ލޭނު މަސްވެރިކަމަށް ތަމްރީން ކުރުމުގެ ޕްރޮގްރާމެއް ބާއްވަނީ

17 ނޮވެމްބަރު 2016: މާލެ ފަޅުގައި އޮތް ދޯޔަކުން މަސްތަކެއް ނަގަނީ---ސަން ފޮޓޯ// މުހައްމަދު އަފްރާހް

ލޭނު މަސްވެރިކަމަށް މަސްވެރިން ތަމްރީން ކުރުމުގެ ޕްރޮގްރާމެއް ބާއްވަން ނިންމައި، އެކަމުގައި ބައިވެރިވުމުގެ ފުރުސަތު ފިޝަރީސް މިނިސްޓްރީން ހުޅުވާލައިފި އެވެ.

އެމިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ދިވެހި މަސްވެރިކަމުގެ ސިނާއަތުގައި މަސްވެރިންގެ ހިއްސާ އިތުރުކޮށް، މަސްވެރިންނަށް ރަނގަޅު ނަފާއެއް ހޯދައިދިނުމަށް ސަރުކާރުން ކުރަމުންގެންދަވާ މަސައްކަތުގައި، ދިވެހި ރާއްޖެއަށް ލޭނު މަސްވެރިކަން ތައާރަފްކޮށް، ދިވެހި މަސްވެރިންނަށް ލޭނު މަސްވެރިކަމުގެ ތަމްރީން ޕްރޮގްރާމްތަކެއް މިއަހަރު ވެސް ކުރިއަށް ގެންދަން ހަމަޖައްސާފައިވާ ކަމަށެވެ.

އެގޮތުން މިއަހަރުގެ ޕްރޮގްރާމް ކުރިއަށް ދާނީ ތިއަރީ ސެޝަންތަކަކާއި ޢަމަލީ މަސައްކަތްތަކެއްގެ މައްޗަށް ބަހާލެވިގެން ކަމަށާއި ޢަމަލީ މަސައްކަތްތައް ކުރިއަށް ގެންދާނީ މިނިސްޓްރީ އިން ލޭނު އެޅުމަށް ޚާއްސަކޮށްގެން ތައްޔާރުކޮށްފައިވާ އުޅަނދެއްގައި ކަމަށް އިއުލާނުގައިވެ އެވެ.

މި ތަމްރީން ޕްރޮގްރާމުގެ މަޤްސަދަކީ މަސެވެރިންނަށް ލޭނު މަސްވެރިކަމުގެ ޢަމަލީ ތަޖްރިބާ ފޯރުކޮށްދިނުމާއި، ލޭނު އެޅުމަށް ބޭނުން ކުރާ އާލަތްތަކާއި ލޭނު މަސްވެރިކަމަށް އަހުލުވެރިކުރުވުމެވެ.

މި ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން، އަންނަ އޭޕްރީލް މަހުގެ 30 ވަނަ ދުވަހުގެ ކުރިން އެ ފަރާތެއްގެ ނަމާއި، އައިޑީ ކާޑު ނަންބަރު އަދި ގުޅޭނޭ ފޯނު ނަންބަރު އެ މިނިސްޓްރީއަށް ފޮނުއްވުމަށް އެ މިނިސްޓްރީން ވަނީ އެދިފަ އެވެ.

comment ކޮމެންޓް