މާވާރުލު އެއާޕޯޓް ހެދުން މޫވިން އިންޓަނޭޝަނަލްގެ އަތުން އަތުލީ ރަނގަޅަށް: ސިވިލް ކޯޓު

ސިވިލް ކޯޓު ----

ގދ. މާވާރުލުގައި ޑޮމެސްޓިކް އެއާޕޯޓެއް ތަރައްގީ ކުރަން ހަވާލުކުރި މޫވިން އިންޓަނޭޝަނަލްގެ އަތުން އެ މަސައްކަތް އަތުލީ ރަނގަޅަށް ކަމަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.

މާވާރުލުގައި ޑޮމެސްޓިކް އެއާޕޯޓެއް ތަރައްގީކޮށް ހިންގުމަށް މޫވިން އިންޓަނޭޝަންލްއާ ހަވާލުކުރީ 2011 ވަނަ އަހަރުގެ ޖުލައި މަހުގެ 10 ވަނަ ދުވަހުއެވެ. އަދި އެގްރީމެންޓް ބާތިލްކޮށް އެތަން އަނބުރާ ސަރުކާރަށް ނެގީ މިދިޔަ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހުއެވެ.

ސިވިލް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނެފައި ވަނީ މޫވިން އިންޓަނޭޝަލްއާ އެކު ސޮއިކުރި އެއްބަސްވުން ރީޖިނަލް އެއާޕޯޓްސްް އިން އުވާލީ އެއްބަސްވުމުގައިވާ މުއްދަތުގެ ތެރޭގައި މަސައްކަތް ނިންމިފައިނުވާތީ ކަމަށެވެ. އެއްބަސްވުން ބާތިލްކުރީ އެއްބަސްވުމުގައިވާގޮތުގެމަތިން ނޯޓިސް ދިނުމަށްފަހު ކަމަށް ވެސް އެ ހުކުމްގައި ވެއެވެ.

އެ އެއްބަސްވުން ބާތިލްކޮށްފައި ވަނީ އެއްބަސްވުން ބާތިލްކުރަންޖެހޭ އިޖުރާއަރާ އެއްގޮތަށްކަން ޝަރީއަތަށް ސާބިތުވާ ކަމަށް ވެސް އެ ހުކުމްގައި ވެއެވެ. އެހެންކަމުން އެއްބަސްވުން ބާތިލްކުރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ދައުވާ ކުރުމުގެ ހައްގު އެ ކުންފުންޏަށް ލިބިގެންނުވާ ކަމަށް ސިވިލް ކޯޓުން ވަނީ ކަނޑައަޅައިފައެވެ.

comment ކޮމެންޓް