ފްލިންގެ މައްސަލަ ހޫނުވެ، ޓްރަމްޕާއި އޭނާގެ ސަރުކާރު ކަރުތާފެނުގައި

ޓްރަމްޕް

ވޮޝިންޓަން (ފެބްރުއަރީ 15) : އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު މައިކަލް ފްލިން އެމެރިކާގެ ނައިބު ރައީސަށާއި ޓްރަމްޕްގެ ސަރުކާރުގެ އިސްވެރިންނަށް އޮޅުވާލައްވައިގެން ކަންތައްތައް ކުރައްވާފައިވާ ކަމަށާ މިކަމާމެދު ޓްރަމްޕް ވަރަށްބޮޑަށް ކަންބޮޑުވެވަޑައިގެންފައިވާ ކަމަށް ވައިޓް ހައުސް އިން ބުނެފި އެވެ.

ވައިޓް ހައުސްގެ ނަންހާމަކުރަން ނޭދޭ އިސް މަސްއޫލުވެރިއަކު ވިދާޅުވީ ޓްރަމްޕް ރައީސް ކަމުގެ ހުވާކުރެއްވުމުގެ ކުރިން ވޮޝިންގްޓަންގައި ހުންނަވާ ރަޝިޔާގެ ސަފީރާ ފްލިން ބައްދަލުކުރެއްވި މައްސަލަ ފްލިންވަނީ ޓްރަމްޕްގެ ސަރުކާރުގެ އިސްވެރިންނަށް އޮޅުއްވާލައްވާފައި ކަމަށާ އޮޅުވާލެއްވި ބޭފުޅުންގެ ތެރޭގައި ނައިބު ރައީސް މައިކް ޕެންސް ހިމެނިވަޑައިގަންނަވާ ކަމުގަ އެވެ.

ޕެންސްއެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ކަމުގެ ،މަގާމު ލިބިވަޑައިގަތުމުގެ ކުރިން މައިކަލް ފްލިން، ވޮޝިންގްޓަންގައި ހުންނަވާ ރަޝިޔާގެ ސަފީރާ ބައްދަލުކުރައްވައި ސިޔާސީ ވާހަކަތަކެއް ދެއްކެވި ކަމަށް އޭނާ ވަނީ އެއްބަސްވެ ވަޑައިގެންފަ އެވެ. މިމައްސަލަ ބޭޒާރުވުމުން ފްލިން އިއްޔެ ވަނީ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ. ފްލިން މަގާމުން އިސްތިއުފާ ދެއްވީ ރައީސް ޓްރަމްޕް އެދިވަޑައިގަތުމުގެ މަތިންނެވެ. ޓްރަމްޕް މިކަމަށް އެދިވަޑައިގަތީ މިމައްސަލާގައި އެމެރިކާގެ އެތެރޭން ކުރިމަތިވި ފިއްތުންތަކާ އެކު އެކަމުގެ މަލާމާތް ޚުދު ޓްރަމްޕަށް ރައްދުވާތީ އެކަމުން ސަލާމަތްވެ ވަޑައިގަތުމުގެ ގޮތުންކަމަށްވަނީ ބެލެވިފަ އެވެ.

ފްލިން، ރަޝިޔާގެ ސަފީރާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި އޮބާމާގެ ވެރިކަމުގައި އެމެރިކާ އިން ރަޝިޔާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް، ޓްރަމްޕްގެ ސަރުކާރު ވުޖޫދަށް އައުމާ އެކު އުވާލާނެކަމުގެ ވާހަކަތައް ހިމެނޭކަމަށްވެ އެވެ.

އެމެރިކާގެ ގާނޫނުތައް ބުނާގޮތުން އެމެރިކާގެ އެއްވެސް ރައްޔިތަކު (ސަރުކާރުގެ ނޫނީ ދައުލަތުގެ މަގާމެއް ލިބުމުގެ ކުރިން) ބޭރުގައުމުތަކުގެ ސަފީރުންނާއި އެނޫން ވެސް އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނާ ބައްދަލުކުރައްވައި ސިޔާސީ ވާހަކަތައް ދެއްކުމަކީ މަނާކަމެކެވެ.

ޕްލިން

މިމައްސަލަ މިހާރު ވަނީ އެމެރިކާގެ އެތެރޭގައި ވަރަށް ހޫނުވެފަ އެވެ. ރަޝިޔާއަކީ އެމެރިކާއަށް ފުޅާ ދާއިރާއެއްގައި ޖާސޫސު ކުރާކަމުގެ ތުހުމަތު ކުރެވިފައިވާ ގައުމަކަށް ވުމުގެ އިތުރުން ރަޝިޔާއަކީ ބައިނަލްއަގްވާމީ މަސްރަހުގައި އެމެރިކާއާ ވާދަކުރާ އެންމެ ބޮޑު އެއްބާރެވެ.

މީގެ އިތުރުން އެންމެފަހުން ބޭއްވި އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ކަންކަމަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރިކަމުގެ ތުހުމަތު ރަޝިޔާގެ މައްޗަށް ކުރެވިފައި ވާތީ ރަޝިޔާއާ މެދު އެމެރިކާގެ ސިޔާސީ ފަރާތްތަކުން ދެކެނީ ބޮޑު ދުޝްމަނެއްގެ ގޮތުގަ އެވެ. ފްލިންގެ މައްސަލަ ތަހްގީގް ކުރުމަށާއި ކޮންގްރެސް އަށް ޙާޒިރުކޮށް މިކަން ހިނގައިދިޔަ ގޮތާ ބެހޭ ގޮތުން ޕްލިން އާ ވަރުގަދައަށް ސުވާލު ކުރުމަށް އެމެރިކާގެ މައި ދެޕާޓީ ކަމަށްވާ ރިޕަބްލިކަން ޕާޓީއާއި ޑިމޮކްރެޓިކް ޕާޓީގެ ކޮންގްރެސް މެންބަރުންވަނީ ގޮވާލައްވާފަ އެވެ.

މިމައްސަލާގައި ޓްރަމްޕްގެ ސަރުކާރު ހޫނު ފެނަށް ވެއްޓިފައިވާއިރު ރަޝިޔާގެ ރައީސް ވްލަޑިމިޔާ ޕޫޓިންއާ ގާތްގުޅުންތަކެއް ބާއްވާކަމުގެ ތުހުމަތު ކުރިންވަނީ ސީދާ ޓްރަމްޕްގެ މައްޗަށް ވެސް ކުރެވިފަ އެވެ. އެހެންކަމުން މިމައްސަލާގައި ޓްރަމްޕްގެ ސަރުކާރަށް އެމެރިކާގެ އެތެރެއިން ވަރުގަދަ އިމްތިޙާނަކާ ކުރިމަތިލާންޖެހޭނެކަމަށާއި ފްލިންގެ އިތުރުން ޓްރަމްޕްގެ ސަރުކާރުގެ އިސް ފަރާތްތަކެއް ވެސް މިމައްސަލާގައި ބޭޒާރުވެގެން ދިޔުމަކީ އެކަށީގެންވާ ކަމެއްކަމަށް އެމެރިކާގެ މީޑިއާ ބުނެ އެވެ. (ރޮއިޓާސް)

ގުޅޭ ޓެގު
comment ކޮމެންޓް