ޕްލެޓްފޯމް ހުޅުވައިފި! ދުރުމި ބޭނުންކޮށްގެން ބުރިޖު ބަލާލަންވީ!

ބުރިޖުގެ މަސައްކަތް ބެލުމަށް ރާޅުގަނޑުގައި ތަރައްގީކުރި ޕްލެޓްފޯމާއި އެސަރަހައްދު -- ސަން ފޮޓޯ/ފަޔާޒު މޫސާ

މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖުގެ މަސައްކަތްތައް ކުރިޔަށް ދާ ގޮތް ބެލޭނެ ގޮތަށް، މާލޭގެ އިރުމަތީގައި ރާޅުގަނޑާ ދިމާލުން ތަރައްގީކުރި ޕްލެޓްފޯމް އާންމުންނަށް ހުޅުވައިފި އެވެ.

ބުރިޖު ވިއުއިންގް ޕްލެޓްފޯމް ހުޅުވާފައި ވަނީ އިއްޔެ އެވެ.

އެތަން ތަރައްގީކުރީ ނިއުޕޯޓް ރެސްޓޯރަންޓް ހިންގާ ކުންފުނި، ސްޓްރާޑާއިންނެވެ.

އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު ޒާހިދު ރަމީޒް ވިދާޅުވި ގޮތުގައި، ޕްލެޓްފޯމްގެ އިތުރުން، ކުޑަކުދިންނަށް ކުޅުމަށް ޕްލެޓްފޯމާ އިންވެގެން ހެދި އިންޑޯ ޕްލޭ އޭރިއާ ވެސް ވަނީ މިހާރު ހުޅުވައިފަ އެވެ.

ޕްލެޓްފޯމަކީ 11 ލެވެލްއަށް ހުންނަ ބޮޑު ސިޑިއެއްގެ ގޮތަށް ހުންނަ ޕްލެޓްފޯމެކެވެ. ޕްލެޓްފޯމް ހަދާފައި ވަނީ ޗައިނާ އިން ޕްރީފެބްރިކޭޓްކޮށް ހަދައި، ތައްޔާރުކޮށްގެން މާލެ ގެނެސް ރާވައިގެންނެވެ. އެ ޕްލެޓްފޯމަކީ 350 މީހުންގެ ޖާގައިގެ ޕްލެޓްފޯމެކެވެ.

ބުރިޖުގެ މަސައްކަތް ބެލުމަށް ރާޅުގަނޑުގައި ތަރައްގީކުރި ޕްލެޓްފޯމާއި އެސަރަހައްދު -- ސަން ފޮޓޯ/ފަޔާޒު މޫސާ

އެސަރަހައްދުގައި ކުޑަކުދިން ދުއްވުމަށް އެނިމަލް ރައިޑްސްވެސް ވަނީ ތައާރަފު ކޮށްފަ އެވެ. ޕްލެޓްފޯމް މަތީގައި ހުރެ، ބުރިޖުގެ މަސައްކަތާއި އެހެނިހެން ދިމަދިމާ ވެސް ބަލާލެވޭ ގޮތަށް، ބޮޑު ދެ ދުރުމި ވެސް ހުރެ އެވެ.

ސްޓްރާޑާ އިން މައުލޫމާތުދޭ ގޮތުގައި، އެނިމަލް ރައިޑްސްގެ ކޮންމެ ރައިޑެއް ދުއްވޭނީ 10 ރުފިޔާއަށެވެ. އަދި ދުރުމި ބޭނުންކުރެވޭނީ ފަސް ރުފިޔާ އަށެވެ. މި ދެ ކަމަށް ވެސް އެސަރަހައްދުގައި ޚާއްސަ ޓޯކެން ކޮއިންސް ވިއްކަ އެވެ.

އަށް މިލިޔަނަށް ވުރެ ގިނަ ރުފިޔާ ޚަރަދު ކޮށްގެން، ޕްލެޓްފޯމަކާއި ކުޑަކުދިން ކުޅޭ ތަނަކާ އެކު ތަރައްގީކޮށްފައިވާ އެ ސަރަހައްދުގެ ތަޅުންގަނޑުގައި ހުންނަނީ ގްރެނައިޓް ޖަހައި، އަދި ރޭގަނޑު ގަޑީގައި ތަޅުންގަނޑުން ބޮކިތަކެއް ދިއްލޭ ގޮތަށެވެ.

މިސަރަހައްދު ޕްލެޓްފޯމަކާ އެކު ތަރައްގީކުރުމަށް ސަރުކާރުން ސްޓްރާޑާއަށް ހަވާލުކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު އެވެ. އެސަރަހައްދު ތަރައްގީކޮށްފައި ވަނީ ސްޓްރާޑާގެ އަމިއްލަ ޚަރަދުގަ އެވެ. އަދި އެކުންފުނިން ދާނީ ސަރުކާރަށް އެސަރަހައްދުގެ ކުލި ވެސް ކޮންމެ މަހަކު ދައްކަމުންނެވެ.

ޕްލެޓްފޯމާ އެކު އެތަނުގައި ކާބޯތަކެތި ވިއްކާ ދެ ތަނެއް ތަރައްގީ ކުރަމުން ދެ އެވެ. އެއީ ނިއުޕޯޓްގެ، 300 މީހުންގެ ޖާގައިގެ ރެސްޓޯރަންޓަކާއި، ޓައިވާންގެ ޓީހައުސް ފްރެންޗައިޒް "ޗާ ޓައިމް"ގެ އައުޓްލެޓެއް އެތަނުގައި ހުޅުވާނެ އެވެ. ޒާހިދު ވިދާޅުވި ގޮތުގައި "ޗާ ޓައިމް" އަންނަ މާޗު މަހުގެ ކުރީކޮޅު، އަދި ނިއުޕޯޓް ރެސްޓޯރަންޓް މާޗު މަހުގެ ފަހުކޮޅު ހުޅުވާނެ އެވެ.

comment ކޮމެންޓް