އުއްޗު ވާދަކުރައްވަނީ ކޮއްކޮއާ، މިހާރު ވާދަ ކުރައްވަނީ ކަނޑުއަޑީގައި ކޮޓަރި ހަދަން

ހުރަވަޅި ރިސޯޓު ހުޅުވި ރަސްމިއްޔާތަށްފަހު ރައީސް ޔާމީނާއެކު އުއްޗު (މ) ވަޑައިގަންނަވަނީ-- ފޮޓޯ/ ރައީސް އޮފީސް

ކުރިއަރައި ދާން ބޭނުންނަމަ އަބަދުވެސް ވާދަ ކުރާނެ އެވެ. ތައުލީމާއި ކުޅިވަރާއި ވިޔަފާރީގައި އޮތީ އެކަމެވެ. ނަމަވެސް ވިޔަފާރީގެ ދާއިރާއިން ކުރިއަރައި ދިއުމަށް އާއިލާގެ މެމްބަރުންނާ ވާދަކުރި އަޑު އެހިން ހެއްޔެވެ؟ ރާއްޖޭގައި އެ ވާދަވެރިކަން އޮތް ވާހަކަ އަޑު އެހީމު ހެއްޔެވެ؟

ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު މޫސާ (އުއްޗު)ގެ ވިޔަފާރީގައި އޮތީ އެ ވާދަވެރިކަމެވެ. އޭނާގެ ވާދަވެރިކަން އޮތީ އެއްބަނޑުއެއްބަފާ ހަމައެކަނި ހުރި ކޮއްކޮ ޗަމްޕާ ހުސައިން އަފީފަށެވެ.

އެ ދެބެންނަކީ ރާއްޖެއަށް އަންނަމުންދާ އިންގިލާބީ ބޮޑެތި ބަދަލުތަކުގެ މުހިއްމު މޭސްތިރިންނެވެ. ރާއްޖޭގައި ކޮންމެ ދާއިރާއަކަށް ބަލާލި ނަމަވެސް އެ ދެބެންގެ ވިސްނުމާއި މަސައްކަތް ފެނިގެންދާނެ އެވެ. ވާދަވެރިކަމުގައި ވިޔަފާރި ފުޅާ ކުރި ނަމަވެސް ދެ މީހުންގެ ކާމިޔާބީގެ ފަހަތުގައި ވަނީ ވެސް އެކަކު އަނެކަކެވެ.

ރާއްޖޭގެ ތާރީހުގައި އިއްޔެއަކީ މުހިއްމު ދުވަހެކެވެ. ހާއްސަކޮށް ފަތުރުވެރިކަމުގެ ދާއިރާގައި ރާއްޖޭގެ ނަން އިތުރަށް ވިދާލާނެ ދުވަހެކެވެ. ޅ. އަތޮޅުގައި ތަރައްގީ ކުރި ހުރަވަޅި އައިލެންޑް ރިސޯޓުގެ މޫދު އަޑީގައި ހަދާފައިވާ ރެސްޓޯރެންޓަކީ ދުނިޔޭގެ އެންމެ ބޮޑު ކަނޑުއަޑީގެ ރެސްޓޯރެންޓަށް ވުމެވެ.

ޗަމްޕާ މުހައްމަދު މޫސާ (އުއްޗު)ގެ ހިއްސާ އޮންނަ ޗަމްޕާލާސް ކުންފުންޏާއި ދިވެހި ސަރުކާރު ގުޅިގެން ތަރައްގީ ކޮށްފައިވާ ރިސޯޓުގައި ހަދާފައިވާ އެ ރެސްޓޯރެންޓު ހެދުމުގެ ވިސްނުން އައީ އުއްޗުގެ ކޮއްކޮމެންގެ ފަރާތުންނެވެ. ނަމަވެސް އެއީ ކޮން ކޮއްކޮއެއް ކަމަށް އޭނާ ވިދާޅެއްނުވެ އެވެ.

ކޮންރެޑް މޯލްޑިވްސްގައި ހެދި ރާއްޖޭގެ ފުރަތަމަ ކަނޑުއަޑީގެ ރެސްޓޯރެންޓް، "އިތާ" ރެސްޓޯރެންޓަކީ އޭނާގެ ކޮއްކޮމެން ހެދި ތަނަކަށްވުމުން، އުއްޗު ބޭނުންވީ އެއަށްވުރެ ބޮޑުތަނެއް ހަދާށެވެ.

ކަނޑުއަޑީގެ ރެސްޓޯރަންޓުގައި ރައީސް ޔާމިންގެ ދެކަނބަލުންނާއި ދައުލަތުގެ ބައެއް އިސްވެރިން ފަރިއްކޮޅަކަށް އިންސާފު ކުރައްވަން ތައްޔާރުވަނީ-- ފޮޓޯ/ ރައީސް އޮފީސް

"ރަނގަލީގައި ހުންނަ އަޅުގަނޑުގެ ކޮއްކޮމެން ރާއްޖޭގައި ހަދާފައި ހުންނަ އަންޑާ ވޯޓާ ރެސްޓޯރެންޓެއް. ދެން އަޅުނގަޑު ހިތަށް އެރީ އެއަށްވުރެ ބޮޑު ކޮށްލާފަ ހަދާލާނަމޭ. އެގޮތަށް ހެދިއިރު މިވަނީ ދުނިޔޭގެ ރިކޯޑެއް ހަދާފައި އެންމެ ބޮޑު އަންޑާ ވޯޓާ ރެސްޓޯރެންޓް ކަމަށް،" ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި އުއްޗު ވިދާޅުވިއެވެ.

"އިތާ" ރެސްޓޯރެންޓް ފަރުމާ ކުރި ކުންފުނިން ހުރަވަޅީގައި ތަރައްގީ ކުރި ކަނޑުއަޑީގެ ރެސްޓޯރެންޓް ހަދާފައި ވަނީ 5.8 މީޓަރު އަޑީގައެވެ.

ކަނޑުއަޑީގެ ރީތި މަންޒަރުތައް ފެންނަ ގޮތަށް ވަށައިގެން ބިއްލޫރި ޖަހައިގެން ފަރުމާ ކޮށްފައިވާ އެ ރެސްޓޯރެންޓަކީ އެއް ފަހަރާ ގާތްގަނޑަކަށް 24 މީހުންނަށް ކެއުމަށް އިންސާފުކުރެވޭނެ ތަނަވަސް ތަނެކެވެ.

މުހައްމަދު މޫސާ (އުއްޗު) އަދި އޭނާގެ އެއްބަނޑުއެއްބަފާ ހަމައެކަނި ކޮއްކޮ ޗަމްޕާ ހުސައިން އަފީފު: ކޮއްކޮއާ ވާދަ ކުރަން ކަނޑުއަޑީގެ ރެސްޓޯރެންޓެއް ހަދާނެ ކަމަށް އުއްޗު ވިދާޅުވި-- ސަން ފައިލް ފޮޓޯ

އުއްޗު ވިދާޅުވާ ގޮތުގައި، ކޮއްކޮ ޗަމްޕާ އަފީފާ ވާދަކުރެއްވުމަށް އަދިވެސް އޭނާ ހުރީ ތައްޔާރަށެވެ. އަދި އެދެބެންގެ ދޭތެރޭގައި އޮތީ އެފަދަ ވާދަވެރިކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުނގަޑު ވާދަކުރަންޖެހޭ ކަން ނޭނގެ. ކޮއްކޮ އެބަ ހިޔާލު ކުރައްވާ އަންޑާ ވޯޓާ ރޫމެއް ހަދާ ވާހަކަ. އެބޭފުޅުން ހަދައިފިއްޔާ އަނެއްކާ އަޅުގަނޑުމެން އެކަމާ ވާދަކުރާނަން. އެކަހަލަ ގޮތަކަށް މިކަން ކުރިއަށްދާނީ. އެކަހަލަ ވާދަވެރިކަމެއް މިއޮތީ،" އުއްޗު ވިދާޅުވިއެވެ.

އިންގިލާބީ ބޮޑެތި ބަދަލުތައް ގެނައުމަށް ކުރަމުންގެންދާ ވިޔަފާރީ ބޮޑެތި މަޝްރޫއުތަކުގެ އިތުރުން އުއްޗު އާއި ޗަމްޕާ އަފީފަކީ އިޖުތިމާއީ ގޮތުން ވެސް އަގުހުރި މަސައްކަތްތަކެއް ގައުމަށް ކޮށްދެއްވަމުން ގެންދަވާ ދެ ބޭފުޅުންނެވެ.

ބައްޕާފުޅު މޫސާ އަލީ (އަލިފުޅު ތުއްތު)ގެ ނަމުގައި އުފައްދާފައިވާ އަލިފުޅު ތުއްތު ފައުންޑޭޝަންގެ ފަރާތުން މަޝްހޫރު ވިޔަފާރި އާއިލާ ޗަންޕާ ބްރަދާސްގެ ފަސް މެމްބަރުން ދަނީ ދިވެހި ކުދިންނަށް މަތީ ތައުލީމުގެ ފުރުސަތު ފަހިކޮށްދީ، އެކި ރަށްރަށުގައި މިސްކިތްތަކާއި ފެނާއި ނަރުދަމާ ވެސް ގާއިމްކޮށްދެމުންނެވެ.

comment ކޮމެންޓް