އެމެރިކާގެ ގައުމީސަލާމަތާ ބެހޭ މުސްތަޝާރު ކަމަށް ޖެނެރަލެއް

ޖެނެރަލް މެކްމާސްޓަރ އާއެކު ޓްރަމްޕް

ފްލޮރިޑާ (ފެބްރުއަރީ 21) : އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ މުސްތަޝާރު ކަމުގެ މަގާމަށް ޖެނެރަލެއް ކަމަށްވާ އެޗްއާރު މެކްމާސްޓާ އައްޔަން ކުރެއްވިކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހާމަކުރައްވައިފި އެވެ.

ޓްރަމްޕް މިކަން ހާމަކުރެއްވީ ފްލޮރިޑާގައި ހުންނަ އޭނާގެ ގޭގައި ނޫސްވެރިންނަށް ދެއްވި ބަޔާނެއްގަ އެވެ. ޓްރަމްޕް މިހާރު އުޅުއްވަނީ ފްލޮރިޑާގަ އެވެ. ފްލޮރިޑާގައި ދެއްވި ބަޔާނުގައި ޓްރަމްޕް ވަނީ މެކްމާސްޓާ އަށް ވަރަށް ބޮޑަށް ތާރީފު ކުރައްވައި އޭނާއަކީ އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ މުސްތަޝާރުކަމުގެ މަގާމަށް ތަޖްރިބާއާއި ފެންވަރާއި ހިއްވަރުގެ ގޮތުން އެކަށޭނެ ބޭފުޅެއްކަމަށް ސިފަކުރައްވައިފަ އެވެ.

ޖެނެރަލް އެޗްއާރު މެކްމާސްޓާއަކީ 1991ގައި އިރާގާ ދެކޮޅަށް އެމެރިކާ ކުރި ގަލްފު ހަނގުރާމައިގާ އިސްދައުރެއް އަދާކުރެއްވި ތިންތަރީގެ ޖެނެރަލެކެވެ. މީގެ އިތުރުން އޭނާ ވަނީ އެމެރިކާ އަފްޣާނިސްތާނާ ދެކޮޅަށް ކުރި ހަނގުރާމައިގާ 2004 އިން 2006 އަށް އަފްޣާނިސްތާނުގައި އަސްކަރީ ގޮތުން ޚިދްމަތްތަކެއް ކުރައްވައިފަ އެވެ.

އެމެރިކާގެ ގައުމީ ސަލާމަތާބެހޭ މުސްތަޝާރު ކަމުގެ މަގާމަށް ޓްރަމްޕް އައްޔަން ކުރެއްވި މައިކަލް ފްލިން ވަނީ މިދިޔަ ހަފްތާގެ ކުރިކޮޅު މަގާމުން އިސްތިއުފާ ދެއްވާފަ އެވެ. ފްލިން މަގާމުން އިސްތިއުފާ ދެއްވީ އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ މުސްތަޝާރު ކަމުގެ، މަގާމު ލިބިވަޑައިގަތުމުގެ ކުރިން ވޮޝިންގްޓަންގައި ހުންނަވާ ރަޝިޔާގެ ސަފީރާ ބައްދަލުކުރައްވައި ސިޔާސީ ވާހަކަތަކެއް ދެއްކެވި މައްސަލަ ބޭޒާރު ވުމާ ގުޅިގެންނެވެ. ފްލިން ފަހުން ވަނީ މިކަން ކުރެއްވި ކަމަށް އެއްބަސްވެ ވަޑައިގެންފަ އެވެ.

އެމެރިކާގެ ގާނޫނުތައް ބުނާ ގޮތުން އެމެރިކާގެ އެއްވެސް ރައްޔިތަކު (ސަރުކާރުގެ ނޫނީ ދައުލަތުގެ މަގާމެއް ލިބުމުގެ ކުރިން) ބޭރުގައުމުތަކުގެ ސަފީރުންނާއި އެނޫން ވެސް އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނާ ބައްދަލުކުރައްވައި ސިޔާސީ ވާހަކަތައް ދެއްކުމަކީ މަނާކަމެކެވެ. މިމައްސަލަ އެމެރިކާގެ އެތެރޭގައި ވަރަށް ބޮޑަށް ހޫނުވެފައިވާ އިރު ކޮންގްރެސްގެ އެތަށް މެންބަރުންނެއް ވަނީ މިކަން ހިނގައިދިޔަ ގޮތްބަލައި ތަހްގީގް ކުރުމަށްޓަކައި ފްލިންއާ ސުވާލުކުރުމުގެ ސެޝަނެއް ކޮންގްރެސްގައި ބޭއްވުމަށް ގޮވާލައްވާފަ އެވެ.

ރަޝިޔާއަކީ އެމެރިކާ އަށް ފުޅާ ދާއިރާއެއްގައި ޖާސޫސު ކުރާކަމުގެ ތުހުމަތު ކުރެވިފައިވާ ގައުމަކަށް ވުމުގެ އިތުރުން ރަޝިޔާއަކީ ބައިނަލްއަގްވާމީ މަސްރަހުގައި އެމެރިކާއާ ވާދަކުރާ އެންމެ ބޮޑު އެއްބާރެވެ. ފްލިންގެ މައްސަލާގައި ޓްރަމްޕްގެ ސަރުކާރު ހޫނު ފެނަށް ވެއްޓިފައިވާ އިރު ރަޝިޔާގެ ރައީސް ވްލަޑިމިޔާ ޕޫޓިންއާ ގާތްގުޅުންތަކެއް ބާއްވާކަމުގެ ތުހުމަތު ސީދާ ޓްރަމްޕްގެ މައްޗަށް ވެސް އޭނާއާ އިދިކޮޅު ފަރާތްތަކުން ކުރަމުން ގެންދެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު