ކުރިއަށް އޮތް ތިން ދުވަހުވެސް އުދައިގެ ނުރައްކަލެއް ނެތް

މާބައިދޫއަށް މީގެ ކުރިން އެރި އުދައިގެ ތެރެއިން -- ފޮޓޯ/ ކިޔުންތެރިއެއް

ކުރިއަށް އޮތް ތިން ދުވަހުގެ މޫސުމަށް ބަލާއިރުވެސް ރާއްޖޭގެ ރަށްތަކަށް އުދަ އަރާފާނެ ކަމަށް ލަފާ ނުކުރެވޭ ކަމަށް ރާއްޖޭގެ މޫސުމާބެހޭ މައި އިދާރާ، މޯލްޑިވްސް މީޓޮރޮލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން ބުނެފިއެވެ.

މޯލްޑިވްސް މީޓުރޮލޮޖިކަލް ސާވިސްގެ ޑައިރެކްޓަރު މީޓުރޮލޮޖީ އަހުމަދު ރަޝީދު މިއަދު ވިދާޅުވީ، ކުރިއަށް އޮތް 24 ގަޑިއިރުގެ މޫސުމަށް ބަލާއިރު ދެކުނައި މެދުތެރޭގެ ހިސާބުތަކުގައި ކޮންމެވެސް ވަރަކަށް ވިއްސާރަ ވިލާ އުޅޭ ކަމަށާއި އުތުރު އަތޮޅުތަކަށް މޫސުން ރަނގަޅު ކަމަށެވެ.

އަދި މިއީ އިރުވައި މޫސުން ކަމަށާއި ކުރިއަށް އޮތް ތިން ދުވަހު ވެސް ރާއްޖޭގެ ރަށްތަކަށް އުދަ އަރާނެ ކަމަށް ލަފާ ނުކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ ރަށްތަކަށް އުދަ އެރުމުގެ ނުރައްކަލެއް ނެތް ކަމަށް މެޓް އޮފީހުން ބުނެފައިވާއިރު، ރާއްޖޭގެ އެކި ރަށްތަކަށް އުދައެރުމަކީ ކޮންމެ އަހަރެއްގައި ވެސް މިދުވަސްވަރު ދިމާވަމުން އަންނަ ކަމެކެވެ.

ައަދި މިދިޔަ ހަފްތާގެ ތެރޭގައި އުތުރާއި މެދުރާއްޖެ ތެރޭގެ އަތޮޅުތަކަށް އުދަ އަރައިފާނެ ކަމަށް ލަފާކުރެވޭތީ ރައްޔިތުން އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ވަނީ އިރުޝާދު ދީފައެވެ.

އެކަމުގެ ސަބަބުން އެތައް ގެއްލުމެއް ލިބެމުންދާއިރު، މިފަހަރު އެރި އުދައިގައި ވެސް ށ. ފީވަކު ދަނޑުބިންތަކަށް ވަނީ ވަރަށް ބޮޑަށް އުދައަރައި ގެއްލުންތަކެއް ވެފައެވެ.

މެޓް އޮފީހުން ބުނީ، ކުރިއަށް އޮތް 24 ގަޑިއިރު މެދުތެރޭ އަތޮޅުތަކަށް، ހުޅަގު އުތުރާއި އުތުރުން، ގަޑިއަކު ފަސް މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކަށް ގަޑިއަކު ތިން މޭލާ 10 މޭލު ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ.

އަދި ކަޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް އެ އިދާރާއިން މައުލޫމާތު ދެއްވައެވެ.

comment ކޮމެންޓް