1414ގެ ޓެކްސީތަކަށް އުރީދޫ އެމް ފައިސާ އިން ފައިސާ ދެއްކޭ ގޮތް ހަދައިފި

ފައިން ޓެކްސީގެ ކާރަކަށް އެމްފައިސާ މެދުވެރިކޮށް ފައިސާ ދައްކަނީ --- ސަން ފޮޓޯ

މާލޭގައި ޓެކްސީގެ ޚިދުމަތްދޭ "ފައިން ޓެކްސީ" (3331414) ސެންޓަރުގެ ޓެކްސީތަކަށް އުރީދޫގެ މޯބައިލް މަނީ (އެމް ފައިސާ) މެދުވެރިކޮށް ފައިސާ ދެއްކޭ ގޮތް ހަދައިފި އެވެ.

އުރީދޫ އެމް ފައިސާ ހިދުމަތަކީ ވޮލެޓްގައި ހުންނަ ރުފިޔާ ވޮލެޓްގައި ގެންގުޅުމުގެ ބަދަލުގައި، ފޯނުގައި ހިދުމަތް ރަޖިސްޓާކޮށްގެން، އެކައުންޓަކަށް ރުފިޔާ ޖަމާކޮށް، މޮބައިލް ފޯނު މެދުވެރިކޮށް އެކި ވިޔަފާރީގެ މުއާމަލާތްތަކަށް ފައިސާ ދެއްކޭނެ ނިޒާމެކެވެ.

އުރީދޫ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އުރީދޫ މޯލްޑިވްސްގެ ހެޑް އޮފް ސޭލްސް ހުސައިން ނިޔާޒް ވިދާޅުވީ، ޓެކްސީގެ ޚިދުމަތް ބޭނުންކުރުމަށް ފަހު ފައިސާ މާރުކުރުމާއި، ބާކީ ފައިސާ ޑްރައިވަރުގެ ފަރާތުން ހޯދުމަކީ ވަގުތު ނަގާ ކަމެއް ކަމަށާއި، އެކަމާ ގުޅިގެން މަގުމަތީގައި ޓެކްސީ ގިނަ އިރު ވަންދެން ހުއްޓާފައި އޮންނަން ޖެހޭ ކަމަށެވެ.

"އެމް ފައިސާ އިން ޓެކްސީއަށް ދޭންޖެހޭ ފައިސާ ޕޭ ކޮށްލެވޭނެ. ޓެކްސީ ޑްރައިވަރަށް ހަމަ އެސްއެސްއެސްއިން އެނގޭނެ ލާރި ޖަމާ ވެއްޖެކަން،"

މިވަގުތު އުރީދޫ އެމްފައިސާ މެދުވެރިކޮށް ފައިސާ ދެއްކެނީ ޓެކްސީ ސެންޓަރުތަކުގެ ތެރެއިން ފައިން ޓެކްސީ (3331414) އަށް އެކަންޏެވެ. އެހެން ނަމަވެސް ކުރިޔަށް އޮތް ތަނުގައި އިތުރު ސެންޓަރުތަކާ އެކު އުރީދޫއިން މި ޚިދުމަތް ފަށާނެ އެވެ.

މި ޚިދުމަތް ލިބޭ ކާރުތަކުގެ ފަސިންޖަރުންގެ ސީޓާ ދިމާލުން ކިއުއާރު ކޯޑެއް ހިމެނޭ ކާޑެއް ހުންނަ އިރު، ފަސިންޖަރުން ޖެހޭނީ އެމް ފައިސާ މޯބައިލް އެޕްލިކޭޝަން ބޭނުންކޮށްގެން އެ ކޯޑު ސްކޭން ކޮށް، އެ ޓެކްސީއަކަށް އެމް ފައިސާ މެދުވެރިކޮށް ފައިސާ ދައްކާށެވެ. ފައިސާގެ މުއާމަލާތް ފުރިހަމަވުމުން ކަސްޓަމަރާއި ޑްރައިވަރުގެ ފޯނަށް އެކަމުގެ ކޮންފަމޭޝަން އެސްއެމްއެސް އެއް ލިބޭނެ ކަމަށް ނިޔާޒް ވިދާޅުވި އެވެ. އަދި މިއީ އެމް ފައިސާގެ ޚިދުމަތް ތައާރަފުކުރި ފަހުން ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި ޓެކްސީގެ ޚިދުމަތް ބޭނުންކުރަން ލިބޭ ވަރަށް ބޮޑު ފަސޭހައަކަށް ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ފައިން ޓެކްސީ ސެންޓަރުގެ ވެރިޔާ އަހްމަދު ޝިހާދު ވިދާޅުވި ގޮތުގަައި، މާލޭގެ މަގުތަކުގައި ދުއްވުން ދަތިވެފައިވާ އިރު، އެމްފައިސާ ބޭނުންކޮށްގެން ދަތުރުގެ ފައިސާ ކެނޑުމަކީ ލިބޭ ވަރަށް ބޮޑު ފަސޭހައެކެވެ.

އޭނާ ވިދާޅުވީ، ފައިން ޓެކްސީގެ 80 ޕަސަންޓު ކާރުތަކުގައި މިހާރުން ފެށިގެން އެ ޚިދުމަތް ލިބޭނެ ކަމަށެވެ.

comment ކޮމެންޓް