ރަހުމްކުޑަ ގޮތަކަށް ރަޝިޔާގެ ސަފީރަކު މަރާލި މަންޒަރު އާންމުންނާ ހަމައަށް ގެނެސްދިން ފޮޓޯގްރާފަރު ނެގި ފޮޓޯ ދުނިޔޭގެ ނޫސްވެރިކަމުގެ ފޮޓޯގެ އެއްވަނަ ދަރަޖަ ހޯދައިފިއެވެ.
އަށްޑިހަ ހާހަށްވުރެ ގިނަ ފޮޓޯގެ ތެރެއިން، މި އަހަރުގެ "ވޯލްޑް ޕްރެސް ފޮޓޯ" ގެ އެއްވަނަ ދަރަޖަ ހޯދައިފައިވާ އެފޮޓޯ ނަގާފައި ވަނީ އެސޯސިއޭޓް ޕްރެސް (އޭޕީ)ގެ ފޮޓޯގްރާފަރެއް ކަމުގައިވާ ބުރްހާން އޮޒްބިލިޗީ އެވެ.
ޑިސެމްބަރު 19، 2016، ވަނަ ދުވަހު އޭނާ އެ ފޮޓޯ ނެގީ ޓެރަރިސްޓް ހަމަލާ ދެމުންދިޔަ ދަނޑިވަޅެއްގައި ޖެހިލުމެއް ނެތި އެވެ. ހަރުކަށި ވިސްނުމުގެ ހިޔާލުގެ ތުރުކީގެ ފުލުހަކު ދިން އެ ހަމަލާގެ އަމާޒަކަށްވީ ރަޝިއާގެ ސަފީރު އަންދްރޭ ކާލޯވް އެވެ. ފުލުސް މީހާގެ ފިސްތޯލައިގެ އުންޑަތައް ރަޝިއާ ސަފީރުގެެ ގަޔަށް އަރައި އޭނާ ބިންމައްޗަށް ވެއްޓުމުން، ހަމަލާދިން މީހާ އިންޒާރުގެ ބަސްތައް ބުނަމުންދަނިކޮށް ފޮޓޯގްރާފަރު ވަނީ އެ މަންޒަރުތައް އޭނާގެ ލެންސަށް އަމާޒުކޮށްފައެވެ.
އޭނާ އެ ވަަގުތު ފޮޓޯ ނެގީ، އެ ފޮޓޯ ނަގަނިކޮން އޭނާ މަރާލިޔަސް ހެޔޮކަމަށެވެ. ލޯ މަތީ މީހަކު މަރާލުމުން ބިރުން ހުރި ކަމުގައި ވިޔަސް ނޫސްވެރިއެއްގެ ވާޖިބު އަދާކުރުމަށް ފަސްނުޖެހުމަށެވެ.

މި އަހަރުގެ އެންމެ މޮޅު ނޫސްވެރިކަމުގެ ފޮޓޯ ނެގި ފޮޓޯ ގުރާފަރު
އެއްވަނައަށް ގޮސްފައިވާ އެ ފޮޓޯއިން ފެންނަނީ ރަޝިޔާގެ އެންބެސްޑަރު މަރާލުމަށް ފަހު އޭނާ މަރާލި ފުލުސް މިހާ ޝަހާދަތް އިނގިލި މައްޗަށް ނަގައިންހުރެ އިންޒާރު ދެމުންދާ މަންޒަރެއެވެ.

ވޯލްޑް ޕްރެސް ފޮޓޯ 2017 ގެ އެއްވަނަ އައްދިޔަ ފޮޓޯ---ފޮޓޯ/ ބުރްހާން އޮޒްބުލިޗީ (އޭޕީ)
އެ މަންޒަރު ފޮޓޯ ނެގި ވަގުތު ބުރްހާން އޮޒްބިލިޗީއަށް ކުރެވުނު އިހްސާސްތައް އޭނާ ވަނީ ނޫސްވެރިންނާ ހިއްސާކޮށްފައެވެ.
"އަޅުގަނޑު މިހިރީ މިތާ. އަޅުގަނޑުގެ ގަޔަށް ބަޑި ޖެހިއަސް، އަނިޔާވިއަސް، ނޫނީ މަރާލިއަސް އަޅުގަނޑަކީ ނޫސްވެރިއެއް. އަޅުގަނޑު އަޅުގަނޑުގެ މަސައްކަތް ކުރަން ޖެހޭނެ. އަޅުގަނޑަށް އެއްވެސް ފޮޓޯއެއް ނުނަގައި ފިލައިގެން ދެވިދާނެ. ނަމަވެސް ފޮޓޯ ނުނެގީ ކީއްވެހޭ ފަހުން މީހުން އެހުމުން ދޭނެ ޖަވާބެއް އަޅުގަނޑަކަށް ނޭނގެ،"
ވޯލްޑް ޕްރެސް ފޮޓޯ އެވޯޑްގައި މި އަހަރު 25 ގައުމެއްގެ 45 ފޮޓޯގްރާފަރަކަށް ވަނީ އެވޯޑް ލިބިފައެވެ. އެވޯޑް ދެނީ 8 ކެޓަގަރީއަކަށް ބަހާލައިގެންނެވެ. މިއީ 1995 ވަނަ އަަހަރުން ފެށިގެން ދޭ އެވޯޑެކެއެވެ.

ވޯލްޑްޕްރެސް ފޮޓޯ 2017 ގެ ޖެނެރަލަސް ނިއުސްކެޓަގަރީ އިން އެއްވަނައަށް ގޮސްފައިވާ ފޮޓޯ--- ފޮޓޯ/ ޑެނިއަލް ބެރެހޫލަކް (ނިއުޔޯކް ޓައިމްސް)
ނޯޓް:ވޯލްޑް ޕްރެސް ފޮޓޯ 2017 އާ ބެހޭގޮތުން ބީބީސީ އިން ޝާއިރު ކޮއްފައިވާ ލިޔުން