މުސްލިމުންގެ ގިބުލަ، ގެފުޅު ކައިރީގައި ހުރެ އަމިއްލަ ގައިގާ އަލިފާން ރޯކޮށްލަން އުޅުނު މީހަކު ސައުދީ ފުލުހުން އިއްޔެ ހައްޔަރުކޮށްފި އެވެ.
ސައުދީ އަރަބިއާގެ ފުލުހުން ބުނީ، އަމިއްލަ ގަޔަށް ކަރާސީނު އަޅައިގެން އަލިފާން ރޯކޮށްގެން، މަރުވާން އުޅުނު މީހަކު، އެކަން ކުރުމުގެ ކުރިން އާއްމުން އޭނާ ހުއްޓުވައި، ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި އެކަން ކުރަން މަސައްކަތް ކުރީ އުމުރުން 40 އަހަރުގެ މީހެއް ކަމަށް ބުނެފައިވެ އެވެ.
"އޭނާގެ އަމަލުތަކުން ހީވާގޮތުގައި އޭނާއަކީ ސިކުނޑީގެ އުނިކަމެއް ހުންނަ މީހެއް. ނަމަވެސް މައްސަލަ ބެލުމަށްފަހު ފިޔަވަޅު އަޅާނަން،" ގެފުޅުގެ ސަލާމަތީ ކަންކަން ބަލަހައްޓާ ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
މައްކާގެ ހަރަމްފުޅު ތެރޭގައި ހުންނަ ކައުބަތުﷲ ގެފުޅު ބަލަހައްޓާ ސަލާމަތީ ބާރުގެ މީޑިއާ ތަރުޖަމާން މޭޖަރު ސަމީހް އަލް ސިލްމީ ވިދާޅުވެފައި ވަނީ، ގެފުޅުގައި ހުޅުޖަހާ ރޯކޮށްލަން އޭނާ މަސައްކަތް ކުރި ކަމަށް ބުނާ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށާއި އޭނާގެ މަގްސަދަކީ އޭނާގެ އަމިއްލަ ހަށިގަނޑަށް ގަސްތުގައި ގެއްލުމެއް ދިނުން ކަމަށެވެ. (ރޮއިޓާސް)