އެމެރިކާގެ އާ ސެކްރެޓަރީ އޮފް ސްޓޭޓަށް ރާއްޖޭގެ މަރުހަބާ

އެމެރިކާގެ އާ ސެކްރެޓަރީ އޮފް ސްޓޭޓް ރެކްސް ޓިލަސަން -- ފޮޓޯ/ އޭޕީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުގެ ސެކްރެޓަރީ އޮފް ސްޓޭޓް ރެކްސް ޓިލަސަންއަށް ދިވެހި ސަރުކާރުން މަރުހަބާ ކިޔައިފި އެވެ.

ފޮރިން މިނިސްޓްރީން ބުނި ގޮތުގައި، ސެކްރެޓަރީ ޓިލަސަންއަށް ފޮރިން މިނިސްޓަރ ޑރ. އާސިމް މިއަދު ވަނީ މަރުހަބާ ވިދާޅުވެ، ސިޓީއެއް ފޮނުއްވައިފަ އެވެ.

ފޮރިން މިނިސްޓަރ ޑރ. އާސިމް ވަނީ، ދެގއުމުގެ ދެމެދުގައި އޮތް ގުޅުމާއި އިތުބާރު ފާހަގަކުރައްވައިފަ އެވެ. އަދި ސެކްރެޓަރީ ޓިލަސަންއާ ގާގތުން މަސައްކަތްކޮށް، ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް އެދިވަޑައިގަންނަވާކަމަށް ފޮރިން މިނިސްޓަރ ވިދާޅުވިއެވެ.

ރައީސް ޓްރަމްޕްގެ ކެބިނެޓަށް ނޮމިނޭޓު ކުރެއްވި ޑިޕާޓްމެންޓް ސެކްރެޓަރީން (ވަޒީރުން)ނަށް އެގައުމުގެ ސެނެޓުން ރުހުން ދިނުމުގެ މަސައްކަތްތައް ކުރަމުންދާ އިރު، ސެކްރެޓަރީ އޮފް ސްޓޭޓް ރެކްސް ޓިލަސަންއަށް ރުހުން ލިބުނީ އިއްޔެ އެވެ. ރެކްސް އިއްޔެ ވަނީ މަގާމުގެ ހުވާ ކުރައްވައި، މަގާމާ ހަވާލުވެވަޑައިގެންފަ އެވެ.

ރެކްސް ޓިލަސަންއަކީ އެމެރިކާގެ ތެލާއި ގޭސް ކުންފުނި އެކްސޮންމޯބިލްގެ ސީއީއޯ އަދި ޗެއާމަންކަން ކުރެއްވި ވިޔަފާރިވެރިއެކެވެ. އެކްސޮންމޯބިލްއިން ރަޝިއާގައި ވިޔަފާރިކުރުމަށް ޝައުގުވެރިކަން ފާޅުކުރި ފަހުން، ޓިލަސަން ވަނީ ރަޝިއާގެ ރައީސް ވްލަޑީމިރް ޕޫޓިންއާ ގާތް ގުޅުންތަކެއް އުފައްދައިފަ އެވެ. ރައީސް ޕޫޓިން ވަނީ ޓިލަސަންއަށް 2013 ވަނަ އަހަރު "އޯޑާ އޮފް ފްރެންޑްޝިޕް"ގެ ޝަރަފު ވެސް އަރުވައިފައެވެ.

މީގެ އިތުރުން އެކްސޮންމޯބިލްއިން ސައުދީ އަރަބިއްޔާ، ގަތަރު އަދި ޔޫއޭއީގައި ވެސް ހަރަކާތްތެރިވާ އިރު، އެ ތިން ގައުމުގައިވެސް ޓިލަސަންއާ ގުޅުން އޮންނަ ގިނަ ފަރާތްތަކެއް އުޅެއެވެ.

ސެކްރެޓަރީ އޮފް ސްޓޭޓްގެ މަގާމަށް ރެކްސް ޓިލަސަން އައްޔަނުކުރުމަށް ރައީސް ޑޮނަލްޑް ޓްރަމްޕަށް ލަފާ އެރުއްވީ، އެެމެރިކާގެ ކުރީގެ ރައީސް ޖޯޖް ވޯކާ ބުޝްގެ ސަރުކާރުގައި ސެކްރެޓަރީ އޮފް ސްޓޭޓުކަން ކުރެއްވި ކޮންޑޮލީޒާ ރައިސްއެވެ.

comment ކޮމެންޓް