ނަސީރު އިސްމާއިލް: ކުޅިވަރުން ނުދޭ ހިދުމަތެއް ނެތް

ނަސީރު އިސްމާއިލް: އޭނާ އުންމީދުކުރި ގިނަ ކަންތައްތައް ވަނީ ހާސިލްކޮށްފައި --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ނަސީރު އިސްމާއިލް އެންމެ ފުރަތަމަ ފާހަގަކޮށްލެވެނީ ގައުމީ އެތުލީޓެއްގެ ގޮތުގަ އެވެ. އެންމެ ފުރަތަމަ މަޝްހޫރު ވެގެންދިޔައީ އެންމެ ބާރު ދުވުންތެރިޔާގެ ގޮތުގަ އެވެ. ކޯޗު ނަސީރުގެ ގޮތުގައި ގިނަބަޔަކު ސިފަކުރާ ނަސީރު ކުރިންނެކޭ އެއްގޮތަށް މިހާރު ވެސް ދެމުންދަނީ ގައުމީ ހިދުމަތްތަކެކެވެ.

އެތުލީޓެއްގެ ގޮތުގައި 2004 ވަނަ އަހަރު ރިޓަޔާކުރުމަށް ފަހު ނަސީރުގެ ވާހަކައެއް އަޑެއް ނީވި ދުވަސްކޮޅެއް ދިޔަ އެވެ. ނަމަވެސް މާ ގިނަ ދުވަސްތެކެއް ނުވެ، ނަސީރު ވަނީ އޭނާގެ ވަރަށް ޅަ އުމުރުގައި ކޯޗިން ކެރިޔަރު ފަށައިފަ އެވެ. ފުރަތަމަ ނަސީރު ކޯޗުކޮށްދޭން ފެށީ އަމީނިއްޔާ ސްކޫލާއި ބައެއް ކްލަބުތަކަށެވެ.

ނަސީރު އިސްމާއިލް ސްޕޯޓްސް ޖިމް: ނަސީރު އިސްމާއިލް: ނަސީރު އުންމީދުކުރި ގިނަ ކަންތައްތައް ވަނީ ހާސިލްކޮށްފައި --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ކޯޗިން ކެރިޔަރު ވަރަށް ކާމިޔާބު!

ނަސީރު ސިފަކުރާ ގޮތުގައި، އޭނާ ކޯޗިން ކެރިޔަރު ވަރަށް ވެސް ކާމިޔާބެވެ. އެއީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. ނަސީރުގެ އިރުޝާދުގެ ދަށުން ތަމްރީންތައް ފުރިހަމަ ކުރަމުންދާ ގިނަ އެތުލީޓުންނަކީ ދިގު ދުވުންތަކުގައި ވާދަކުރާ އެންމެ ކާމިޔާބު އެތުލީޓުންނެވެ.

"ރިޓަޔާކުރުމަށް ފަހު އަޅުގަނޑު ކުޅިވަރު ތެރެއަށް ނުވަދެ ދުވަސްކޮޅަކަށް ހުރިން. އެއަށް ފަހު އަޅުގަނޑު ކޯޗިން ކެރިޔަރު ފެށީ. އަޅުގަނޑުގެ މަގްސަދަކަށްވީ މެރަތަން ދުވުންތެރިން އިތުރުކުރަން. އަންހެނުންގެ ހައި ޖަމްޕް އަދި 5 ކިލޯ މީޓަރާއި 10 ކިލޯމީޓަރު ދުވުމުގެ ގައުމީ ރެކޯޑް އޮންނަނީ އަޅުގަނޑުގެ އެތުލީޓުންގެ އަތުގައި. އަޅުގަނޑު ވާނެ ކެންސަރ ސަވައިވާއެއް ލައްވާވެސް ދުއްވާފައި. އެކަހަލަ މީހުން ލައްވާ ދުއްވަން. ބާލިން މެރަތަން ފަދަ ބޮޑެތި މެރަތަންތަކުގައި ދުއްވަން،" 'ސަން ސްޕޯޓްސް'އަށް މައުލޫމާތުދެމުން ނަސީރު ބުންޏެވެ.

ނަސީރު އިސްމާއިލް: އޭނާ އުންމީދުކުރި ގިނަ ކަންތައްތައް ވަނީ ހާސިލްކޮށްފައި ---

ރާއްޖެއަށް ދިގުދުވުން ތައާރަފް ކުރުމުގައި ނަސީރުގެ ދައުރު ބޮޑެވެ. ޓީއެފްޖީ ލޯންގް ރަންއަކީ ނަސީރުގެ ކިބައިން ހިތްވަރު ލިބިގެން ތައާރަފްވެގެން ދިޔަ ދުވުމެއް ކަމަށް އެ ދުވުން އިންތިޒާމްކުރާ ފަރާތުން ދާދި ފަހުން ވަނީ ބުނެފަ އެވެ. މި އަހަރަކީ މެދުކެނޑުމެއްނެތި ޓީއެފްޖީ ލޯންގް ރަން ބާއްވާ ފަސްވަނަ އަހަރެވެ.

ނަސީރަކީ ރަނާސް މޯލްޑިވްސްގެ ކޯޗު!

ދުވުންތެރިންގެ ތަމްރީންތައް ކުރިއަށްގެންދާ އެންމެ ބޮޑު އެއް ކްލަބުގެ ގޮތުގައި ރަނާސް މޯލްޑިވްސް ފާހަގަކޮށްލެވެ އެވެ. އެ ކްލަބުގެ ހުރިހާ ޕްރޮގްރާމެއް ކުރިއަށްގެންދަނީ ނަސީރުގެ އިރުޝާދުގެ ދަށުންނެވެ. މީހުންނަށް ނަސީރު ކޯޗުކޮށްދެނީ އާމްދަނީއެއް ހޯދުމަށް ވުރެ ހިލޭ ސާބަހަށް ކޮށްދޭ ހިދުމަތެއްގެ ގޮތުގަ އެވެ.

"ރަނާސް މޯލްޑިވްސްގައި 50 އަށްވުރެ އެތުލީޓުން އުޅޭނެ. އެންމެ ގިނަ މީހުން ބޭރަށް ދިއުމާއި ދުވުންތަކުގައި ބައިވެރިވާނީ ރަނާސް މޯލްޑިވްސްގެ ދަށުން. ރާއްޖޭގެ އެންމެ މޮޅު އެތުލީޓުން ވެސް މިތިބީ ރަނާސް މޯލްޑިވްސްގައި. ގިނަ މީހުންނަކީ ވަޒީފާތަކުގައި އުޅެމުން ހުސްވަގުތުތަކުގައި ދުވާ މީހުން. އުމުރުން ދުވަސްވީ މީހުންގެ ތެރެއިން ވެސް އެންމެ ބާރު ދުވުންތެރިން އުޅޭނީ ރަނާސް މޯލްޑިވްސްގައި،" އޭނާ ބުންޏެވެ.

ނަސީރު އިސްމާއިލް ރަނާސް މޯލްޑިވްސްގެ ދުވުންތެރިންނާއެކު: ނަސީރު އުންމީދުކުރި ގިނަ ކަންތައްތައް ވަނީ ހާސިލްކޮށްފައި ---

ކުޑަކުދިންނަށް ވެސް ނަސީރުގެ ހިދުމަތް!

ނަސީރުގެ ހިދުމަތްތައް އެތުލީޓުންނާއި، ފިޓްވާން ބޭނުންވާ މީހުންނާއި، ބަނޑުހިންދަން ބޭނުންވާ މީހުންގެ އިތުރުން ކުޑަކުދިންނަށް ވެސް ލިބޭނެ އެވެ. ނަސީރު އިސްމާއިލް ސްޕޯޓްސް އެކަޑަމީގެ ނަމުގައި އޭނާ ކުރިއަށްގެންދާ ޕްރޮގްރާމްތަކުގެ މަގްސަދަކީ ކުރިމަގުގައި ގައުމު ފަހުރުވެރިކޮށްދޭ އެތުލީޓުން އުފެއްދުމެވެ. ހަސަން ސާއިދަކަށް ފަހު އިތުރު ހަސަން ސާއިދެއް އުފެއްދުމެވެ.

"ސްޕޯޓްސް އެކަޑަމީއަށް މިހާރު ދެ ކޯޗުން ވާނީ ހަމަޖައްސާފައި. އެ ކޯޗުން ޕްރޮގްރާމްތައް ގެންދާނީ އަޅުގަނޑު ދޭ ޕްރޮގްރާމްތައް. މިހާރު އެކަޑަމީގައި ގާތްގަނޑަކަށް 100 އެއްހާ ކުދިން އުޅޭނެ. އޭގެ ތެރޭގައި މިހާރު ވަރަށް ހުނަރުވެރި ދުވުންތެރިން އުޅޭ،" އޭނާ ބުންޏެވެ.

ނަސީރު އިސްމާއިލް އެކަޑަމީ ކުދިންނާ އެކު: ނަސީރު އުންމީދުކުރި ގިނަ ކަންތައްތައް ވަނީ ހާސިލްކޮށްފައި ---

ނަސީރު ސްޕޯޓްސް މަސާޖް ތެރަޕީ!

ނަސީރު ދެކޭގޮތުގައި އެތުލީޓުން ފިޓްކޮށް ހުރުމަށް މަސާޖު ހޯދުމަކީ ވަރަށް މުހިންމު ކަމެކެވެ. އެތުލީޓުންނާއި އެކި ކުޅިވަރުތައް ކުޅޭ ކުޅުންތެރިން އާންމުކޮށް އަނިޔާއާ ކުރިމަތިލާން ޖެހެނީ ވެސް ރަނގަޅަށް ސްޕޯޓްސް މަސާޖު ނުލިބޭތީ ކަމަށް އޭނާ ގަބޫލުކުރެ އެވެ. އެހެންވެގެން ސްޕޯޓްސް މަސާޖް ދިނުމަށް މިދިޔަ އަހަރުގެ ތެރޭގައި ނަސީރު ވަނީ ސްޕޯޓްސް މަސާޖް ދިނުމުގެ ހިދުމަތް ފަށައިފަ އެވެ. ނަސީރުގެ އެ ހިދުމަތް ހޯދަން އަންނަ މީހުން ވެސް މަދެއް ނޫނެވެ.

"ސީޒަންތަކަކަށް މިއަންނަނީ. މުބާރާތްތައް އޮންނައިރު މީހުން ގިނައިން އަންނަނީ. ސްޕޯޓްސް މަސާޖަކީ އަސްލު ވަރަށް މުހިންމު އެއްޗެއް. ކުޅިވަރު ކުޅޭ މީހެއް ނަމަ، ހަފްތާއަކު ދެތިން ދަވަހު މަސާޖުކުރަން ޖެހޭނެ. އިންޖަރީތައް ވުމަށް ދިމާވާ އެންމެ ބޮޑު އެއް ސަބަބަކީ ރިވަކަރީ ނުވެފައި، މަސާޖު ނުކުރެވޭތީ. މިހާރު ވޮލީ އާއި ބާސްކެޓް ކުޅޭ މޮޅެތި ކުޅުންތެރިން އާދޭ،" ނަސީރު ބުންޏެވެ.

ނަސީރު އިސްމާއިލް ސްޕޯޓްސް ޖިމް އުފެއްދުން!

މިހާރު އެންމެ ފަހުން ނަސީރު ވަނީ ޖިމްގެ ހިދުމަތް ވެސް ފަށައިފަ އެވެ. އެ ހުރިހާ ކަމެއް ވެސް މިހާރު ގުޅިފައިވާ ތަނަކީ ކުޅިވަރު އެކުވެނީގައި ނަސީރު ދާދި ފަހުން ހުޅުވި ނަސީރު ސްޕޯޓްސް ޖިމް އެވެ. މިހާރު އެތަނުގެ ހިދުމަތް ހޯދާ މީހުންގެ ނިސްބަތް ވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފަ އެވެ.

ނަސީރު އިސްމާއިލް ސްޕޯޓްސް ޖިމް: ނަސީރު އިސްމާއިލް: ނަސީރު އުންމީދުކުރި ގިނަ ކަންތައްތައް ވަނީ ހާސިލްކޮށްފައި --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

"އެކަޑަމީން ބިޑްކޮށްގެން ލިބުނީ. ވަރަށް ބޭނުންވާކަމެއް ފުރިހަމަވެގެން މިދިޔައީ. ކޯޗަކަށްވެ ހުރެ ޖިމްއެއް ހަދަން ވެސް ބޭނުންވެފައި ހުރީ. ފިޒިއޮތެރަޕީއާއި މަސާޖްގެ ކަންތައް ކުރިއަށްގެންދާތީ ޖިމްއަކަށް ބޭނުންވެފައި ހުރީ. ކުރިން ގިނަ މީހުން ފޮނުވަމުންދިޔައީ އެހެން ޖިމްތަކަށް. އަމިއްލަ ޖިމްއެއް ހުރީމާ ވަރަށް ފަސޭހަ. މި ތަނުގައި ފެންވަރު ރަނގަޅު ވަސީލަތްތައް މިހުރީ. ކުރިއަށްއޮތްތަނުގައި އިތުރު ވަސީލަތްތައް ގެންނާނަން،" އޭނާ ބުންޏެވެ.

ނަސީރު އެ ޖިމް ހުޅުވީކީ ބޮޑީ ބިލްޑަރުންނަށް ހާއްސަކޮށްގެންނެއް ނޫނެވެ. އެ ޖިމް ބޭނުންކުރެވެނީ ޖެނެރަލް ފިޓްނަސްއަށާއި ބަނޑު ހިންދާ މީހުންނަށާއި ފިޓްވާން ބޭނުންވާ މީހުންނަށާއި ހާއްސަކޮށް އަންހެނުންނަށް އަދި ރިހެބް ހެދުމަށް ބޭނުންވާ މީހުންނަށެވެ. ކުރިން ނަސީރު ކޯޗުކޮށްދޭ މީހުން އެހެން ޖިމްތަކަށް ދާންޖެހުނަސް މިހާރު އެމީހުން ވެސް ހިދުމަތް ހޯދަމުންދަނީ ނަސީރުގެ ޖިމްއިންނެވެ.

އެސޯސިއޭޝަނަށް ވެސް ކޯޗުކޮށްދޭން ނަސީރު ބޭނުންވޭ!

ކުޅިވަރު ކުޅުމާއި ކުޅިވަރު ކުރިއެރުވުމުގެ ދާއިރާއިން ގައުމީ އިނާމު ހާސިލްކުރި ނަސީރު އިސްމާއިލް(ވ)އަށް 2013 ވަނަ އަހަރު ރައީސް ޑރ. ވަހީދު ހަސަން މަނިކު އިނާމު ހަވާލުކޮށްދެއްވަނީ ---

އެތުލެޓިކްސް އެސޯސިއޭޝަންގެ ގައުމީ ކޯޗަކަށް ވުމަކީ ވެސް ނަސީރު ވަރަށް ބޭނުންވާ ކަމެކެވެ. އެއީ އޭނާ ހާސިލްކުރަން ބޭނުންވާ އުންމީދެކެވެ. މިހާރު ވެސް މޮޅެތި އެތުލީޓުންތަކަކަށް ކޯޗުކޯށްދީ، މޮޅެތި އެތުލީޓުންތަކެއް އުފައްދާ ނަސީރު ގައުމީ ކޯޗަކަށް ވެސް ވާން ބޭނުންވެ އެވެ.

"ރިޓަޔާކުރި ފަހުން އަދިވެސް އެސޯސިއޭޝަނުން އަޅުގަނޑުގެ އެހީއަށް އެދިފައެއް ނުވޭ. ވަރަށް ދެރަވާ ކަމެއް. ދިވެހި ރާއްޖޭގެ ގިނަ އެތުލީޓުން އުފެދެނީ ސިފައިން ގޭގައި. ސިފައިންގެ ގޭގައި އެކަންތައް ކުރެވެން އޮތީ. އެމީހުންގެ މީހުން ގިނަވެފައި ދުވަން ފުރުސަތު ލިބޭތީ. އެތަނުން ހަމައެކަނި ލީވް ދެނީ އެސޯސިއޭޝަންގެ ކޯޗުންނަށް. އެއީ ރަނގަޅު އުސޫލެއްގެ ގޮތުގައި އަޅުގަނޑެއް ނުދެކެން،" އޭނާ ބުންޏެވެ.

ނަސީރުގެ ހުވަފެންތައް އޭނާ ދަނީ ހަގީގަތަށް ހަދަމުންނެވެ. އެގޮތުން އޭނާގެ އެންމެ ބޮޑެތި ހުވަފެންތައް މިހާރު ވަނީ ހަގީގަތަކަށް ހަދައިފަ އެވެ. ހަގީގީ ކުލަވަރު ފެންނަ ނަސީރުގެ މޫނުމަތިން ވެސް މިހާރު ފެންނަމުންދަނީ އުޖާލާކަމެވެ. ކުޅިވަރުގައި ހިދުމަތެއް ބޭނުންވާ ކޮންމެ މީހަކަށް، ކްލަބެއް ނުވަތަ ޖަމިއްޔާއަކަށް އޭނާ ހުރީ އެހީތެރިވެދޭން ތައްޔާރަށެވެ. ނަސީރަކީ ހަގީގީ ގައުމީ ހިދުމަތްތެރިއެކެވެ.

comment ކޮމެންޓް