ފެކަލްޓީ އޮފް އެޑިޔުކޭޝަނުން އެމްއެންޔޫއެސްޔޫ ވޮލީ މުބާރާތުގެ ތަށި ދިފާއުކޮށްފި

މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީގެ ސްޓޫޑެންޓް ޔޫނިއަނުން އިންތިޒާމްކޮށްގެން ބޭއްވި 3 ވަނަ ފެކަލްޓީ ވޮލީ ބޯޅަ މުބާރާތުގެ ތެރެއިން --- ފޮޓޯ/ ފަޔާޒް މޫސާ

މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީގެ ސްޓޫޑެންޓް ޔޫނިއަން (އެމްއެންޔޫއެސްޔޫ)އިން އިންތިޒާމްކޮށްގެން ބޭއްވި ތިން ވަނަ ފެކަލްޓީ ވޮލީ ބޯޅަ މުބާރާތުގެ އަންހެނުންގެ ބައިގެ ޗެމްޕިއަންކަން ފެކަލްޓީ އޮފް އެޑިޔުކޭޝަނުން ހޯދައިފި އެވެ.

މިއީ އެ ފެކަލްޓިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ތިން ވަނަ ފަހަރެވެ.

ރޭ އަމީނީ ބިލްޑިންގް އެތެރޭ ކޯޓުގައި ކުރިއަށް ދިޔަ ފޯރިގަދަ ފައިނަލް މެޗު ފެކަލްޓީ އޮފް އެޑިޔުކޭޝަނުން ގެންދިޔައީ ފެކަލްޓީ އޮފް ހެލްތް ސައިންސާއި ވާދަކޮށް ސީދާ ތިންސެޓުންނެވެ.

ފޯރިގަދަ ކުޅުމަކަށް ފަހު ފައިނަލުގެ ފުރަތަމަ ސެޓު ފެކަލްޓީ އޮފް އެޑިޔުކޭޝަނުން ގެންދިޔައީ 19-25 އިންނެވެ. ދެވަނަ ސެޓުގައި ފެކަލްޓިއޮފް ހެލްތު ސައިންސް ޓީމު ފެނިގެންދިޔައީ ކޮންމެވެސް ވަރަކަށް ވަރުބަލިކޮށެވެ. އެ ސެޓުގައި އެޓީމުގެ ކުޅުންތެރިންގެ ފަރާތުން ކުދިކުދި ގޯސްތައް ހެދުނުތަން ފެނުނުއިރު އެސެޓުގައި އެޓީމަށް ހޯދުނީ 15 ޕޮއިންޓެވެ. އެހެންނަމަވެސް ފަހު ސެޓުގައި އެޓީމުން ވަނީ ކުޅުން ރަނގަޅުކޮށް ފެކަލްޓީ އޮފް އެޑިޔުކޭޝަނަށް ޕްރެޝަރުކޮށްފަ އެވެ. އެ ސެޓު ފެކަލްޓީ އޮފް އެޑިޔުކޭޝަނުން ގެންދިޔައީ 25-22 އިންނެވެ.

އެމްއެންޔޫއެސްޔޫ އިން ބުނީ މިފަދަ މުބާރާތެއް އެ ޔުނިވާސިޓީގެ ފެކަލްޓީގެ މެދުގައި ކުރިއަށްގެންދިއުމުގެ މަގުސަދަކީ ދޭދޭ ފެކަލްޓީތަކުގެ މެދުގައި އެކުވެރިކަން އާލާކޮށް ދަރިވަރުންގެ މެދުގައި ކުޅިވަރުގެ ރޫހު އާލާ ކުރުން ކަމަށެވެ.

comment ކޮމެންޓް