ބީއޭމްއެލްގެ މުއްޒަފުން ތިން އެންޖީއޯއަކަށް 90،000 ރުފިޔާ ހަދިޔާކޮށްފި

ބީއެމްއެލްގެ ފަރާތުން މިއަދު ކުރިއަށް ގެންދިޔަ ދުވުން ފެއްޓުމުގެ ކުރިން ދުވުމުގެ ބައިވެރިން --- ފޮޓޯ: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވިސް (ބީއެމްއެލް)އިން ކޮންމެ އަހަރަކު ބާއްވާ "ބީއެމްއެލް ސްޓާފް ޗެރިޓީ ރަން" މެދުވެރިކޮށް ތިން ޖަމިއްޔާ އަކަށް 90،000 ހާސް ރުފިޔާ ހަދިޔާކޮށްފި އެވެ.

"ބީއެމްއެލް ސްޓާފް ޗެރިޓީ ރަން" އަކީ އެ ބޭންކުގެ ސްޓާފުން ކޮންމެ އަހަރަކު ވެސް ދުވެގެން ރާއްޖޭގައި ހަރަކާތްތެރިވާ ޖަމިއްޔާ ޖަމާއަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހިންގާ ޕްރޮގްރާމެކެވެ.

އިއްޔެ ހެނދުނު 6:30 ގައި ބީއެމްއެލް ހެޑް އޮފީސް ކުރިމަތިން ފެށި އެ ދުވުމުގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އެންޑްރޫ ހީލީއާ އެކު 250 އަށް ވުރެން ގިނަ މުއްޒަފުން ބައިވެރިވެފައިވެއެވެ.

ބީއެމްއެލްގެ ފަރާތުން މިއަދު ކުރިއަށް ގެންދިޔަ ދުވުން ނިންމާލުމަށްފަހު އެންޑްރޫ ހީލީ(މ) ބައެއް ބައިވެރިންނާއި އެކު --- ފޮޓޯ: ބީއެމްއެލް

ރަސްފަންނު ސަރަހައްދަށް ދުވުން ނިންމާލުމަށްފަހު ބީއެމްއެލްގެ ފަރާތުން އެންޑްރޫ ހީލީ ވަނީ ތިން އެންޖީއޯއިން ކުރެ ކޮންމެ އެންޖީއޯއަކަށް 30،000 ރުފިޔާގެ ފައިސާގެ ރަމްޒީ ޗެކް ހަވާލުކޮށްދެއްވާފައެވެ. އެ ތިން އެންޖީއޯ އަކީ މޯލްޑިވްސް ޑެފް އެސޯސިއޭޝަން އާއި ބްލައިންޑް އެންޑް ވިޒުއަލީ އިމްޕެއާޑް ސޮސައިޓީ އަދި މެންޓަލް ހެލްތު އެވެއާނަސް ފައުންޑޭޝަންއެވެ.

ބީއެމްއެލުން ބުނީ މިއަދު ހަދިޔާކުރި ފައިސާ ތިން އެންޖިއޯއިން ވެސް ހޭދަކުރުމަށް ހަމަޖެހިފައިވަނީ އެޖަމިއްޔާތަކުން ކުރިއަށް ގެންދާ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ރާވައި ހިންގުމަށެވެ.

ބީއެމްއެލް އިން ވަނީ "އަހަރެންގެ ބޭންކް"ގެ ނަމުގައި ދިވެހިންނާއި ބީއެމްއެލް އާ އޮތް ގުޅުން އިތުރަށް ބަދަހި ކުރުމަށް މުޅި ރާއްޖެއަށް އަމާޒުކޮށްގެން ކެމްޕޭނެއް ފަށާފައެވެ. އެކެމްޕޭންގެ ތެރެއިން މި ފެބްރުއަރީ މަހުގެ ކޮންމެ ދުވަހަކުވެސް މުޖުތަމަޢަށް ފައިދާ ހުރި ހަރަކާތެއް ބޭންކުން ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.

"އަހަރެންގެ ބޭންކް ކެމްޕޭންގެ ތެރެއިން މަދަނީ ޖަމިއްޔާތަކާ ބޭންކާ އޮތް ގުޅުން އިތުރަށް ބަދަހިވަމުން އެބަދޭ. އަޅުގަނޑުމެން ރާވާފައިމިވަނީ ދިވެހި މުޖުތަމަޢަށް ދެމެހެއްޓެނިވި އަދި ފައިދާކުރުވަނިވި ގިނަ ހަރަކާތްތަކެއް މިއަހަރު ތެރޭ ހިންގަން. ބީއެމްއެލް މުވައްޒަފުންގެ ފަރާތުން މިއަދު މިދައްކުވައިދިނީ މުޖުތަމައަށް އެހީވުމުގައި ބޭންކުގެ މުވައްޒަފުންގެ އިސްނެގުމާއި މިފަދަކަންކަމަށް ހުންނަ ޝައުގުވެރިކަން. އަދި މިފަދަ މުހިންމު ދާއިރާތަކުގައި މަސައްކަތް ކުރާ ޖަމިއްޔާތަކަށް އެހީ ފޯރުކޮށްދެވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް،" ބޭންކްގެ އޮފިޝަލަކު ވިދާޅުވިއެވެ.

comment ކޮމެންޓް