އަލިފުޅު ތުއްތު ފައުންޑޭޝަނުން ދިއްފުށީގައި ފެނާއި ނަރުދަމާ ގާއިމް ކުރަނީ

ދިއްފުށީ މަގެއްގެ މަތީގައި އަންހެނަކު ހިނގާފައި ދަނީ--- ސަން ފައިލް ފޮޓޯ

އަލިފުޅު ތުއްތު ފައުންޑޭޝަންގެ އަމިއްލަ ހަރަދުގައި ކ. ދިއްފުށީގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމް ކޮށްދެއްވަން ނިންމައިފި އެވެ. މިއީ އެ ފައުންޑޭޝަންގެ އިޖުތިމާއީ ޒިންމާގެ ދަށުން ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކޮށްދޭ ދެވަނަ ރަށެވެ.

އަލިފުޅު ތުއްތު ފައުންޑޭޝަންގެ ފަރާތުން ދެ ރަށެއްގައި އިމާރާތްކުރި މިސްކިތް އިސްލާމިކް މިނިސްޓްރީއާ ހަވާލުކުރުމަށް މިއަދު އެ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން އަލިފުޅު ތުއްތު ފައުންޑޭޝަންގެ މެމްބަރު މުހައްމަދު އަބްދުލް ސައްތާރު ވިދާޅުވީ، ދިއްފުށީގައި ގާއިމްކުރަން ނިންމާފައިވާ ފެނާއި ނަރުދަމާގެ މަޝްރޫއަކީ މިއަހަރުގެ ތެރޭގައި އެ ފައުންޑޭޝަނުން ކުރަން ނިންމާފައިވާ އެންމެ ބޮޑު އެއް މަސައްކަތް ކަމަށެވެ.

އެގޮތުން، މަސައްކަތް ފެށުމުގެ އެއްބަސްވުމުގައި ސޮއިކޮށް، އަމަލީ މަސައްކަތް މިމަހުގެ 20 ވަނަ ދުވަހު ފެށުމަށް ތައްޔާރުވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން އަމިއްލައަށް ޑިޒައިންކޮށް ދިއްފުށީގައި ގާއިމްކުރަން ނިންމާފައިވާ ފެނާއި ނަރުދަމާގެ މަޝްރޫއަށް އަލިފުޅު ތުއްތު ފައުންޑޭޝަންގެ ފަރާތުން ހަތަރު މިލިއަން ޑޮލަރު (62 މިލިއަން ދިވެހި ރުފިޔާ) ހަރަދު ކުރާނެއެވެ.

އަލިފުޅު ތުއްތު ފައުންޑޭޝަންގެ ޕްރޮގްރާމް މެނޭޖަރު އާސިމާ ލުތުފީ ވިދާޅުވީ، ދިއްފުށީގައި ގާއިމްކުރާ ފެނާއި ނަރުދަމާ ނިޒާމްގެ ދަށުން އެރަށުގެ އިންޑަސްޓްރިއަލް ސަރަހައްދު ފިޔަވައި، ރަށުގެ ސްކޫލްތަކާއި ވިޔަފާރިތަކުގެ އިތުރުން ރަށުގައި މިހާރު މީހުން އާބާދު ވެފައިވާ ސަރަހައްދަށާއި ކުރިއަށް އޮތް ތަނުގައި އާބާދުވާނެ ތަންތަނަށް ފެނާއި ނަރުދަމާ ގާއިމްކޮށްދޭނެ ކަމަށެވެ.

އޭގެ އިތުރުން މަޝްރޫއުގެ ދަށުން ރަށުގެ ކޮންމެ ތަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގި ނަމަވެސް ފެން ނެގޭނެ ގޮތަށް ރަށުގެ އެކި ހިސާބުތަކުގައި ފަޔާ ހައިޑްރަން ސިސްޓަމެއް ގާއިމްކުރަން ވަނީ ނިންމާފައެވެ.

އަދި ރަށުގެ ބަނދަރު ސަރަހައްދުގައި ފެން ލިބޭނެ ގޮތަށް ވޯޓާ ކިއޮސްކެއް އިމާރާތް ކުރުމަށް ހަމަޖެހިފައިވާއިރު، ފެނުގެ ހިދުމަތް މެދުނުކެނޑި ދިނުމަށްޓަކާ 90 ކިލޯވޮޓް ބެކަޕް ޖަނަރޭޓަރެއް ވެސް މަޝްރޫއުގެ ދަށުން ގާއިމްކުރެވޭނެ ކަމަށް އާސިމާ ވިދާޅުވިއެވެ.

ނަރުދަމާ ނިޒާމްގެ ތެރެއިން ރަށުގައި 8251 މީޓަރުގެ ނަރުދަމާ ނިޒާމެއް ގާއިމްކޮށް ހަތަރު ޕަމްޕު ސްޓޭޝަން ގާއިމް ކުރާނެއެވެ.

ދިގުމިނުގައި 963 މީޓަރު، އަދި 258 މީޓަރު ފުޅާ ދިއްފުއްޓަކީ އާބާދީގައި ގާތްގަނޑަކަށް 1400 ވަރަކަށް މީހުން ދިރިއުޅެމުން އަންނަ ރަށެކެވެ. ރަށުގައި މިވަގުތު ނަރުދަމާ ގާއިމްކޮށްފައި ވަނީ ކޮންމެ ގެއަކުން އަމިއްލަ އަށް ހޮޅި އަޅައިގެންނެވެ. އަދި ރަށުގެ ފެން ފަށަލަ ލޮނުވެ ފެން ވަރަށް ބޮޑަށް ނަޖިސްވެ ތަގައްޔަރުވެފައިވާ ކަމަށް އެ ރަށު ކައުންސިލުން ބުނެއެވެ.

އަލިފުޅު ތުއްތު ފައުންޑޭޝަންގެ އިޖްތިމާއީ ޒިންމާގެ ދަށުން ރަށެއްގައި ފުރަތަމަ ފަހަރަށް ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކުރީ ހއ. ތުރާކުނުގައެވެ. އެ މަޝްރޫއަށް ފައުންޑޭޝަންގެ ފަރާތުން މުޅިއަކު 39 މިލިއަން ރުފިޔާ ހަރަދުކުރިއިރު، މަސައްކަތް ނިންމައި ހިންގުމަށް ހަވާލުކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަނާ އެވެ.

އަލިފުޅު ތުއްތު ފައުންޑޭޝަނަކީ މަޝްހޫރު ވިޔަފާރި އާއިލާ ޗަންޕާ ބްރަދާސްގެ ފަސް ބެން ކަމަށްވާ ޗަމްޕާ ހުސައިން އަފީފާއި ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) އާއި އަބްދުއްސައްތާރު މޫސާ އާއި އަހުމަދު މޫސާ އަދި ހަދީޖާ މޫސާގެ ބައްޕަ، މޫސާ އަލީ (އަލިފުޅު ތުއްތު)ގެ ނަމުގައި އުފައްދާފައިވާ ފައުންޑޭޝަނެކެވެ.

އެ ފައުންޑޭޝަނުންގެ ފަރާތުން ރަށްރަށުގައި ފެނާއި ނަރުދަމާ ގާއިމްކޮށްދިނުމުގެ އިތުރުން ދިވެހި ކުދިންނަށް މަތީ ތައުލީމުގެ ފުރުސަތު ފަހިކޮށްދީ، އެކި ރަށްރަށުގައި މިސްކިތްތައް ދަނީ އަޅައިދެމުންނެވެ.

އެގޮތުން މިހާރު ވެސް އެ ފައުންޑޭޝަންގެ ފަރާތުން ތިން މިސްކިތެއް ނިންމާ ސަރުކާރާ ހަވާލުކުރަމުންދާއިރު ހަތަރު މިސްކިތެއްގެ މަސައްކަތް ދަނީ ކުރިއަށެވެ.

comment ކޮމެންޓް