ޔޫރަޕް ބަލިކަށި ކުރުމަށް އެމެރިކާ ގެންގުޅޭ ވިސްނުމަށް ފަރަންސޭސިވިލާތުން އިންޒާރެއް ދީފި

ޕެރިސް (ފެބްރުއަރީ 19): ޔޫރަޕްގެ އިއްތިޙާދު ބަލިކަށި ކުރުމަށް އެމެރިކާ ގެންގުޅޭ ވިސްނުމާ ދެކޮޅަށް ޔޫރަޕްގެ ގައުމުތައް ތެދުވާނެކަމުގެ އިންޒާރު ފަރަންސޭސިވިލާތުން ދީފި އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރަށް އިންޒާރު ދެއްވަމުން ފަރަންސޭސި ޚަރިޖީ ވަޒީރު ޖޭން މާކް އައިރައުލްޓް ވިދާޅުވީ ޔޫރަޕްގެ އިއްތިޙާދު ބަލިކަށިކޮށް ޔޫރަޕިޔަން ކޮމިއުނިޓީ ބައިބައި ކުރުމަށް އެމެރިކާ މަސައްކަތްކުރާނަމަ އެކަން ނާކާމިޔާބުކޮށްލަން ޔޫރަޕްގެ ގައުމުތައް ނުކުންނާނެކަން ވޮޝިންޓަނަށް އެނގެން ޖެހޭނެ ކަމުގައެވެ.

އިނގިރޭސިވިލާތް ޔޫރަޕްގެ އިއްތިޙާދުން ވަކިވުން (ބްރެކްސިޓް) ގެ ސަބަބުން އިނގިރޭސިވިލާތަށް ލިބޭ ވިޔަފާރީގެ ގެއްލުންތައް ފޫބެއްދުމަށް އެމެރިކާ އެހީތެރިވެދޭނެކަމަށް ދާދިފަހުން ޓްރަމްޕް ވިދާޅުވި ވިދާޅުވުމަށް އިޝާރާތް ކުރައްވައި އައިރައުލްޓް ވިދާޅުވީ އެގެއްލުންތައް ފޫބައްދައި ދިނުމުގެ އިގްތިސާދީ ކެރިފޯރުންތެރިކަން އެމެރިކާގެ ކިބާގައި ނެތްކަމުގައެވެ.

އިނގިރޭސިވިލާތުގެ ގިނަ އުފެއްދުންތައް ވިއްކަމުން ގެންދަނީ ޔޫރަޕްގެ އިއްތިޙާދުގެ ގައުމުތަކަށެވެ. އެއީ ޔޫރަޕްގެ އިއްތިޙާދުގައި އޮންނަ ކޮމަންމާކެޓް ސިޔާސަތުގެ ދަށުންނެވެ. އިނގިރޭސިވިލާތުން ޔޫރަޕްގެ އިއްތިޙާދަށް އެކްސްޕޯޓްކުރާ އެކިބާވަތުގެ އުފެއްދުންތަކާއި ކުރާ ވިޔަފާރީގެ މުއާމަލާތްތަކުގެ މިންވަރު އަހަރެއްގެ މައްޗަށް 17 ބިލިޔަން އެމެރިކާ ޑޮލަރަށް އަރާކަމަށްވެއެވެ.

ބްރެކްސިޓް ގެ ސަބަބުން އިނގިރޭސި އުފެއްދުންތައް ޔޫރަޕަށް އެކްސްޕޯޓް ނުކުރެވޭނެތީ އިނގިރޭސިވިލާތް މިހާރު ގެންދަނީ މި 17 ބިލިޔަން ޑޮލަރުގެ ވިޔަފާރީ މުއާމަލާތްތައް ކުރާނެ އެހެން ބާޒާރުތަކެއް ޔޫރަޕުން ބޭރުން ހޯދުމަށް މަސައްކަތް ކުރަމުންނެވެ. މިކަމަށްޓަކައި އިނގިރޭސީން އެންމެ ބޮޑަށް ކަޅިއަޅަމުން ގެންދަނީ ގަލްފުގެ އަރަބި ގައުމުތަކަށާއި އެމެރިކާއަށެވެ. އިނގިރޭސި ބޮޑުވަޒީރާ ތެރީސާ މޭ ދާދިފަހުންވަނީ މިކަމަށްޓަކައި ގަލްފުގެ އަރަބި ގައުމުތަކުގެ ލީޑަރުންނާ ބައްދަލުކުރައްވާފައެވެ. އަދި ޓްރަމްޕް އެމެރިކާގެ ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށްފަހު ތެރީސާ ވަނީ ކުއްލި ގޮތަކަށް އެމެރިކާއަށް ވަޑައިގެން އެމެރިކާއާ އިނގިރޭސިވިލާތުގެ ވިޔަފާރީގެ މުއާމަލާތްތައް އިތުރުކުރެވޭނެ ގޮތްތަކާބެހޭގޮތުން ޓްރަމްޕާ މަޝްވަރާ ކުރައްވާފައެވެ.

ޓްރަމްޕްވަނީ އިނގިރޭސިވިލާތް ޔޫރަޕްގެ އިއްތިޙާދުން ވަކިވުމަކީ އެގައުމުން އެޅި ރަނގަނޅު ފިޔަވަޅެއްކަމަށް ސިފަކުރައްވައި ބްރެކްސިޓްގެ ސަބަބުން އިނގިރޭސިވިލާތަށް ލިބޭ ވިޔަފާރީގެ ގެއްލުންތައް ފޫބައްދައި ދިނުމުގައި އެމެރިކާ އެހީތެރިވާނެ ކަމަށް ވިދާޅުވެފައެވެ.

ޓްރަމްޕް މިމޭރުމުން ވާހަކަ ދެއްކެވީ ޔޫރަޕްގެ އިއްތިޙާދު ބަލިކަށިކޮށް ޔޫރަޕިޔަން ކޮމިއުނިޓީ ބައިބައި ކުރުމުގެ ބޭނުމުގައި ކަމަށް ޔޫރަޕްގެ ގިނަ ގައުމުތަކުން ދެކެއެވެ. ފަރަންސޭސި ނޫހެއްކަމަށްވާ ޖޯނަލް ޑި ޑިމާންޝް އަށް ދެއްވި ބަސްދީގަތުމެއްގައި ފަރަންސޭސި ޚަރިޖީ ވަޒީރު ވިދާޅުވީ ޔޫރަޕްގެ އިއްތިޙާދުގެ މެންބަރު ގައުމުތަކަށް އެއިއްތިޙާދުން ލިބިދޭ ވިޔަފާރީގެ ނަފާތަކަކީ އެތަށް ބިލިޔަން ޑޮލަރެއްގެ ނަފާތަކެއް ކަމަށާ އެއިއްތިޙާދުން ވަކިވާ ކޮންމެ މެންބަރަކަށް މިފަދަ ވިޔަފާރީގެ ނަފާތަކެއް ހޯދައިދިނުމަކީ އެމެރިކާއަށް ކުރެވޭނެ ކަމެއްނޫން ކަމުގައެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންގުޅުއްވާ ހަރުކަށި ސިޔާސަތުތަކާއި އޭނާގެ ވިސްނުންތައް ހުންނަ އެކަހެރި ގޮތުން ފަރަންސޭސިވިލާތާއި ޖަރުމަނުފަދަ ޔޫރަޕްގެ ބޮޑެތި ގައުމުތައް މިހާރުވަނީ އެމެރިކާއާމެދު ޝައްކާއި ވަހުމުގެ ނަޒަރަކުން ބަލަން ފަށާފައެވެ. މިއާއެކު ޔޫރަޕާއި އެމެރިކާއާ ދެމެދު ޒަމާނުއްސުރެ އޮތް ގާތްކަމަށް ބޮޑެތި ބުރޫތަކެއް އަރައި ދެފަރާތުގެ އިތުބާރުވެސް ވަނީ ގެއްލޭގޮތް ވެފައެވެ. (ރޮއިޓާސް)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު