ރާއްޖޭގައި އިންވެސްޓް ކުރެއްވުމަށް ޓްރަމްޕުގެ ދަރިކަލުން ޝައުގުވެރިވޭ!

ޑޮނަލްޑް ޓްރަމްޕް ޖޫނިއާ އަދި ޓްރަމްޕްގެ ދެވަނަ ދަރިކަލުން އެރިކް ފެޑްރިކް ޓްރަމްޕް (ކ-ވ) ---

އެމެރިކާގެ ރައީސް ޑޮލަންޑް ޓްރަމްޕުގެ ދެ ދަރިކަލުން، ޑޮނަލްޑް ޓްރަމްޕް ޖޫނިއާ އާއި ޓްރަމްޕްގެ ދެވަނަ ދަރިކަލުން އެރިކް ފެޑްރިކް ޓްރަމްޕް ރާއްޖޭގައި ޗުއްޓީ ހޭދަކުރައްވަމުން ގެންދަވާ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކުރިއެވެ. އެ ދެބޭފުޅުން ރާއްޖެ އައިސްފައިވަނީ މިމަހުގެ 14 ވަނަ ދުވަހު ކަމަށާއި ޗުއްޓީ ހޭދަކުރައްވަނީ ޕާ އަކުއަމް ނިޔާމާ ރިސޯޓުގައި ކަން ވެސް އޮތީ އެނގިފައެވެ.

ނަމަވެސް އެ ދެ ބޭފުޅުން ޗުއްޓީ ހޭދަކުރެއްވުމަށްފަހު މިދިޔަ ހުކުރު ދުވަހު ރާއްޖެއިން ފުރާފައިވާއިރު، އެ ދެބޭފުޅުންގެ ޗުއްޓީއާ ގުޅޭ ގިނަ ކަންތައްތަކެއް އޮތީ ކަށަވަރު ނުކުރެވިއެވެ.

ޓްރަމްޕަށް އެމެރިކާގެ ވެރިކަން ލިބިވަޑައިގަތުމާ ގުޅިގެން، އޭނާގެ ވިޔަފާރިތައް ހިންގާ "ދަ ޓްރަމްޕް އޮގަނައިޒޭޝަން" ހިންގުމުގައި އެންމެ އިސްކޮށް އުޅުއްވަނީ ޓްރަމްޕް ޖޫނިއާ އާއި އެރިކް ޓްރަމްޕެވެ. ޓްރަމްޕް އެމެރިކާގެ ރައީސްކަން ކުރައްވަމުން ގެންދަވާހާ ހިނދަކު ވިޔަފާރީގެ ހުރިހާ ކަމެއް ހިންގަވާނީ އެ ދެބެއިންނެވެ.

ނަމަވެސް ލިބިފައިވާ ރިޕޯޓްތަކާ ހަވާލާދީ ރާއްޖޭގެ ފަތުރުވެރިކަމާބެހޭ ހަބަރާއި މައުލޫމާތު ގެނެސްދޭ އޮންލައިން ނޫހެއް ކަމަށްވާ މޯލްޑިވްސް އިންސައިޑާ އިން ބުނީ، ޓްރަމްޕް ޖޫނިއާ އާއި އެރިކް ޓްރަމްޕް ރާއްޖެ ވަޑައިގަތީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި އިންވެސްޓްކުރެވޭނެ ފުރުސަތުތަކާ ގުޅޭގޮތުން ދިރާސާ ކުރުމަށް ކަމަށެވެ.

ޓްރަމްޕުގެ ދަރިކަލުން ރާއްޖޭގައި އިންވެސްޓްކުރުމަށް ދިރާސާ ކުރައްވަމުން ގެންދަވާ ކަމަށް ރިޕޯޓްތައް ބުނާއިރު، 2012 ވަނަ އަހަރު، އިކޮނޮމިކްސްގެ ދާއިރާއިން މަތީ ތައުލީމް ހާސިލް ކުރައްވާފައިވާ، ޓްރަމްޕް ޖޫނިއާ ވަނީ ރާއްޖެ ވަޑައިގެން ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތަކާ ގުޅޭގޮތުން މައުލޫމާތު އޮޅުން ފިލުއްވާފައެވެ.

ޓްރަމްޕުގެ ވިޔަފާރީގެ ތެރޭގައި ހިމެނޭ ރިއަލް އެސްޓޭޓް ދާއިރާގެ ޕްރޮޖެކްޓްތަކާއި އެ ވިޔަފާރިއާ ގުޅުން ހުރި ކަންތައްތަކުގެ ހެޑް ކަމުގެ އިތުރުން ކުންފުނީގެ އެހެން ވިޔަފާރިތަކުގެ އެޑްވައިޒަރުކަން ވެސް ޖޫނިއާ ޓްރަމްޕް ކުރައްވައެވެ. އަދި ކުންފުނީގެ ނައިބް ރައީސްކަން ކުރައްވާ އެރިކް ޓްރަމްޕަކީ ބޭރު ގައުމުތަކުގައި އެ ކުންފުނިން ހިންގާ ރިއަލް އެސްޓޭޓް ޕްރޮޖެކްޓްތަކުގެ އިސް ވެރިޔާއެވެ.

comment ކޮމެންޓް