މާލޭގެ ހަތް ވަނަ އަވަށެއް އުފަންވަނީ؟!

ހިންމަފުށީގައި ކުޑަ ކުއްޖަކު ގޮވައިގެން ބެލެނިވެރިއަކު ސުކޫލަށް ދަނީ-- ސަން ފޮޓޯ: މުހައްމަދު އަފްރާހް

ކ. ހިންމަފުށިން: އަހުމަދު ސާއިލް އަލީ

މާލެ އަދި ވިލިމާލެ ފުރުނުތާ އެތައް ދުވަހެކެވެ. އަނެއް ކޮޅު ހުޅުމާލެ ފުރެނީ އެވެ. ހާއްސަކޮށް ވަރަށް ފައިސާ ހުރެގެން ނޫނީ ދެން ފުރުސަތެއް ނެތެވެ. ސާފު ވަޔާއި އުފާވެރި މިނިވަން ދިރިއުޅުން ގެއްލެނީ އެވެ. އަނެއްކާ ވެސް ހައްލަކާ ދިމާލަށް ދާން މަޖުބޫރުވަނީ އެވެ. ގޮތެއް އެބައޮތެވެ. އެއީ މާލެ އާއި އެންމެ ކައިރީގައި އޮންނަ މީހުން ދިރިއުޅޭ ރަށް ކަމަށްވާ ކ. ހިންމަފުއްޓެވެ.

މާލެ އާ 15 ވަރަކަށް ކިލޯ މީޓަރު ދުރުގައި އޮންނަ ހިންމަފުށިން ފަތިހު 5:30ގެ ފެރީ އިން 6:15 ކަންހާއިރު މާލެ އައިސް ވަޒީފާއަށް ދާ އެތައް ބަޔަކު މިރަށުގައި ދިރިއުޅެ އެވެ. ރޭގަނޑު އަނބިދަރިންނާ އެކު އުޅެފައި ވަޒީފާއަށް މާލެ އައިސް އަނެއްކާ ވެސް ނިދަން ރަށަށް އާދެވެ އެވެ. އަދި އަވަސް ދަތުރުތަކުގެ ފުރުސަތު ވެސް އޮވެ އެވެ.

ކ. ހިންމަފުށީ ހިއްގައިމު މާހައުލެއްގައި އަންހެނަކު އިލޮށި މަށަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

"މިއަދު 10:00 ކަންހާއިރު ރަށުން ފުރީ ލޯންޗުގައި، މަދިޔައީ އިމިގުރޭޝަންއަށް ސުޓާފެއްގެ ވިސާ ހަމަވެގެން. އިމިގުރޭޝަންއަށް އެޕްލިކޭޝަން ވައްޓާލާފައި މިއައީ، 11:05ގައި ހުންނާނީ ރަށުގައި،" ދަތުރުފަތުގެ ފަސޭހަކަން ކިޔައިދެމުން ހިންމަފުށީގެ ވިޔަފާރި ވެރިއެއްކަމަށްވާ ހަސަން ސަމީހް ބުންޏެވެ.

ދަތުރުފަތުރު ވަރަށް ފަސޭހަ

ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ފަތިހުން ފެށިގެން އިރުއޮއްސެން ދެން ކޮންމެ ދުވަހަކުވެސް ޝެޑިއުލް ދަތުރުތައް މާލެއާއި ހިންމަފުއްޓާ ދޭތެރޭ ކުރެ އެވެ. އެއީ ތިން ފެރީ އާއި ތިން ލޯންޗެވެ. ފެރީގައި 25 ރުފިޔާއަށް ދަތުރު ކުރެވޭ އިރު ލޯންޗުގައި ކޮޅަކަށް 100 ރުފިޔާއަށް މާލެ އާދެވެ އެވެ. މާލެއިން ހިންމަފުއްޓަށް ދިއުމަށް މެންދުރު 12:00 އިން ފެށިގެން ރޭގަނޑު 10:30 އާ ހަމައަށް އެދަތުރުތައް އޮވެ އެވެ. އޭގެ އިތުރުން އެކިއެކި ސަޕްލައި ހިފައިގެން އެރަށަށް ދަތުރުކުރާ ދޯނިތަކުން ވެސް ފަސޭހަކަމާ އެކު ދަތުރުކުރެވެ އެވެ. ލޯންޗުގައި މާލެ އާއި އެރަށާއި ދެމެދު ދަތުރަކަށް 15 މިނެޓެވެ. ފެރީގައި ނަމަ 45 ވަރަކަށް މިނެޓެވެ. އަސާސީ ހިދުމަތްތަކަށް މާލެ ގޮސް އަންނަން ފަސޭހަ އެވެ.

ހިންމަފުއްޓަށް ޗުއްޓީ ހޭއްދަ ކުރަން އައިސް އުޅުން ފަތުރުވެރިންތަކެއް ފެރީއަކަށް އަރަނީ: ހިންމަފުއްޓަކީ ގެސްޓް ހައުސް ވިޔަފާރީގައި މަޝްހޫރު ރަށެއް--ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ބޯހިޔާ ވަހިކަން ހެޔޮއަގުގައި

ހިންމަފުށިން 3000 އާއި 5000 ދެމެދުގެ އަގުތަކުގައި އެޕާޓްމަންޓްތައް ލިބެން އެބަހުއްޓެވެ. އަދި މިހާރު މިރަށުގައި އަލަށް ހިއްކާފައިވާ 21.6 ހެކްޓަރު ބިމާ އެކު ބޯހިޔާވަހިކަން އަގުހެޔޮވެ ފަސޭހަވާނެ ކަމަށް ބެލެވެ އެވެ. އަލަށް ހިއްކި ބިމުގެ 90 ޕަސެންޓް އާންމުންގެ ބޯހިޔާވަހިކަމަށް ދޫކުރަން ނިންމާފައިވާ އިރު އޭގެ ތެރޭގައި ފުލެޓްތަކާއި ގެއަޅަން ދޫކުރާ ބިންތައް ހިމެނެ އެވެ. އަގު ހެޔޮ ބޯހިޔާ ވަހަހިކަން ލިބޭނެކަން ޔަގީނެވެ.

ހިންމަފުށީ ހިއްކި ސަރަހައްދު --ސަން ފޮޓޯ/ މުހަންމަދު އަފްރާހް

"ކޮންމެ މީހަކަށް ވެސް ބިމަށް އެދުމުގެ ފުރުސަތު އޮވޭ ބިމާ ބެހޭ ގާނޫނުގެ ތެރެއިން. އެހެން ރަށްރަށު ބޭފުޅުން މިރަށަށް އައުމަށް މަރުހަބާ ކިޔަން. އެއީ ރަށުގެ ތަރައްގީ، ރަށުގެ އާބާދީއަށް ލިބިގެންދާ ކުރިއެރުމެއް އަދި ތަރައްގީއަށް ލިބިގެންދާ އިތުރު ބާރަކަށް ވެގެންދާނެ،" ކައުންސިލް ރައީސް ޝާން އިބްރާހިމް ވިދާޅުވި އެވެ.

ޝާން ވިދާޅުވީ މިހާރު 33 ހެކްޓަރުގެ ބިމުގައި މިރަށުގައި ދިރިއުޅޭ ދެ ހާހެއްހާ އާބާދީއާ އެކު ކުރިއަށް އޮތްތަނުގައި މިރަށުގެ އާބާދީ ފަސް ހާހަށް އަރާނެ ކަމަށެވެ.

"މިހާރު ވެސް މާލޭގައި ވަޒީފާ އަދާ ކުރާ ފަރާތްތަކުން މިރަށުގައި އަނބިދަރިން ކައިރީ ނިދާފައި ޑިއުޓީއަށް މާލެ އެބަދޭ. އަޅުގަނޑުމެންގެ ތަސައްވަރަކީ އެއީ،" ޝާން ވިދާޅުވި އެވެ.

ވަޒީފާ އެބައޮތް

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި މަސް ބަންދުކޮށް ބޭރު ކުރާ އެއް ކުންފުނި ކަމަށްވާ ސީޕްރިއާގެ ބޮޑު ފެކްޓްރީއަކާއި ލައިފް ފެން ފެކްޓްރީ ފަދަ ފެކްޓްރީތައް މިރަށުގައި ހިންގަ އެވެ. މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވާން ބޭނުންވާ މީހުންނަށް ފަރުވާދޭ ރިހެބާއި ލުއި ޖަލުގެ މިރަށުގައި އިންނަ އިރު މިއީ ވެސް އެތައް ވަޒީފާއެކެވެ. ހަމައެއާ އެކު މިރަށުގައި 10 ގެސްޓްހައުސް ހިންގާއިރު އެއީވެސް އެތައް ސަތޭކަ ވަޒީފާއެކެވެ.

ފަތުރުވެރިންތަކެއް ހިންމަފުށީ މަގެއްގައި ހިނގާފައި ދަނީ: ހިންމަފުއްޓަކީ ގެސްޓް ހައުސް ވިޔަފާރީގައި މަޝްހޫރު ރަށެއް---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

"މިރަށުގައި މަސައްކަތް ކުރަން ވަރަށް ފަސޭހަ، ދިރިއުޅުން ވެސް ވަރަށް ފަސޭހަ،" ހިންމަފުއްޓަށް ދިރިއުޅުން ބަދަލުކޮށްގެން އުޅޭ ނ. ވެލިދޫ، އަހުމަދު ނިޒާމް،33، ކިޔައިދިނެވެ.

އަސާސީ ހިދުމަތް

އަސާސީ ހިދުމަތްތަކަށް ބަލާއިރު 24 ގަޑިއިރު ހިދުމަތްދޭ ސިއްހީ މަރުކަޒެއް ހުރެ އެވެ. ނަމަވެސް މާކަ ގިނަ ހިދުމަތްތަކެއް ނުލިބެ އެވެ. އެކަމަކު ފަސޭހަކަމާ އެކު އަވަސް ފަރުވާއަށް ވެސް މާލެ ދެވެ އެވެ.

މިރަށު ސުކޫލުގައި ގްރޭޑް 10 އަކާ ހަމައަށް ކިޔެވޭ އިރު ނިމުނު އަހަރުގެ ނަތީޖާ ވަރަށް ރަނގަޅު ކަމަށް ކައުންސިލުން ބުންޏެވެ. ތައުލީމަށްދޭ ސަމާލުކަން ބޮޑު ކުރަމުން އަންނަ ކަމަށް ކައުންސިލް އިން ބުނެ އެވެ.

ހިންމަފުށީގައި ނަރުދަމާ އެޅުމުގެ ޕުރޮޖެކްޓް މިހާރު ވަނީ ޓެންޑާ ބޯޑްގަ އެވެ. އެ މަސައްކަތް ޖޫން މަހު ފެށޭނެ ކަމަށް ކައުންސިލްއިން ބުނެ އެވެ. އެޕުރޮޖެކްޓްގެ އީއައިއޭ ވަނީ ހަދައިފަ އެވެ.

ކ. ހިންމަފޫށީގައި ބަޔަކު ކޮންސްޓްރަކްޝަން މަސައްކަތް ކުރަނީ--ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މިހާރު މިރަށަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އަލަށް ގެނައި ބަދަލުތަކާ އެކު ކަރަންޓުގެ އަގު އިންތިހާއަށް ބޮޑުވުމާ އެކު ސުނާމީއަށް ފަހު ފެނަށް އައިބަދަލެވެ. އަދި ފެރީ ދަތުރުގެ އަގުތައް ހެޔޮކޮށް ސްޕީޑް ރަނގަޅު ކުރަން މަސައްކަތް ކުރަންޖެހެ އެވެ.

މިރަށަށް ބަލާއިރި ދިރިއުޅުމަކީ އަތޮޅުތެރޭ ވައްޓަފާޅި އެވެ. ހިތް އުފާކުރާނެ ރީތި ގޮނޑުދޮށްތަކާއި ގުދުރަތީ ވައިޖެހޭ ހިތްގައިމު މައިދާންތައް އެބަހުއްޓެވެ. މިނިވަންކަމާ އެކު މަގުތަކުގައި އުޅެވެން އެބައޮތެވެ. އަސާސީ ހިދުމަތް ހޯދުމަށް މާލެ ނޫން ގޮތެއް ނެތް ރާއްޖެއަށް ހިންމަފުއްޓަކީ ދިރިއުޅެން ހަމަ ރަނގަޅު ރަށެކެވެ.

comment ކޮމެންޓް