އަލިފުޅު ތުއްތު ފައުންޑޭޝަންގެ ފަރާތުން ރ. ހުޅުދުއްފާރު އަދި ލ. މާމެންދޫގައި އިމާރާތް ކުރި މިސްކިތް އިސްލާމިކް މިިނިސްޓްރީއާ މިއަދު ހަވާލުކޮށްފި އެވެ. އެ ދެ މިސްކިތަކީ ވެސް އިސްލާމިކް މިނިސްޓްރީގެ އެދުމުގެ މަތިން އަލިފުޅު ތުއްތު ފައުންޑޭޝަންގެ އިޖްތިމާއީ ޒިންމާގެ ދަށުން ހަދިޔާކުރި ދެ މިސްކިތެވެ.
އިސްލާމިކް މިނިސްޓްރީއާ ހަވާލުކުރި ދެ މިސްކިތުގެ ތެރެއިން 504 މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭ ގޮތަށް ހުޅުދުއްފާރުގައި އިމާރާތް ކުރި މިސްކިތަކީ ނިމި ދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައި މަސައްކަތް ފަށައި މި އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި މަސައްކަތް ވަނީ ނިންމާފަ އެވެ.

ދެ މިސްކިތް އިސްލާމިކް މިނިސްޓްރީއާ ހަވާލު ކުރަނީ --
މާމެންދޫ މިސްކިތުގެ މަސައްކަތް ފެށީ 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. ޖުމްލަ 304 މީހުންގެ ޖާގައިގެ އެ މިސްކިތުގެ މަސައްކަތް ނިންމާލާފައި ވަނީ މިދިޔަ މަހުގެ ކުރީކޮޅު އެވެ.
އަލިފުޅު ތުއްތު ފައުންޑޭޝަނުން މައުލޫމާތުދޭ ގޮތުގައި، އައިމާ ކޮންސްޓްރަކްޝަންއާ ހަވާލުކޮށްގެން އިމާރާތްކުރި އެ ދެ މިސްކިތަށް، ކޮންމެ މިސްކިތެއް އިމާރާތްކުރުމަށް 6.5 މިލިއަން ދިވެހި ރުފިޔާ ހަރަދުކޮށްފައިވެ އެވެ.
މިއަދު އިސްލާމިކް މިނިސްޓްރީއާ ހަވާލުކުރި ދެ މިސްކިތުގެ އިތުރުން އަލިފުޅު ތުއްތު ފައުންޑޭޝަންގެ ފަރާތުން ދަނީ އިސްލާމިކް މިނިސްޓްރީގެ އެދުމުގެ މަތިން ރާއްޖޭގެ އިތުރު ތިން ރަށެއްގައި މިސްކިތްތައް އިމާރާތް ކުރަމުންނެވެ.

އަލިފުޅު ތުއްތު ފައުންޑޭޝަނުން މާމެންދޫގައި އިމާރާތްކުރި މިސްކިތް --- ފޮޓޯ/ އަލިފުޅު ތުއްތު ފައުންޑޭޝަން
އެއީ، ހއ. ތަކަންދޫގައި 300 މީހުންގެ ޖާގައިގެ މިސްކިތަކާއި ށ. ނަރުދޫގައި 300 މީހުންގެ ޖާގައިގެ މިސްކިތެއްގެ އިތުރުން މ. މުލަކުގައި 700 މީހުންގެ ޖާގައިގެ މިސްކިތެކެވެ.
އޭގެ އިތުރުން އަލިފުޅު ތުއްތު ފައުންޑޭޝަންގެ އަމިއްލަ އިސްނެގުމަކަށް ހިލޭ ސާބަހަށް ހދ. ހަނިމާދޫގައި ދަނީ މިސްކިތެއް އިމާރާތް ކުރަމުންނެވެ. ޖުމްލަ 704 މީހުންގެ ޖާގައިގެ އެ މިސްކިތަށް 8.9 މިލިއަން ރުފިޔާ އެ ފައުންޑޭޝަނުން ހަރަދުކުރާ އިރު އެ މިސްކިތުގެ 40 ޕަސެންޓް މަސައްކަތް މިހާރު ވަނީ ނިމިފަ އެވެ.
އަލިފުޅު ތުއްތު ފައުންޑޭޝަނަކީ މަޝްހޫރު ވިޔަފާރި އާއިލާ ޗަންޕާ ބްރަދާސްގެ ފަސް ބެން ކަމަށްވާ ޗަމްޕާ ހުސައިން އަފީފާއި ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) އާއި އަބްދުއްސައްތާރު މޫސާ އާއި އަހުމަދު މޫސާ އަދި ހަދީޖާ މޫސާގެ ބައްޕަ، މޫސާ އަލީ (އަލިފުޅު ތުއްތު)ގެ ނަމުގައި އުފައްދާފައިވާ ފައުންޑޭޝަނެކެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުގައި މަސައްކަތް ކުރާ ފަރާތްތަކުން ކުރަމުންދާ މަސައްކަތުގެ އަގުވަޒަންކޮށް، ސަރުކާރުން ދެމުންގެންދާ ޑިސްއެބިލިޓީ އެވޯޑް މިދިޔަ އަހަރު ލިބިފައިވާ، އަލިފުޅު ތުއްތު ފައުންޑޭޝަންގެ ފަރާތުން ދިވެހި ކުދިންނަށް މަތީ ތައުލީމުގެ ފުރުސަތު ފަހިކޮށްދީ، އެކި ރަށްރަށުގައި މިސްކިތްތަކާއި ފެނާއި ނަރުދަމާ ވެސް ދަނީ ގާއިމް ކޮށްދެމުންނެވެ.