އެޓޯލް ޖޫނިއާ ޗެމްޕިއަންޝިޕްގައި ހަތް ކްލަބާއި 22 ސްކޫލަކުން 95 ޓީމު ބައިވެރިވެއްޖެ

ހދ. ކުޅުދުއްފުށީގައި މިދިޔަ އަހަރު ކުރިއަށްދިޔަ އެޓޯލް ޖޫނިއާ ޗެމްޕިއަންޝިޕްގެ ތެރެއިން: މިއަހަރު އެ މުބާރާތް ކުރިއަށްދާނީ އައްޑޫ ސިޓީ ހިތަދޫގައި --- ފޮޓޯ/ އެތުލެޓިކްސް އެސޯސިއޭޝަން

އަންނަ މަހު އައްޑޫ ސިޓީ ހިތަދޫގައި ބާއްވާ މަކީޓާ 10 ވަނަ އެޓޯލް ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި އެސޯސިއޭޝަންގެ މެމްބަރު ހަތް ކްލަބާއި ރާއްޖޭގެ 22 ސްކޫލަކުން 95 ޓީމު ބައިވެރިވެއްޖެ އެވެ.

އަންނަ މަހުގެ 20 އިން ފެށިގެން 23ގެ ނިޔަލަށް ކުރިއަށްދާ އެ މުބާރާތުގައި ބައިވެރިވެފައިވާ ހަތް ކްލަބަކީ ކުޑަ ހުސެއިން ސްޕޯޓްސް އެސޯސިއޭޝަނާއި، ކީން ޔޫތު ސްޕޯޓްސް އެކަޑަމީއާއި، ޒިފިއަސް ސްޕޯޓްސް ކްލަބާއި ކްލަބު ކާމް ސްޕޯޓްސްއާއި، ކްލަބު މުގޫ ސްޕޯޓްސްއާއި، ކްލަބު ރައިވެރިޔާ އަދި ތިނަދޫ ޒުވާނުންގެ ކްލަބެވެ.

އެ މުބާރާތުގައި ބައިވެރިވެފައިވާ ސްކޫލްތަކަކީ ހދ. އަތޮޅު ތައުލީމީ މަރުކަޒު، ޖަލާލުއްދީން ސްކޫލް، ދާންދޫ ސްކޫލް، ގދ. އަތޮޅު މަދަރުސާ، ހުވަދޫ ސްކޫލް، ކަނޑުހުޅުދޫ ސްކޫލް، ގދ. އަތޮޅު ތައުލީމީ މަރުކަޒު، ތިނަދޫ ސްކޫލް، އަބޫބަކުރު ސްކޫލް، ފުވައްމުލަކު ސްކޫލް، ހާފިޒް އަހްމަދު ސްކޫލް، މަދުރަސަތުލް ޝައިޚް މުހައްމަދު ޖަމާލުއްދީން، ޏ. އަތޮޅު ތައުލީމީ މަރުކަޒު، ހުޅުދޫ ސްކޫލް، ސ. އަތޮޅު މަދަރުސާ، ހިތަދޫ ސްކޫލް، ޝަރަފުއްދީން ސްކޫލް، އައްޑޫ ހައި ސްކޫލް، މަރަދޫ ސްކޫލް، މަރަދޫ ފޭދޫ ސްކޫލް، އިރުޝާދިއްޔާ ސްކޫލް އަދި ފޭދޫ ސްކޫލެވެ.

ހަ އުމުރުފުރާއަކަށް ކުރިއަށްގެންދާ އެ މުބާރާތުގެ 13 އަހަރުންދަށުގެ ފިރިހެން ބައިގައި 18 ޓީމު ވާދަކުރާއިރު، އަންހެން ބައިގައި 20 ޓީމު ވާދަކުރާނެއެވެ. މުބާރާތުގެ 16 އަހަރުން ދަށުގެ ފިރިހެން ބައިގައި 17 ޓީމު ވާދަކުރާއިރު، އަންހެން ބައިގައި 14 ޓީމު ވާދަކުރާނެއެވެ. މުބާރާތުގެ 19 އަހަރުންދަށުގެ ފިރިހެން ބައިގައި 14 ޓީމު ވާދަކުރާއިރު، އަންހެން ބައިގައި 12 ޓީމު ވާދަކުރާނެއެވެ.

އެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 7000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅައިފައެވެ. ރަނަރަޕް ޓީމަށް 5000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު، ތިންވަނަ ޓީމަށް 3000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅައިފައެވެ.

ހދ. ކުޅުދުއްފުށީގައި މިދިޔަ އަހަރު ބޭއްވި މުބާރާތުގެ ފިރިހެން ޗެމްޕިއަން ޓީމަކީ އެމްއެސް ހެލްޕިން ހޭންޑް ސްޕޯޓްސް އެކަޑަމީއެވެ. އަދި އަންހެން ޗެމްޕިއަން ޓީމަކީ ހދ. ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލެވެ. އަންހެން އެންމެ މޮޅު އެތުލީޓަކަށް ކްލަބު އީގަލްސްގެ އައިޝަތު ޒާރާ އާތިފް ހޮވުނުއިރު، ފިރިހެން އެންމެ މޮޅު އެތުލީޓަކަށް ހޮވުނީ ޏ. އަތޮޅު ތައުލީމީ މަރުކަޒުގެ މުހައްމަދު ޝަޒީން ޖިހާދެވެ.

comment ކޮމެންޓް