ކުޑަހެންވޭރު ބަލިކޮށް، ބައުސް ފުރަތަމަ މޮޅު ހޯދައިފި

މިހާރު ކުރިއަށްދާ އެމްބީއޭ ކަޕްގެ ތެރެއިން: ބައުސް ފުރަތަމަ މެޗުން ބަލިވިޔަސް، ދެވަނަ މެޗުން ވަނީ މޮޅުވެފައި --- ސަން ފޮޓޯ: ފަޔާޒު މޫސާ

ތިންވަނަ އެމްބީއޭ ކަޕްގެ ފުރަތަމަ ޑިވިޝަންގައި ކުޑަހެންވޭރު ޔުނައިޓެޑް ބަލިކޮށް، ދަ ބައުސް ފުރަތަމަ މޮޅު ހޯދައިފި އެވެ.

ސޯޝަލް ސެންޓަރު އެތެރޭ ކޯޓުގައި ރޭ ކުޅުނު މެޗުގައި ކުޑަހެންވޭރުގެ މައްޗަށް ބައުސް ކުރި ހޯދާފައި ވަނީ 74-69 ޕޮއިންޓުންނެވެ.

ރޭ ކުޅުނު މެޗުގައި ބައުސްއަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ވެސް ހޮވުނު އިބްރާހިމް ނަސީމެވެ. އޭނާ ވަނީ އެޓީމަށް 16 ޕޮއިންޓް ހޯދައިދީފަ އެވެ. ކުޑަހެންވޭރަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ އެޓީމަށް 20 ޕޮއިންޓް ހޯދައިދިން އަހްމަދު އަދުހަމްއެވެ.

އެ މުބާރާތުގައި ބައުސް ކުޅުނު ފުރަތަމަ މެޗުގައި ޓީރެކްސް ބާސްކެޓްބޯލް ކްލަބު އަތުން ވަނީ ބަލިވެފަ އެވެ. ކުޑަހެންވޭރު ކުޅުނު ފުރަތަމަ މެޗުގައި އެޓީމު ބަލިވެފައި ވަނީ ކިންގްސް ބާސްކެޓްބޯލް ކްލަބު އަތުންނެވެ.

އެ މުބާރާތުގެ ފުރަތަމަ ޑިވިޝަންގައި ހަތަރު ޓީމެއް ވާދަކުރެ އެވެ. އެއީ ޓީރެކްސްއާއި ދަ ބައުސްއާއި ކިންގްސް ބީސީ އަދި ކުޑަހެންވޭރެވެ. ލީގު އުސޫލުން ކުޅުމަށް ފަހު ފުރަތަމަ ޑިވިޝަންގެ ސެމީ ފައިނަލު ކުޅުމަށް ހަމަޖެހިފައިވެ އެވެ. އެ ޑިވިޝަންގެ ސެމީގެ ފުރަތަމަ މެޗުގައި ލީގުގެ އެއްވަނައާއި ހަތަރު ވަނަ ޓީމު ބައްދަލުކުރާއިރު، ސެމީގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ލީގުގެ ދެވަނައާއި ތިންވަނަ ޓީމެވެ.

މި އަހަރުގެ ބާސްކެޓްގެ ފުރަތަމަ މުބާރާތް ކަމަށްވާ އެމްބީއޭ ކަޕް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 7 ވަނަ ދުވަހުން ފެށިގެން މިމަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށެވެ. އެ މުބާރާތުގެ މެޗުތައް ހަވީރު 16:30 އަދި ރޭގަނޑު 20:30ގައި ކުރިއަށްދާނެ އެވެ.

comment ކޮމެންޓް