ގެއްލުމުގެ ބަދަލުގެ ގޮތުގައި ޝާކިރަށް ތިން ލައްކަ ރުފިޔާ ދައުލަތުން ދޭންޖެހިއްޖެ

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ޑިރެކްޓަރ ޖެނެރަލް، އަދި މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެންބަރު ހަސަން ޝާކިރު މުހައްމަދު --

ހ. ހުދުފިނިފެންމާގޭގައި އިމާރާތެއް ކުރަމުން ދަނިކޮށް ގަވާއިދާ ޚިލާފަށް މާލޭ މުނިސިޕަލްޓީން އެ މަސައްކަތް ހުއްޓުވާފައިވާތީ އެގޭގެ ވެރިފަރާތް އަދި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ޑިރެކްޓަރ ޖެނެރަލް ހަސަން ޝާކިރު މުހައްމަދަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 300،000 ރުފިޔާ ދިނުމަށް ހައިކޯޓުން ހުކުމް ކޮށްފިއެވެ.

އެ މައްސަލާގައި ސިވިލް ކޯޓުން ހުކުމް ކުރީ މައްސަލަ ސާބިތުވާ ވަރުގެ ހެކި ހުށަހަޅާފައިނުވާތީ ގެއްލުމުގެ ބަދަލު ނަގައިދެވެން ނެތް ކަމަށެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެމްބަރުކަންވެސް ކުރައްވަމުން ގެންދަވާ ޝާކިރު، ސިވިލް ކޯޓުގެ ހުކުމް ހައިކޯޓުގައި އިސްތިއުނާފުކުރެއްވުމުން އެ މައްސަލަ ބެލުމަށްފަހު ހައިކޯޓުން ކުރި ހުކުމްގައި ވަނީ މާލޭ މުނިސިޕަލްޓީން ގަވާއިދާ ޚިލާފަށް މަސައްކަތް ހުއްޓާލަން އެނގުމުގެ ސަބަބުން އިމާރާތް ކުރުމަށް މީހަކާއެކު ޝާކިރުވި އެއްބަސްވުމުގެ ދަށުން މާލެއިން ތަނެއް ކުއްޔަށްހިފައިގެން ޝާކިރު އުޅެންޖެހުނު އަށް މަހަށް ޚަރަދުކޮށްފައިވާ ޖުމްލަ 120،000 ރުފިޔާ އަކީ ދައުލަތުން އޭނާ އަށް ދޭންޖެހޭ ފައިސާއެއް ކަމަށެވެ.

އެ ފައިސާގެ އިތުރުން އިމާރާތުގެ މަސައްކަތް ފަށައި ދިރިއުޅެވޭވަރުގެ ތަނެއް ހޯދުމަށް ހޭދަވި އެއް އަހަރުގެ މުއްދަތަށް ޖުމްލަ 180،000 ރުފިޔާ އަކީ ވެސް ދައުލަތުން އޭނާ އަށް ދޭންޖެހޭ ފައިސާއެއް ކަމަށް ހައިކޯޓުން ވަނީ ކަނޑައަޅައިފައެވެ.

ގެއްލުމުގެ ބަދަލުގެ ގޮތުގައި ދޭންޖެހޭ 300،000 ރުފިޔާ ޝާކިރަށް ދެއްކުމުގެ ގޮތުން އެއް މަސް ދުވަހުގެ ތެރޭގައި އެ ފައިސާ ސިވިލް ކޯޓަށް ދައްކައި ޚަލާސްކުރުމަށް ވެސް ހައިކޯޓުގެ ހުކުމްގައި މާލޭ ސިޓީ ކައުންސިލަށް ވަނީ އަންގައިފައެވެ.

comment ކޮމެންޓް