ރާއްޖޭގައި އެންމެ ގިނައިން މީހުން ވަންނަ ފަސް ވެބްސައިޓް، އެއްވަނައިގައި ސަން އޮންލައިން

ޑިޖިޓަލް މީޑީއާ އިން އަޅުގަނޑުމެންގެ ދިރިއުޅުމުގެ ވައްޓަފާޅި އަށް ގެނައި އިންގިލާބީ ބޮޑު ބަދަލުގެ އަސަރު ދިރިއުޅުމުގެ ހުރިހާ ދިމާއަކުން އަންނަނީ ފެންނަމުންނެވެ. އާބާދީގެ ނިސްބަތުން ބަލާ އިރު ސަރަހައްދީ ގައުމުތަކަށް ވުރެ ވެސް ޑިޖިޓަލް މީޑިއާ އަށް ދިވެހީން ފައްކާ ވެފައިވާލެއް ބޮޑެވެ.

މިއަދުގެ ދިވެހީންގެ އެންމެ ގާތް އެކުވެރިއަކީ ސޯޝަލް މީޑިއާ އެވެ. އިންޓަނެޓެވެ. ކޮންމެ ވަގުތެއްގައި ކޮންމެ ކަމެއް ކުރަމުން ދިޔަ ނަމަވެސް އިންޓަނެޓާ ހުންނާނީ ކަނެޓް ވެފަ އެވެ. މުޅި ދުނިޔެއާ ހުންނާނީ ގުޅިފަ އެވެ. ދިވެހީންނަކީ މަލްޓި ޓާސްކިން އަށް މަޝްހޫރު ބައެއް ކަމުން ޖަލްސާތަކުގައި ތިބޭ އިރު އާއި ކާގަޑީގަ އާއި އަދި ކިއެއްތަ ތިމާގެ ބައިވެރިޔާއާ އެކު ވަގުތު ހޭދަކުރުން ފަދަ މުހިންމު ވަގުތު ތަކުގައި ވެސް އަތުގައި އޮންނަ މޯބައިލް ފޯނުން ސޯޝަލް މީޑިއާގައި ހަރަކާތްތެރިކަމާ އެކު އުޅުމަކީ އުނދަގޫ ނިކަން ފަސޭހަ ކަމެކެވެ. ގަޑިއަކު އެތައް ފަހަރަކު ސްޓޭޓަސް އަޕްޑޭޓް ކުރާ މީހުންނާއި ދުވާލަކު އެތައް ފަހަރަކު ޕްރޮފައިލް ފޮޓޯ ބަދަލުކޮށްލާ މީހުންނާއި ދުވަހުގެ ކޮންމެ ހަރަކާތެއްގެ އަޕްޑޭޓް ހޭލީއްސުރެ ނިދުމާ ހަމަޔަށް އަޕްޓޭޑް ކުރާ މީހުންގެ ކުޅަދާނަކަމަށް ސޯޝިއަލް މީޑިއާގެ ވަސީލަތްތަކުން ވެސް ޝުކުރުވެރިވާހައިވެ އެވެ.

ސަރަހައްދީ ގިނަ ގައުމުތަކަށް ވުރެ ވެސް ދިވެހީން އިންޓަނެޓުގައި ހޭދަކުރާ ވަގުތު އާބާދީގެ ނިސްބަތުން އިތުރު ކަމަށް ދައްކާ އިރު ދިވެހީން އެންމެ ގިނައިން ވަންނަ ވެބްސައިޓް ތަކަކީ ކޮބައި ހެއްޔެވެ؟ އެ ސައިޓް ތަކާ އެމީހުންނާ ގުޅުވައިދެނީ ކޮން ކަމެއް ހެއްޔެވެ؟ ހަމަ ގައިމުވެސް މީހުން ވެބްސައިޓް ތަކަށް ވަންނާނީ އެ ސައިޓަށް ވަކި ވަނައެއް ދިނުމުގެ މަގުސަދުގައެއް ނޫނެވެ. އެކި މީހުން ވެބަސިޓު ތަކަށް ވަންނަ ބޭނުން ތަފާތެވެ. ފޭސް ބުކާއި އިންސްޓްގްރަމް އަދި ޔޫ ޓިއުބް ފަދަ ވަސީލަތްތަކުގެ ބޮޑު ބައެއް މުނިފޫހިފިލުވުމަށް ބޭނުން ކުރާ އިރު ގޫގުލް އަދި އޮންލައިން ނޫސްތައް ވެފައި ވަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ޒަމާނީ އަދި އެންމެ ފަހި މަގު ކަމުގަ އެވެ.

ވެބްސައިޓްތައް ރޭންކް ކުރާ ދުނިޔޭގެ އެންމެ ބޮޑު ކުންފުނި، އެލެކްސާގެ މިއަދުގެ ތަފާސް ހިސާބު ތަކަށް ބަލާ އިރު ދިވެހިރާއްޖޭގައި އެންމެ ގިނަ މީހުން ވަން ވެބްސައިޓަކީ ސަން މީޑިއާ ގުރޫޕުން ހިންގާ އޮންލައިން ނޫސް ސަން އޮންލައިން އެވެ. ދެވަނައިގައި އޮންލައިން ނޫސް އަވަސް އޮތް އިރު ތިން ވަނަައިގައި އޮތީ މިހާރު އޮންލައިން އެވެ. މި ލިސްޓުގެ ހަތަރު ވަނައިގައި އޮތީ ގޫގްލް އަދި ލިސްޓުގެ ފަސް ވަނަ ލިބެނީ އައިބޭ އަށެވެ. އެއްވަނައިގައި އޮތް ސަން އޮންލައިންގެ ދުނިޔޭގެ ރޭންކަކީ، 19615 އެވެ. އަވަސް އަށް ލިބިފައި ވަނީ 33167 އެވެ. އެހެން ކަމުން ވޯލްޑް ރޭންކިންގައި ސަން އާއި އަވަސް އާ ދެމެދު 13552 ގެ ތަފާތެއް އެބަ ހުއްޓެވެ.

މި ލިސްޓުން ޔަގީން ކަމާ އެކު އެނގޭ އެއް ކަމަކީ ޚަބަރާއި މައުލޫމާތު ހޯދައި ލިބިގަތުމަށް ދިވެހީން ދޭ އިސްކަން ބޮޑު ކަމެވެ. ތިމާގެ ވަށައިގެން އަމިއްލަ ގައުމުގައި ހިނގާ ކަންކަމާއި ދުނިޔޭގެ އެހެން ހިސާބު ތަކުގައި ވަމުންދާ ގޮތް ވެސް އެނގޭ ބަޔަކަށްވެ ތިބުމަށް ދިވެހީން ބޭނުންވާ މިންވަރެވެ.

ސަން އޮންލައިން ވަނީ ފާއިތުވި އަހަރު ވެސް އެލްކެސާ ރޭންކިންގެ އެއްވަނައިގައި މި ނޫހުގެ މަގާމު ދަމަހައްޓައިފަ އެވެ.

ސަން މީޑިއާ ގުރޫޕުގެ ސީއީއޯ ސިނާން ޢަލީ މިއަދު ވިދާޅުވީ، ސަން އޮންލައިން އަށް މިއަދު ލިބިފައިވާ ކިޔުންތެރީންގެ އިތުބާރަކީ ގިނަ އަހަރު ތަކެއްގެ ބުރަ މަސައްކަތް ކަމަށެވެ. ޒަމާނީ ޓެކްނޯލޮޖީއާ އެކު މީޑިއާ އަށް އަންނަ ބަދަލުތައް ދިރާސާކޮށް މީހުންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް އަންނަ ބަދަލުތައް ދެނެގަނެ އެ ބަދަލު ތަކާ ފައި ހަމަކުރެވޭނޭ ގޮތުގެ މަތީން ސަންގެ އޮންލައިން ނޫސް ކުރިޔަށް ގެންދިއުމަށް ސަން މީޑިއާގެ ޓީމުން ކެނޑިނޭޅި މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސަން އޮންލައިންގެ ކާމިޔާބަކީ އަޅުގަނޑުމެންގެ މުވައްޒަފުންގެ ބުރަ މަސައްކަތް. އެކާމިޔާބު ގުޅިފައި ވަނީ އަޅުގަނޑުމެންގެ ނޫހަށް އިތުބާރުކުރައްވާ ކިޔުންތެރީންނާ،" ސިނާން ވިދާޅުވި އެވެ.

comment ކޮމެންޓް