ރިޔާސީ އިންތިޚާބު ބާއްވަން ފައިސާއެއް ނެތް: ކޮންގޯ

ސަރުކާރާ އިދިކޮޅު ފަރާތްތަކުން ބުނަމުންދާ ގޮތުގައި ސަރުކާރުން އިންތިހާބު ލަސް ކުރަމުން ދަނީ ރައީސް ކަބީލާގެ ވެރިކަމުގެ މުއްދަތު އިތުރުކުރުމަށް -- ފޮޓޯ: ރޮއިޓާސް

ކިންޝާސާ (ފެބްރުއަރީ 16): މިއަހަރު ރިޔާސީ އިންތިހާބު ބޭއްވޭ ވަރަށް ދައުލަތުގެ ބަޖެޓްގައި ފައިސާ ނެތްކަމަށް ޑިމޮކްރަޓިކް ރިޕަބްލިކް އޮފް ކޮންގޯގެ ސަރުކާރުން ބުނެފި އެވެ.

ކޮންގޯގެ ބަޖެޓް މިނިސްޓަރު ޕިއޭރު ކަންގުޑިއާ ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބު އިންތިޒާމު ކުރަން 1.8 ބިލިއަން ޑޮލަރު ބޭނުންވެ އެވެ. ނަމަވެސް އިންތިހާބަށް އެހާވަރަށް ހަރަދު ކުރެވެން ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

ިިކޮންގޯގެ ރައީސް ޖޯސެފް ކަބީލާގެ ރިޔާސީ ދައުރު ވަނީ ނޮވެމްބަރު 2016 ވަނަ އަހަރު ނިމިފައެވެ. ނަމަވެސް އެގައުމުގައި އަދިވެސް ރިޔާސީ އިންތިހާބު ބާއްވަފައި ނުވެ އެވެ. އޭގެ ސަބަބުން މިިދިޔަ އަހަރު ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ވަނީ މިއަހަރު ނިމުމުގެ ކުރިން ރިޔާސީ އިންތިހާބު ބާއްވާނެ ކަމަށް އެއްބަސްވެފައެވެ.

ނަމަވެސް މިދިޔަ ނޮވެމްބަރު މަހު ކޮންގޯގެ އިލެކްޓޯރަލް ކޮމިޝަނުން ވަނީ ގައުމުގެ 30 މިލިއަން މީހުން ވޯޓަށް ރެޖިސްޓާ ކޮށް ނިމޭނީ އަންނަ ޖުލައި މަހު ކަމަށް ބުނެފައެވެ.

ސަރުކާރާ އިދިކޮޅު ފަރާތްތަކުން ބުނަމުންދާ ގޮތުގައި ސަރުކާރުން އިންތިހާބު ލަސް ކުރަމުން ދަނީ ރައީސް ކަބީލާގެ ވެރިކަމުގެ މުއްދަތު އިތުރުކުރުމަށެވެ. އަދި އިންތިހާބު ލަސްކުރުމާ ގުޅިގެން މިދިޔަ އަހަރު ބޭއްވި މުޒާހަރާތަކުގައި 50 މީހަކު މަރުވެފައިވެ އެވެ.

މީގެ 55 އަހަރު ކުރިން ޑިމޮކްރަޓިކް ރިޕަބްލިކް އޮފް ކޮންގޯއަށް މިނިވަންކަން ލިބުނު ފަހުން އެގައުމުގައި އެންމެ ފަހަރަކުވެސް ސުލްހަވެރިކަމާއެކު ވެރިކަން ބަދަލުވެފައެއް ނުވެއެވެ. (ބީބީސީ)

comment ކޮމެންޓް