ތިން ވަނަ އެމްބީއޭ ކަޕްގެ ދެވަނަ ޑިވިޝަންގައި ކުޅުނު ތިންވަނަ މެޗު ވެސް ކާމިޔާބުކޮށް، އެލްޓީ ސްޕޯޓްސް ކްލަބުން ސެމީ ފައިނަލުގެ ޖާގައެއް ހޯދައިފި އެވެ.
ސޯޝަލް ސެންޓަރު އެތެރޭ ކޯޓުގައި ރޭ ކުޅުނު ދެވަނަ ޑިވިޝަންގެ ގްރޫޕް އެކެއްގެ މެޗުގައި ޔޫއެން ފްރެންޑްސްގެ މައްޗަށް އެލްޓީ ވަނީ ކުރި ހޯދައިފަ އެވެ. އެ މޮޅާ އެކު މިވަގުތު ގްރޫޕް އެކެއްގެ އެއްވަނައިގައި އޮތީ އެލްޓީއެވެ.
ރޭގެ މެޗުގައި ޔޫއެން ފްރެންޑްސް އަތުން އެލްޓީ މޮޅުވެފައި ވަނީ 73-31 ޕޮއިންޓުންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވިފައި ވަނީ އެލްޓީއަށް 12 ޕޮއިންޓް ހޯދައިދިން އިބްރާހިމް އިސްރާފީލް ނައުފަލް އެވެ.
އެލްޓީން ސެމީގެ ޖާގައެއް ކަށަވަރުކޮށްފައި ވަނީ އެ ޓީމަށް ގްރޫޕް ސްޓޭޖުގެ ބާކީ އެއް މެޗު އޮއްވަ އެވެ. ގްރޫޕް ސްޓޭޖުގައި އެލްޓީ ކުޅޭ ފަހު މެޗުގައި ބައްދަލުކުރަން ޖެހޭނީ އެލްކިޔު ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. އަންނަ ހުކުރު ދުވަހު ހަވީރު ކުޅޭ އެ މެޗުން އެލްޓީ މޮޅުވެއްޖެ ނަމަ، ގްރޫޕް އެކެއްގެ އެއްވަނަ ވެސް އެޓީމަށް ކަށަވަރުވާނެ އެވެ. އެ ދެޓީމު ކުޅުނު ފުރަތަމަ މެޗުގައި ކުރި ހޯދާފައި ވަނީ ވެސް އެލްޓީ އެވެ. އެލްޓީ ވަނީ ޔޫއެން ފްރެންޑްސްއާ ދެކޮޅަށް ކުޅުނު ދެ މެޗުން ވެސް މޮޅުވެފަ އެވެ.
އެ މުބާރާތުގެ ދެވަނަ ޑިވިޝަންގައި ހަ ޓީމެއް ވާދަކުރާއިރު، އެ ޑިވިޝަން ކުރިއަށްދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕް އެކެއްގައި ހިމެނެނީ އެލްޓީއާއި ޔޫއެން ފްރެންޑްސް އަދި އެލްކިޔު އެވެ. ގްރޫޕް ދޭއްގައި ހިމެނެނީ ސްޓިންގާސްއާއި ރެޑް ވިންގްސް އަދި ރައިވެރިޔާ އެވެ.
މުބާރާތުގެ ދެވަނަ ޑިވިޝަންގެ ސެމީ ފައިނަލަށް ކޮންމެ ގްރޫޕެއްގެ ވެސް އެއް ވަނަ އަދި ދެވަނަ ޓީމު ދަތުރުކުރާނެ އެވެ. ލީގު އުސޫލުން ކުޅުމަށް ފަހު ފުރަތަމަ ޑިވިޝަންގެ ސެމީ ފައިނަލު ކުޅުމަށް ހަމަޖެހިފައިވެ އެވެ. އެ ޑިވިޝަންގެ ސެމީގެ ފުރަތަމަ މެޗުގައި ލީގު އެއްވަނަ އާއި ހަތަރުވަނަ ޓީމު ބައްދަލުކުރާ އިރު، ސެމީގެ ދެވަނަ މެޗުގައި ބައްދަލު ކުރާނީ ލީގުގެ ދެ ވަނަ އާއި ތިންވަނަ ޓީމެވެ.
މިއަހަރުގެ ބާސްކެޓްގެ ފުރަތަމަ މުބާރާތް ކަމަށްވާ އެމްބީއޭ ކަޕް ކުރިއަށްގެންދިއުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 7 ވަނަ ދުވަހުން ފެށިގެން މިމަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށެވެ. އެ މުބާރާތުގެ މެޗުތައް ހަވީރު 16:30 އަދި ރޭގަނޑު 20:30ގައި ކުރިއަށްދާނެ އެވެ.