ވިޝާމާއާއި ފައިނާޒްގެ ޕެއާ އަދި ޝުބާއާއި ރަޔާންގެ ޕެއާ ވިމެންސް ޑަބަލްސް އިވެންޓްގެ ފައިނަލުން ޖާގަ ހޯދައިފި

މިދިޔަ އަހަރު ބޭއްވި ގައުމީ ކެރަމް މުބާރާތުގެ ތެރެއިން: މި އަހަރުގެ ގައުމީ މުބާރާތުގައި ޖުމްލަ 55 ކުޅުންތެރިން ވާދަކުރޭ --- ފައިލް ފޮޓޯ/ ކެރަމް

ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ބާއްވާ 27 ވަނަ ގައުމީ ކެރަމް މުބާރާތުގެ ވިމެންސް ޑަބަލްސް އިވެންޓްގެ ފައިނަލުން އައިމިނަތު ވިޝާމާއާއި އައިޝަތު ފައިނާޒް އަދި އެންމެ ފަހުގެ ޗެމްޕިއަން އައިމިނަތު ޝުބާ އާދަމްއާއި ފާތިމަތު ރަޔާންގެ ޕެއާ ޖާގަ ހޯދައިފި އެވެ.

ވިމެންސް ޑަބަލްސް އިވެންޓްގެ ފައިނަލުން އެ ކުޅުންތެރިން ޖާގަ ހޯދާފައި ވަނީ ކެރަމް ހޯލްގައި ރޭ ކުޅުނު ސެމީ ފައިނަލުގެ މެޗުތަކުން މޮޅުވެގެންނެވެ.

އެ އިވެންޓްގެ ސެމީގެ ފުރަތަމަ މެޗުގައި ވިޝާމާއާއި ފައިނާޒްގެ ޕެއާ ވަނީ އައިމިނަތު ވިދާދުއާއި އައިމިނަތު ނިފާޝާގެ މައްޗަށް 2-1 ސެޓުން ކުރި ހޯދައިފަ އެވެ. ސެމީގެ ދެވަނަ މެޗުގައި ޝުބާއާއި ރަޔާން ވަނީ އައިޝަތު ޝައުޝަންއާއި ޖުމާނާ ޚަލީލް އަތުން ސީދީ ދެ ސެޓުން މޮޅުވެފަ އެވެ.

އެ މުބާރާތުގައި މެންސް ޑަބަލްސް ސެމީ ފައިނަލް މެޗުތަކާއި މެންސް ސިންގަލްސް އަދި ވިމެންސް ސިންގަލްސް މެޗުތައް ކުރިއަށްދާނެ އެވެ. މެންސް ޑަބަލްސްގެ ސެމީގެ ފުރަތަމަ މެޗުގައި މުހައްމަދު މުންތަސިރުއާއި އިސްމާއިލް އަޒްމީންގެ ޕެއާ ނުކުންނާނީ އަލީ އަކްރަމްއާއި ޔަމާން އަބްދުލް ޖަލީލްގެ ޕެއާއާ ދެކޮޅަށެވެ. އެ އިވެންޓްގެ ސެމީގެ ދެވަނަ މެޗުގައި އަލީ އާޒިމްއާއި ހުސައިން އަލީގެ ޕެއާ ނުކުންނާނީ ނައިފަލް ޝަރީފްއާއި ހާތިމް ހަލީލްގެ ޕެއާއާ ދެކޮޅަށެވެ.

އެ މުބާރާތުގެ މިކްސް ޑަބަލްސް އިވެންޓްގެ ފައިނަލް މެޗު އަންނަ ހުކުރު ދުވަހު ކުޅުމަށް ހަމަޖެހިފައިވާ އިރު، ވިމެންސް ޑަބަލްސް ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ ހޮނިހިރު ދުވަހު އެވެ.

އެ މުބާރާތުގައި ސިންގަލްސް އާއި ޑަބަލްސް އަދި މިކްސް ޑަބަލްސް އިވެންޓްތައް ކުރިއަށްދާ އިރު، ޖުމްލަ 55 ކުޅުންތެރިން ވާދަކުރާނެ އެވެ. އިއްޔެއިން ފެށިގެން މިމަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް މުބާރާތުގެ ކުޅުން ކުރިއަށްދާނެ އެވެ.

މިރޭގެ ފުރަތަމަ ސެޝަންގައި ކުރިއަށްދާނީ އެ މުބާރާތުގެ މެންސް ޑަބަލްސްގެ ކުއާޓާ ފައިނަލްގެ މެޗުތަކެވެ. އަދި ދެވަނަ ސެޝަންގައި ކުރިއަށް ދާނީ މެންސް ޑަބަލްސް އަދި ވިމެންސް ޑަބަލްސްގެ ސެމީ ފައިނަލް މެޗުތަކެވެ.

comment ކޮމެންޓް