާ ގުޅުވައިގެން ޓްރަމްޕް ދެއްވާފައިވާ ބަޔާންތަކަށްވެސް ގަލްފުގެ ގައުމުތަކުންވަނީ ލޯމަރާލާފައެވެ.

ޓްރަމްޕް ވެރިކަމަށް ވަޑައިގަތުމާއެކު އޭނާގެ ސަރުކާރުންވަނީ އީރާނަކީ އެމެރިކާގެ އެންމެ ބޮޑު ދުޝްމަންކަމަށް ސިފަކުރައްވައި އީރާނާދެކޮޅަށް ދަތިކުރުމުގެ އިތުރު ފިޔަވަޅުތަކެއް އަޅާފައެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް