ސެންޗޫރިއަންގެ ހިއްސާ ވިއްކައި ނިންމައިފި ކަމަށް އެކުންފުނިން ބުނެފި

ސެންޗޫރިއަން ޕލކގެ ބޯޑުގެ ބައެއް ޑިރެކްޓަރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގެ ހިއްސާގެ ބާޒާރުގައި ލިސްޓުކޮށް، ހިއްސާ ވިއްކަން ފެށި އެންމެ ފުރަތަމަ ދިވެހި ކުންފުނި، ސެންޗޫރިއަން ޕލކއިން ހިއްސާ ވިއްކައި ނިންމައިފި ކަމަށް އެ ކުންފުނިން ބުނެފި އެވެ.

މިދިޔަ މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވައިގެން އެ ކުންފުނިން ހިއްސާ ވިއްކަން ފަށާފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަހު އެވެ. އެގޮތުން އެކުންފުނީގެ އައިޕީއޯ ކުރިއަށް ގެންގޮސްފައިވާ މުއްދަތުގައި ރާއްޖޭގެ 31 ރަށަކަށް ދަތުރުކޮށް ހިއްސާ ވިއްކުމުގެ ކަންކަން ކުރިއަށް ގެންގޮސްފައިވެ އެވެ. އަދި އެ 31 ރަށުގެ އިތުރުން، އިތުރު 10 ރަށެއްގައި އޭޖެންޓުން މެދުވެރިކޮށް ވެސް އެކުންފުނިން ވަނީ ހިއްސާ ވިއްކައިފަ އެވެ.

ސެންޗޫރިއަންގެ ޗެއާމަން އަހުމަދު މައުމޫން މިއަދު ވިދާޅުވީ، ހިއްސާ ވިއްކުނު ސީދާ އަދަދެއް އަދި ވިދާޅުވަން ނޭނގޭ ކަމަށާއި ވިއްކުނު ހިއްސާގެ ސީދާ އަދަދު އެނގޭނީ އޮޑިޓް ކުރުމަށް ފަހު ކަމަށެވެ. އަދި ސެންޗޫރިއަން އައިޕީއޯ އާއި ގުޅޭ އިންޓަނަލް އޮޑިޓްއެއް ކުރިއަށް ގެންދާ ކަމަށާއި އޮޑިޓް ކޮށް ނިންމައި މިމަހުގެ 10 ވަނަ ދުވަހު ހުރިހާ މައުލޫމާތެއް މީޑިއާއާ ހިއްސާ ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ކުންފުނިން ހިއްސާ ވިއްކީ ހިއްސާއެއް 25 ރުފިޔާގެ މަގުން، 6.7 މިލިޔަން ހިއްސާ އެވެ. އެއީ ކުންފުނީގެ 49 ޕަސަންޓު ހިއްސާ އެވެ. ހިއްސާ ގަތް ފަރާތްތަކުން މަދުވެގެން ހަތަރު ހިއްސާ ގަންނަން ޖެހެ އެވެ. އެއީ 100 ރުފިޔާގެ އިންވެސްޓްމެންޓެކެވެ.

ސެންޗޫރިއަން ޕލކއިން ހިއްސާ ވިއްކައިގެން ހޯދާ 168 މިލިޔަން ރުފިޔާ ހޭދަކުރުމަށް ނިންމާފައި ވަނީ ކުންފުންޏަށް ހަރު މުދާ ނުވަތަ ކެޕިޓަލް އެސެޓްސް ހޯދުމަށެވެ.

comment ކޮމެންޓް