މަސްވެރިކަމާއި ދަނޑުވެރިކަން ރަނގަޅު މިސްރާބަކަށް

ފިޝަރީސް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ސަން އަށް އިންޓަވިއު ދެއްވަނީ -- ސަން ފޮޓޯ: އިހްތިޝާމް

ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ކުރިއަރައިގެންދާ ވާހަކާ ނުދެއްކި ނަމަވެސް، އަބަދުވެސް މަސްވެރިކަން ދަށަށް ގޮސް، މަސްވެރިންނަށް ގެއްލުން ވަމުން އަންނަ ވާހަކަތައް އަޑުއިވެއެވެ. ބާނާ މަސް ނުކިރި، އަދި ކިރުވުނު ނަމަވެސް އެއިން ލިބޭ އާމްދަނީ މަސްވެރިންނަށް ނުލިބޭ މައްސަލައަކީ އަބަދުވެސް ބޮޑުވެފައިވާ މައްސަލައެކެވެ. މިފަދަ ވާހަކަތައް ދެކެވެނީ މަސްވެރިކަމަކީ ދިވެހީންގެ ލޭނާރުކަމަށް ވާތީއެވެ. އެންމެ ކުރީއްސުރެންވެސް، ދިވެހީންގެ އާމްދަނީގެ ބޮޑުބައެއް މަސްވެރިކަމާ ގުޅި ލާމެހިފައި ވުމެވެ.

މި މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ކޮންމެ ސަރުކާރަކުންވެސް މަސްވެރިންނަށް ދިމާވާ މައްސަލަތައް ހައްލު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެއެވެ. ނަމަވެސް މިދިޔަ ތިން އަހަރު ދުވަސްތެރޭ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ރާއްޖޭގެ މަސްވެރިކަން ހަރުދަނާކޮށް، އެ ދާއިރާގައި ހުރި ބައެއް ގޮންޖެހުންތަކާއި މައްސަލަތައް ހައްލުކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކަކީ ފާހަގަކޮށްލެވޭ މަސައްކަތްތަކެކެވެ.

މި ސަރުކާރުގެ ދަށުން ރާއްޖޭގެ މަސްވެރިކަމާއި ދަނޑުވެރިކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވަނީ ޑރ. މުހައްމަދު ޝައިނީ އާއެވެ. ހީވާގި ހުނަރުވެރި، އަދި އެހާމެ ގާބިލް ބޭފުޅެކެވެ.

މިއީ ސަރުކާރުގެ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ "ސަން" އަށް ދެއްވި އިންޓަވިއުއެވެ.

މިފްކޯ މިހާރު މިވަނީ އެސްޓީއޯގެ ސަބްސިޑަރީއެއް ގޮތަށް އެކުންފުނީގެ ދަށަށް ގެންގޮސްފައި. ކިހިނެއްތޯ މިފްކޯގެ މުސްތަގުބަލު އޮތީ އެސްޓީއޯ އާ އެކު؟

"އެނގިލައްވާނެ މިފްކޯގެ މަސައްކަތްތައް ހުރި ގޮތުން ގެއްލުންތަކެއް ވަމުންދާތީވެ ސަރުކާރުން ބެލިބެލުމަކުން ފެނުނީ މިފްކޯ އެސްޓީއޯގެ ދަށަށް ގޮސްގެން އެއަށްވުރެ ފައިދާ ހުރި ގޮތަކަށް އެތަން ހިންގިދާނެ ކަމަށް. އެއީ މިފްކޯގެ ޚަރަދުގެ ތެރޭގަ ބޮޑަށް ދާ އެއްޗަކީ ތެލަށް ދާ ޚަރަދު. ތެލުގެ އަގު ވަކި ކުންފުންޏެއްގެ ގޮތުގަ އެސްޓީއޯއިން މިފްކޯއަށް ދޭ އިރުގަ މިފްކޯއިން ދޭން ޖެހޭ ބައެއް ފައިސާއާއި ދަރަނި ނުދެއްކި ހުރީމަ ތެލުގެ އަގު ތަންކޮޅެއް ބޮޑުކޮށް މިފްކޯއަށް އެސްޓީއޯއިން މިދެވެނީ. އޭގެ ގެއްލުން މިފްކޯއަށްވެސް އެބަލިބޭ. އެއާއެކު މަސްވެރިންނަށް އަގު ދެވޭ އިރުގަ އެ އުނދަގޫ އެބަ އާދޭ. އެހެންވީމަ ރަނގަޅު ގޮތެއް ވެއްޖެއްޔާ މިފްކޯ ފައިދާ ކުރުމަށް ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް ސަރުކާރަށް ފެނުނީ.

"އޭގެ އިތުރަށް އެސްޓީއޯއަށް ބަލާއިރު އެސްޓީއޯ އަކީ މުޅިންވެސް ބޭރުން އެއްޗެހި އެތެރެކޮށްގެން ވިޔަފާރި ކުރާ ފަރާތެއް. އެބޭފުޅުންނަށް އެންމެ ބޮޑު މައްސަލައަކަށް ވެފައި އޮންނަނީ ޑޮލަރު ނުލިބޭ މައްސަލަ. މިފްކޯއަށް ލިބޭ ޑޮލަރުވެސް އާންމުކޮށް މިދެނީ ސަރުކާރުގެ އެކިއެކި ކުންފުނިތަކަށް ބޭނުންވާ ޑޮލަރު މިފްކޯއިން މި ވިއްކަނީ. އެހެންވެ މި ސީނެޖީ އައިއްސިއްޔާ ތަންކޮޅެއް އެފިޝަންޓްކޮށް ހިނގާނެއޭ. ހަމަގައިމުވެސް މިފްކޯއަކީ އެސްޓީއޯގެ ސަބްސިޑަރީއެއްގެ ގޮތުގައި ހިނގާކަމަށްވަންޏާ އެސްޓީއޯއިން މިފްކޯއަކަށް ތެލެއް ނުދޭނެއޭ އަގު ބޮޑުކޮންނެއް. އޭރުން މިފްކޯގެ ބުކްސް ގޯސް ވި ވަރަކަށް އެސްޓީއޯގެ ބުކްސް ގޯސް ވާނެ. އަދި މިފްކޯއިން މަސް އެކްސްޕޯޓުކޮށްގެން ލިބޭ ޑޮލަރު ވަންނާނީ އެސްޓީއޯއަށޭ އޭރުން އެސްޓީއޯއަށް ޑޮލަރު ހޯދަން އުނދަގޫ ނުވާނެއޭ. އެހެންވީމަ އެ ވިސްނުމުގަ ދެ ކުންފުނި އެއް ކުރީ"

ފިޝަރީސް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ސަން އަށް އިންޓަވިއު ދެއްވަނީ -- ސަން ފޮޓޯ: އިހްތިޝާމް

މި ފަހަކަށް އައިސް ވެސް މަސްވެރިންގެ ފަރާތުން ގިނަ ޝަކުވާތަކެއް އެބަ އާދޭ، މަސް ނުކިރިގެންނާއި މަސް ކިރުވާފައި އެއަށް ލިބެންޖެހޭ ފައިސާ ނުލިބިގެން. އެކަންތައްތައް ހައްލު ކުރުމަށް ކޮން ކަހަލަ ފިޔަވަޅުތަކެއްތޯ މިނިސްޓްރީން އަޅަމުން ދަނީ؟

"މި ދޭތެރެއިން މިދިޔަ ހަފްތާތެރޭގަ ދެކުނުގަ މަސް ނުކިރިގެން ވަރަށް ބޮޑެތި މައްސަލަތަކެއް ޖެހިގެން އަޅުގަނޑާ ހަމައަށް، މިނިސްޓްރީއަށްވެސް ޝަކުވާ އައި. ދެން އެކަމާ ގުޅިގެން މިފްކޯއާ ވާހަކަ ދައްކަމުން މިގެންދަނީ.

"މިދިޔަ ހަފްތާ ތެރޭގަ މިދިމާވި މައްސަލައާ ގުޅިގެން އަޅުގަނޑުމެން މިނިސްޓްރީއަށް އެކަމާ މެދު ކަންބޮޑުވުންތަކެއް ހުރީމަ މިނިސްޓްރީގެ ޓީމެއް އަޅުގަނޑު ވަގުތުން ފޮނުވިން ދެކުނުގެ އަތޮޅުތަކަށް. ކިހިނެއްތޯ ވަނީ ބަލަން. އެއީ އަޅުގަނޑުމެންނަށް ލިބުނު މައުލޫމާތުތަކުގެ ފުށޫ އެރުންތަކެއް ހުރީމާ ސީދާ ބަލަން ބޭނުންވީ. މިއީ އަޅުގަނޑުމެން ދިން ޔަގީން ކަމެއް މަސްވެރިންގެ ދުވަހުވެސް މީގެ ފަހުން އަޅުގަނޑުމެން މިފްކޯގެ ކަންތައްތައް ބަލާނަމޭ. ޑިސްޕެޗް ކުރި ޓީމުން އެކުލަވާލި ރިޕޯޓު އެސްޓީއޯއާވެސް މިފްކޯއާވެސް އަޅުގަނޑުމެން ހިއްސާ ކުރާނަން"

މިދިޔަ އަހަރު މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން ލިބިފަ ހުރި ކާމިޔާބީ ތަކަކީ ކޮބައިތޯ؟

"ޚާއްސަ ގޮތެއްގައި ބަލައިފިކަމަށްވަންޏާމު ކޯޕަރޭޓިވްތަކުގެ މަސައްކަތް ފައްޓައިގެން އަށް (8) ކޯޕަރޭޓިވްގެ މަސައްކަތް އެބަދޭ ކުރިއަށް މި ދެ ދާއިރާގަ. މި ތިން އަހަރު ދުވަސްތެރޭގަ 23 މިލިއަނަށްވުރެ ގިނަ ރުފިޔާ މި ކޯޕަރޭޓިވްސްތަކަށް ސަރުކާރުން ދޫކޮށްފައިވޭ. 30 އަށް ވުރެ ގިނަ ބާވަތުގެ ޕްރޮޑަކްޓް މި ކޯޕަރޭޓިވްސް މެދުވެރިކޮށް މާކެޓަށް ނުކުމެގެން އެބައުޅޭ. އެ ވެސް ހަމަ މި ދެ ދާއިރާއިން.

"މި ކޯޕަރޭޓިވްސް މެދުވެރިކޮށް 60 އާއި 70 އާ ގާތްކުރާ މިންވަރަށް ވަޒީފާ އިތުރުވެގެން ގޮސްފި.

"މަސްވެރިކަމުގެ ދާއިރާއަށް ބަލާއިރު ދެ ވައްތަރެއްގެ މަސްވެރިކަމެއް ކުރުމަށް މިދިޔަ އަހަރު ދިރާސާތަކެއް ހެދިގެން މިދިޔައީ. އެއީ ޑައިމަންޑް ބެކްޑް ސްކުއިޑްގެ މަސްވެރިކަމާއި އެންވެރިކަން ރަނގަޅު ކުރުމަށް އެން ވަތުގަ އެން ދިރުވައި އާލާ ކުރުމުގެ މަޝްރޫއުގެ ތެރެއިން އާ ވައްތަރެއްގެ ޑިޒައިނެއް ހެދިގެން އެ އެއްޗެހިތައްވެސް ބައެއް މީހުންނާ ހަމައަށް ފޯރުކޮށްދެވިއްޖެ. އެތައް ސަތޭކަ ބަޔަކަށް ޓްރޭނިން ދެވިއްޖެ. ސްކޫލު ދަރިވަރުންނަށްވެސް ޓްރޭނިން ދެމުން މިދަނީ،

"މީގެ އިތުރުން ސަރުކާރުން މަސްވެރިކަން ފުޅާކޮށް ދެމެހެއްޓެނެވި މަސްވެރިކަމެއް ގެންގުޅުމަށްޓަކައި ކުރަމުން ދާ މަސައްކަތްތައް ފާހަގަކޮށް ރާއްޖެއަށް މިދިޔަ އަހަރު ތަފާތު ތިން އެވޯޑެއް ލިބުނު."

ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީ "ސަން" އަށް ދެއްވި އިންޓަވިއުގެ ތެރެއިން -- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު

މަސްވެރިކަމުގެ ދާއިރާ ފުޅާ ކުރުމަށް ނުވަތަ ތަރައްގީ ކުރުމަށް ރާވާފައި ހުރި މަސައްކަތްކަކީ ކޮބައިތޯ؟

"ކުރިއަށް އޮތް ދެ އަހަރަށް މަސްވެރިކަމުގެ ދާއިރާއަށް ޓާގެޓު ކުރާ ކަންތައްތަކަކީ އެންމެ ބޮޑަށް މަސްވެރިކަމުގެ ދާއިރާއިން އެކުއަކަލްޗާ އިތުރަށް ފުޅާ ކުރުން. ރައީސް ޔާމީންގެ އިސްނެންގެވުމުގެ މަތިން މަސްވެރިކަމުގައި އެންވެރިކަން ރަނގަޅު ކުރުމަށްޓަކައި ބަޖެޓުގައި ހިމަނައިގެން ވަރަށް ބޮޑު ހޭދައެއް އެބަ ކުރައްވާ. އެގޮތުން މިއަހަރުގެ ތެރޭގައި ބޭންގް ކަލްޗާ ކުރަން އަޅުގަނޑުމެން ފައްޓާނަން. އެއީ އެންމެ ބޮޑަށް އިސްކަން ދެވޭނެ ދާއިރާ އަކީ މަސްވެރިކަމުގައި."

ދަނޑުވެރިކަމުގެ ދާއިރާ ތަރައްގީ ކުރުމަށް ރޭވިފައި ހުރި މަސައްކަތްތަކަކީ ކޮބައިތޯ؟

"ދަނޑުވެރިކަމުގެ ދާއިރާއަށް ބަލައިފިއްޔާ ރާއްޖެއަށް އެތެރެކުރާ ތަރުކާރީއާއި މޭވާގެ ތެރެއިން ފަސްބާވަތެއް (ފަޅޯ، ބަރަބޯ، މިރުސް، ކަރާ، ދޮންކެޔޮ) އަޅުގަނޑުމެން ޓާގެޓް ކޮށްގެން މިއުޅެނީ ރާއްޖެއަށް އެތެރެ ކުރަން ނުޖެހޭ މިންވަރަށް އުފައްދަން. މިހާރު އެމަސައްކަތްތައް ފައްޓައިގެން ކުރިއަށް އެބަ ގެންދަން. އޭގެ އަމަލީ މަސައްކަތްތައް ކުރިއަށް އޮތް ދެތިން މަހެއްހާ ދުވަސްތެރޭ ފެއްޓިގެން ދާނެ."

މަސް އެކްސްޕޯޓު ކުރާ ގިނަ މާކެޓުތަކެއް މިހާރުވެސް އެބަހުރި. އިތުރު ޓާގެޓްތަކެއް އެބަހުރިތޯ ރާއްޖޭގެ މަސް އެކްސްޕޯޓު ކުރުމަށް؟

"ވަރަށް ގިނަ މާކެޓުތަކަށް ހުރިހާ ކުންފުނިތަކުންވެސް އެބަ ޓާގެޓް ކުރޭ. އަޅުގަނޑުމެންގެ ސަރުކާރު އައި ފަހުން އިތުރު 13 މާކެޓަކަށް އަޅުގަނޑުމެންގެ މަސް އެބަ އެކްސްޕޯޓު ކުރެވޭ. އިތުރު މާކެޓްތަކަކަށޭ މި ދެންނެވީ އިތުރު ސެލިން ޕޮއިންޓްސްތަކަކަށް. އަޅުގަނޑުމެން ވިސްނަމުން މިދަނީ އެއް ބައްރުން އަނެއް ބައްރަށް ރާއްޖޭގެ މަސްވެރިކަން ފުޅާ ކުރަން.

"މިހާރުވެސް އެމެރިކާގެ ނޯތު ކޯސްޓާ އެއްކޮށް އަޅުގަނޑުމެން މަސައްކަތްތަކެއް އެބަ ކުރަން. އެތަންތަނުގައި ވިއްކާ މަހުގެ ބަދަލުގައި ރާއްޖޭގައި ދެމެހެއްޓެނިވި ގޮތުގައި ބާނާ މަސް ޕްރޮމޯޓު ކުރުމަށްޓަކައި. މިފަދަ މަސައްކަތްތަކަކީ އަޅުގަނޑުމެން އަބަދުވެސް ކުރަމުންދާ މަސައްކަތްތައް."

މަސްވެރިކަން ރަނގަޅު ކުރުމަށް އިތުރު ކަނދުފަތިތަކެއް ގާއިމް ކުރެވިގެންދާނެތޯ ކުރިއަށް އޮތް ތަނުގައި؟ ދެން މިހާރު ހުރި ކަނދުފަތިތަކުގެ ހާލަތަކީ ކޮބައިތޯ؟

"އަޅުގަނޑުމެން މިނިސްޓްރީއާ ހަވާލު ވި އިރު ވަރަށް ގިނަ ބޮއިތައް ހުރީ ކަނޑައިގެން ގޮސްފަ. އެހެން ނަމަވެސް މިދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި އެއްވެސް ބޭފުޅަކަށް ނުދެންނެވޭނެ ބޮއެއް ކަނޑައިގެން ގޮސް އޮންނަތާ މަހަކަށްވުރެ ގިނަ ދުވަސް ވާނެއޭ. ވީހާވެސް އަވަސް މުއްދަތެއްގެ ތެރޭގައި އަޅުގަނޑުމެ މިދަނީ ކަނދުފަތިތައް ކަނޑައިގެންދާ ވަރަކަށް އަޅަމުން. މިހާރު ރާއްޖޭގައި އިތުރަށް ކަނދުފަތި އަޅާނެ ސަރަހައްދެއް ނޯންނާނެ. ކަނދުފަތިތައް އެޅެން ހުރި ހުރިހާ ސަރަހައްދެއްގައި ކަނދުފަތިތައް އަޅާފައި ހުންނާނީ."

އަދުގެ ސަރުކާރުން ދަނީ ރައްޔިތުންނަށް ލިބޭ އާމްދަނީ އިތުރުކޮށް، ހުރިހާ ރައްޔިތުންނަކީވެސް ފޯރުންތެރި، ބާރުވެރި ބަޔަކަށް ހެދުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ދިވެހީންގެ އާމްދަނީގެ ބޮޑުބައެއް ހިއްސާކުރާ، މަސްވެރިކަމާއި ދަނޑުވެރިކަން ކުރިއަރުވައި، އިތުރު ހަރުފަތަކަށް ގެންދިއުމަށް ކެނޑިނޭޅި ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މަސްވެރިކަމުން ލިބޭ އާމްދަނީ އިތުރަށް ފުޅާކުރާން ގިނަ މަސައްކަތްތަކެއް ކުރެވެމުން ދާއިރު، މިސަރުކާރު އައި ފަހުން އިތުރު 13 މާކެޓަކަށް މަސް އެކްސްޕޯޓްކުރަމުން ދާކަން ފާހަގަކޮށްލެވެއެވެ. ދެމެހެއްޓެނެވި މަސްވެރިކަން ކުރާތީ ރާއްޖެއަށް މިދިޔަ އަހަރު ތިން އެވޯޑެއް ލިބުނު ކަމީ، ރާއްޖޭގެ މަސްވެރިކަން ކުރިއަރައި، ތަރައްގީވާކަމުގެ ހެއްކެކެވެ.

ދެންއޮތީ، މަސްވެރިކަމާއި ދަނޑުވެރިކަމާއި މިނޫންވެސް ގައުމުގެ އިގުތިޞާދާ ގުޅިފައިވާ ކަންކަން ކުރިއަރުވާން، ސަރުކާރުން ކުރާ މިފަދަ ކަންކަމުގައި އަޅުގަނޑުމެން ފަރުދީގޮތުން އެއްބާރުލުން ދިނުމެވެ. މިފަދަ ކަންކަމުގައި، ސިޔާސީ ފިކުރާއި ދެބަސްވުންތައް އެކަހެރިކޮށް، ރައްޔިތުންނާއި، ސަރުކާރާއި ކުދި އަދި ބޮޑެތި ވިޔަފާރިތައްވެސް ގުޅިގެން ގައުމުގެ އިގްތިޞާދު މެކުހަށް ޖެހުމަށް ގަދައަޅައި މަސައްކަތް ކުރުމެވެ.

comment ކޮމެންޓް