ތިންވަނަ އެމްބީއޭ ކަޕްގެ ދެވަނަ ޑިވިޝަންގައި ސްޓިންގާސް ބާސްކެޓްބޯލް ކްލަބު ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ، ގްރޫޕް ދޭއްގެ އެއްވަނައިގެ ގޮތުގައި ސެމީ ފައިނަލުގެ ޖާގައެއް ހޯދައިފިއެވެ.
އިއްޔެ ހަވީރު ކުޅުނު ގްރޫޕް ދޭއްގެ މެޗުގައި ސްޓިންގާސް ވަނީ ރައިވެރިޔާ ސްޕޯޓްސް ކްލަބުގެ މައްޗަށް ފަސޭހަކަމާއެކު ކުރި ހޯދައިފައެވެ.
އިއްޔެ ކުޅުނު މެޗުގައި ސްޓިންގާސްއިން ރައިވެރިޔާގެ މައްޗަށް ކުރި ހޯދާފައިވަނީ 118-58 ޕޮއިންޓުންނެވެ. އެ މެޗު މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ސްޓިންގާސްއަށް 32 ޕޮއިންޓް ހޯދައިދިން އަހްމަދު ސަނީހުއެވެ.
ގްރޫޕް ދޭއްގައި ސްޓިންގާސް ވަނީ ރައިވެރިޔާ އަދި ރެޑް ވިންގްސް ބާސްކެޓްބޯލް ކްލަބާ ދެކޮޅަށް ދެ ފަހަރު ނުކުމެ، އެ ހަތަރު މެޗުން ވެސް ކުރި ހޯދައިފައެވެ. އެ ގްރޫޕްގެ ދެވަނަ ކަށަވަރުވާނީ މިމަހުގެ 21 ވަނަ ދުވަހު ރައިވެރިޔާއާއި ރެޑް ވިންގްސް ބައްދަލުކުރާ މެޗަށްފަހުއެވެ. އެ ދެޓީމު ބައްދަލުކުރި ފުރަތަމަ މެޗުން ކުރި ހޯދާފައިވަނީ ރެޑް ވިންގްސްއެވެ.
އެ މުބާރާތުގެ ދެވަނަ ޑިވިޝަންގައި ހަ ޓީމެއް ވާދަކުރާއިރު، އެ ޑިވިޝަން ކުރިއަށްދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕް އެކެއްގައި ހިމެނެނީ އެލްޓީއާއި ޔޫއެން ފްރެންޑްސް އަދި އެލްކިޔުއެވެ. ގްރޫޕް ދޭއްގައި ހިމެނެނީ ސްޓިންގާސްއާއި ރެޑް ވިންގްސް އަދި ރައިވެރިޔާއެވެ.
މުބާރާތުގެ ދެވަނަ ޑިވިޝަންގެ ސެމީ ފައިނަލަށް ކޮންމެ ގްރޫޕެއްގެ ވެސް އެއްވަނަ އަދި ދެވަނަ ޓީމު ދަތުރުކުރާނެއެވެ. ލީގު އުސޫލުން ކުޅުމަށް ފަހު ފުރަތަމަ ޑިވިޝަންގެ ސެމީ ފައިނަލު ކުޅުމަށް ހަމަޖެހިފައިވެއެވެ. އެ ޑިވިޝަންގެ ސެމީގެ ފުރަތަމަ މެޗުގައި ލީގު އެއްވަނައާއި ހަތަރުވަނަ ޓީމު ބައްދަލުކުރާ އިރު، ސެމީގެ ދެވަނަ މެޗުގައި ބައްދަލު ކުރާނީ ލީގުގެ ދެވަނައާއި ތިންވަނަ ޓީމެވެ.
މިއަހަރުގެ ބާސްކެޓްގެ ފުރަތަމަ މުބާރާތް ކަމަށްވާ އެމްބީއޭ ކަޕް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ 7 ވަނަ ދުވަހުން ފެށިގެން މިމަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށެވެ. އެ މުބާރާތުގެ މެޗުތައް ހަވީރު 16:30 އަދި ރޭގަނޑު 20:30ގައި ކުރިއަށްދާނެއެވެ.