ކިމް އަށް ހަމަލާ ދޭ މަންޒަރު ފެނިގެންދާ ކަމަށް ބުނާ ސީސީޓީވީ ފުޓެޖް އާއްމުވެއްޖެ

ކިމް ޖޮންގް ނަމް އަށް އަންހެނަކު ހަމަލާ ދޭ މަންޒަރު ވީޑިއޯއިން ފެނިގެންދޭ --

ކުއަލަލަމްޕޫރު (ފެބްރުއަރީ 20): އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުންގެ ބޭބެ ކިމް ޖޮންގް ނަމްއަށް ހަމަލާ ދޭ މަންޒަރު ފެންނަ ކަމަށް ބުނާ ސީސީޓީވީ ފުޓެޖް ޖަޕާނުގެ މީޑިއާތަކުން އާއްމުކޮށްފި އެވެ.

ޖަޕާނުގެ ފުޖީ ޓީވީން ދެއްކި ވީޑިއޯއިން ފެނިގެންދަނީ ކުއަލަލަމްޕޫރު އެއާޕޯޓުގައި ކިމް ޖޮންގް ނަމް ހުންނަވަނިކޮށް ދެ ފަރާތުން ދެ އަންހެނުން އޭނާ ކައިރިއަށް ދާ މަންޒަރެވެ. އަދި މިހާރު މެލޭޝިއާގެ ފުލުުހުން ހައްޔަރުކޮށްފައިވާ އަންހެނެއް ކަމަށް ބެލެވޭ އަންހެނަކު ކިމް ހިފަހައްޓައި، އޭނާގެ މޫނުމަތީގައި ފޮތިކޮޅެއް އަޅާ މަންޒަރެވެ. އަދި އޭގެ ކުޑަ އިރުކޮޅެއް ފަހުން އެ ދެ އަންހެނުން ކިމްއާ ދުރަށް ދާ މަންޒަރު ފެނިގެންދެ އެވެ.

އެވީޑިއޯ އިން އިތުރަށް ފެނިގެން ދަނީ ކިމް އެއާޕޯޓުގެ ސަލާމަތީ އޮފިޝަލުންނާ ވާހަކަ ދައްކަވާ މަންޒަރެވެ. އަދި އޭނާގެ ލޮލަށް އިޝާރާތްކޮށް ވާހަަކަ ދެއްކެވުމުން އެއާޕޯޓުގެ ކްލިނިކަށް ކިމް ގެންދާ މަންޒަރު ފެނިގެންދެ އެވެ.

މެލޭޝިއާގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި ކިމް އަވަހާރަވީ އެހަމަލާ ދިން ފަހުން މާގިނަ އިރުތަކެއް ނުވެ ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގަ އެވެ.

މެލޭޝިއާގެ ޑެޕިއުޓީ ނެޝަނަލް ޕޮލިސް ޗީފް ނޫރު ރަޝީދު އިބްރާހީމް ވިދާޅުވި ގޮތުގައި އެއާޕޯޓުގެ ކަސްޓަމާ ސާވިސެސްއާ ވާހަކަ ދައްކަވަމުން ކިމް ވަނީ "ކޮންބައެއްކަން ނޭނގޭ ދެ އަންހެނުން އޭނާގެ މޫނުގައި ފޮތިކޮޅަކުން ދިޔާ އެއްޗެއް ހާކާފައި ކަމަށާއި އޭގެ ފަހުން ބޯއަނބުރާ ގޮތްވާ" ކަމަށް ވިދާޅުވެފަ އެވެ.

ސީސީޓީވީން ފެނިގެންދާ، ކިމް އަށް ހަމަލާ ދިން ކަމަށް ބެލެވޭ އަންހެން މީހާ --

މިދިޔަ ހަފްތާގެ ހޯމަ ދުވަހު ކުއަލަލަމްޕޫރު އެއާޕޯޓުގައި ކިމް ޖޮންގް ނަމް އަވަހާރަކޮށްލުމާ ގުޅިގެން މެލޭޝިއާ އިން ވަނީ މިހާތަނަށް ހަތަރު މީހަކު ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި އުތުރު ކޮރެއާގެ މީހަކާއި މެލޭޝިއާގެ ފިރިހެނަކާއި އިންޑޮނޭޝިއާގެ އަންހެނަކާއި ވިއެޓްނާމުގެ ޕާސްޕޯޓެއް އޮތް އަންހެނަކު ހިމެނެ އެވެ.

އޭގެ ތެރެއިން ވިއެޓްނާމްގެ ޕާސްޕޯޓް އޮތް އަންހެން މީހާއާ ފުލުހުން ސުވާލު ކުރުމުން އޭނާ ވަނީ، ކިމްގެ މޫނުގައި ފޮތިކޮޅެއް އެޅީ މަޖަލަކަށް އެކަން ކުރުމަށް ބަޔަކު އެދުމުން ކަމަށް ބުނެފައި ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

މީގެ އިތުރުން މެލޭޝިއާ ފުލުހުން ވަނީ އެ މައްސަލައާ ގުޅިގެން އުތުރު ކޮރެއާގެ ހަތަރު މީހަކު ހޯދަމުންދާ ކަމަށް ބުނެފަ އެވެ. އެ ހަތަރު މީހުން މެލޭޝީއާ އިން ފުރައިގެން ދިޔައީ ކިމް ޖޮންގް ނަމް އަވަހާރަކޮށްލި ދުވަހު ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

ކިމް ޖޮންގް ނަމްގެ މަރާ ގުޅިގެން އުތުރު ކޮރެއާ އާއި މެލޭޝިއާއަށް އޮތް ގުޅުމަށް ވަނީ ބުރޫ އަރާފަ އެވެ. އެގޮތުން އުތުރު ކޮރެއާގައި ހުންނަވާ މެލޭޝިއާގެ ސަފީރު އަނބުރާ ގައުމަށް ވަޑައިގަތުމަށް މެލޭޝިއާ އިން ވަނީ އަންގައިފަ އެވެ. އަދި ކިމްގެ މަރުގެ ތަހުގީގާ ބެހޭ ގޮތުން މެލޭޝިއާ އިން ކޮންމެވެސް ކަމެއް ފޮރުވާ ކަމަށް އުތުރު ކޮރެއާގެ ސަފީރު ކަންގް ޗޮލް ވިދާޅުވުމާ ގުޅިގެން މެލޭޝިއާގެ ފޮރިން މިނިސްޓްރީން ވަނީ އޭނާ އެމިނިސްޓްރީއަށް ހާޒިރުކޮށްފަ އެވެ.

comment ކޮމެންޓް