ޗެންނާއީ (ފެބްރުއަރީ 16): އިންޑިއާގެ ޓަމިލް ނާޑޫގެ ގަވަރުނަރު އެ ސްޓޭޓަށް އާ ޗީފް މިނިސްޓަރަކު އައްޔަން ކުރައްވައިފި އެވެ.
ގަވަރުނަރު ޗެންނަމާނެނީ ވިދުޔާސަގަރު ރާއޯ ވަނީ ޓަމިލް ނާޑޫގެ ވެރިކަން ކުރާ އޯލް އިންޑިއާ އަންނާ ޑްރާވިޑާ މުންނެތުރާ ކަޅަގަމް (އޭއައިއޭޑީއެމްކޭ)ގެ އާ ލީޑަރު އެޑަޕަޑީ ޕަލަނިސާމީ ޗީފް މިނިސްޓަރު ކަމަށް އައްޔަން ކުރައްވައި، ވީހާވެސް އަވަހަށް ސަރުކާރު އެކުލަވާލުމަށް އެދިވަޑައިގެންފައެވެ.
ޗީފް މިނިސްޓަރު ކަމަށް ޕަލަނިސާމީ އައްޔަން ކުރި ނަމަވެސް އޭނާއަށް ޓަމިލް ނާޑޫގެ ގާނޫނު ހަދާ މަޖިލީހުގެ ރުހުން އޮތްކަން ކުރިއަށް އޮތް 15 ދުވަސް ތެރޭ ސާބިތު ކުރަން ޖެހޭނެ އެވެ.
އޭއައިއޭޑީއެމްކޭ އިން އެންމެ ފުރަތަމަ މަސައްކަތް ކުރީ ޓަމިލް ނާޑޫގެ ކުރީގެ ޗީފް މިނިސްޓަރު ޖަޔަލަލީތާ ޖަޔަރާމްގެ ގާތް އެކުވެރިޔާ ސަސީކަލާ ނަތަރާޖަން ޗީފް މިނިސްޓަރު ކަމަށް އައްޔަން ކުރާށެވެ. ނަމަވެސް ކޮރަޕްޝަނުގެ މައްސަލައަކާ ގުޅިގެން ސަސީކަލާގެ މައްޗަށް ހަތަރު އަހަރުގެ ޖަލު ހުކުމެއް ކުރުމާ ގުޅިގެން ސަސީކަލާގެ ސިޔާސީ ހަޔާތް ވަނީ ހުއްޓުމަކަށް އައިސްފައެވެ.
މީގެ އިތުރުންވެސް މިދިޔަ ޑިސެމްބަރު މަހު ޖަޔަލަލީތާ އަވަހާރަވުމާ ގުޅިގެން ވަގުތީ ގޮތުން ޗީފް މިނިސްޓަރުކަން ކުރެއްވުމަށް ފަހު، ސަސީކަލާއަށް ފުރުސަތު ދެއްވުމަށް ޓަކައި މަގާމުން އިސްތިއުފާ ދެއްވި އޮއްޓަކާރަ ޕަނީރުސެލްވަމް އޭނާ އިސްތިއުފާ ދެއްވީ މަޖުބޫރުން ކަމަށާއި، ރައްޔިތުންނާއި ޕާޓީގެ މެމްބަރުން އަދި ގާނޫނު ހަދާ މަޖިލީހުގައި ޕާޓީ ތަމްސީލުކުރާ ބޭފުޅުން އެދޭނަމަ، އެ އިސްތިއުފާ އަނބުރާ ގެނެސް، މަގާމު އަނބުރާ ހޯއްދަވަން މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވުމާ ގުޅިގެން ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރަކަށް ވާނެ ބޭފުޅަކާ ބެހޭ ގޮތުން ސުވާލު އުފެދުނެވެ.
ނަމަވެސް ސަސީކަލާގެ މައްޗަށް ޖަލު ހުކުމް ކުރުމާއެކު، އޭނާ ވަނީ ޗީފް މިނިސްޓަރުގެ މަގާމަށް އެޑަޕަޑީ ޕަލަނިސާމީގެ ނަން ހުށަހަޅާފައެވެ. އަދި އޭއައިއޭޑީއެމްކޭ އިން ވަނީ ޕާޓީގެ ލީޑަރު ކަމަށް ޕަލަނިސާމީ އައްޔަން ކޮށްފައެވެ.
ބަރުލަމާނީ ނިޒާމެއްގެ ދަށުން ހިންގާ އިންޑިއާގެ ސްޓޭޓުތަކުގައި، ސްޓޭޓުގެ ގާނޫނު ހަދާ މަޖިލީހުގެ މެޖޯރިޓީ ޕާޓީގެ ލީޑަރަކަށް ހުންނަވާ ބޭފުޅަކީ ސްޓޭޓުގެ ޗީފް މިނިސްޓަރެވެ. (ޓައިމްސް އޮފް އިންޑިއާ)