ބަންގްލަދޭޝްގެ ޗިއްޓަގޮންގްގައި ހުންނަ ޔުނިވާސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީ، ޗިޓަގޮންގް (ޔޫއެސްޓީސީ)ގައި މެޑިސިންގެ ރޮނގުން ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނާ، ބަންގްލަދޭޝްގައި ހުންނަވާ ދިވެހި ސަރީފު އާއިޝާތު ޝާން ޝާކިރު މިއަދު ބައްދަލުކުރައްވައިފިއެވެ.
ދާދި ފަހުން މަގާމާ ހަވާލުވެވަޑައިގެން، ބަންގާޅަށް ވަޑައިގެންނެވި ސަފީރު ޝާން ވަނީ، ޔޫއެސްޓީސީގައި ތައުލީމު ހާސިލުކުރާ، އަދި ރެޖިސްޓްރޭޝަން މައްސަލަ ކުރިމަތިވި 28 ދަރިވަރުންނާ ބައްދަލުކޮށް، އެކުދިންނަށް ދިމާވެފައިވާ މައްސަލައަށް ހައްލު ހޯދުމަށް ރާޢްޖެއިން ކުރަމުންދާ މަސައްކަތާ ބެހޭ މައުލޫމާތު ފޯރުކޮށްދީފައެވެ.
ސަފީރު ވަނީ، އެ މައްސަލަ ހައްލުކުރުމަށް ދިވެހި ސަރުކާރުން މަސައްކަތް ކުރަމުން ގެންދާނެކަމުގެ ޔަގީންކަން އެ ދަރިވަރުންނަށް ދެއްވައިފައެވެ.
ދިވެހި ސަރުކާރުން މިހާރު ވަނީ، ޔޫއެސްޓީސީގައި މެޑިިސިން ކިޔަވަމުން ދިޔަ 28 ދަރިވަރަކު ރެޖިސްޓްރޭޝަންގެ ކަންކަން ފުރިހަމަ ނުކުރެވި ވާކަން ބަންގްލަދޭޝްގެ ފޮރިން މިނިސްޓްރީ މެދުވެރިކޮށް، އެގައުމުގެ ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސްފައެވެ.
ރާއްޖޭގެ ފޮރިން މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި ރާޢްޖޭގެ އެމްބަސީން ދަނީ ބަންގްލަދޭޝްގެ ހެލްތު މިނިސްޓްރީއާއި މެޑިކަލް ކައުންސިލަށް މި މައްސަލަ ހުށަހަޅައި، އަވަސް ހައްލެއް ހޯދައިދިނުމަށް އެދިފައެވެ. އެގޮތުން، ޔޫއެސްޓީސީގެ ވައިސް ޗާންސެލަރާ، ދިވެހި އެމްބަސީގެ އޮފިޝަލުން މީގެ ކުރިން ބައްދަލުކޮށްފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
އާންމު އުސޫލުގެ ގޮތުން، ބަންގްލަދޭޝްގެ މެޑިކަލް ބޯޑުގައި ދަރިވަރުން ރެޖިސްޓްރީކުރަނީ ޔުނިވާސިޓީގެ ފަރާތުންނެވެ. އެހެން ނަމަވެސް، މި ދެ ބެޗުގެ ދަރިވަރުން، ޔުނިވާސިޓީގެ ފަރާތުން މެޑިކަލް ކައުންސިލުގައި ރެޖިސްޓަރ ކޮށްދީފައި ނުވާ އިރު، އެކަން ދަރިވަރުންނަށް އަންގާފައި ވެސް ނުވެ އެވެ.
މިވަގުތު ދަރިވަރުންނަށް ކުރިމަތިވާ މައްސަލައަކީ، މެޑިކަލް ކައުންސިލުން އެ ދަރިވަރުން ރެޖިސްޓާކޮށްދިނުމަށް ދެކޮޅު ހެދުމެވެ. ސަބަބަކީ، އެ ކައުންސިލުން ބުނާ ގޮތުގައި، ޔުނިވާސިޓީން މާ ގިނަ އަދަދަކަށް ދަރިވަރުން އެންރޯލް ކޮށްފައި ވުމެވެ. އެހެން ނަމަވެސް ޔުނިވާސިޓީގެ އިދާރީ މައްސަލައެއްގެ ސަބަބުން ގިނަ އަދަދެއްގެ ދަރިވަރުންނަށް މިފަދަ ބޮޑު ގެއްލުމެއް ލިބެން ނުޖެހޭ ކަމަށާއި މިއީ ދަރިވަރުންގެ ހައްގުތަކަށް އަރައިގަތުން ކަމަށް ދަރިވަރުން ބުނެ އެވެ.
ރެޖިސްޓްރޭޝަންގެ މައްސަލަ، ރާއްޖޭގެ 28 ދަރިވަރެއްގެ އިތުރުން އިންޑިއާ އަދި ބޫޓާންގެ ދަރިވަރުން ހިމެނޭ ގޮތަށް، ހާހެއްހާ ދަރިވަރުންނަށް ދިމާވެފައިވެ އެވެ. މި ހުރިހާ ދަރިވަރުން ވެސް މިވަގުތު ދަނީ، ޔުނިވާސިޓީގެ ދިރާސީ މަސައްކަތްތައް ހުއްޓުމަކަށް ގެނެސް، ޔުނިވާސިޓީ ކެމްޕަހުގައި މުޒާހަރާ ކުރަމުންނެވެ.
މި ހަފްތާގައި އެ ދަރިވަރުންގެ އެމްބީބީއެސް އިމްތިހާނު ފަށާ އިރު، މި މައްސަލައަށް އަދި ވެސް ހައްލެ ނުލިބޭތީ، ދަރިވަރުންނާއި އެ ދަރިވަރުންގެ އާއިލާތައް ތިބީ ވަރަށް ބޮޑަށް ކަންބޮޑުވެފައެވެ.
އެ ދަރިވަރުން ބުނާ ގޮތުގައި، ބަންގްލަދޭޝްގެ މެޑިކަލް ކައުންސިލްގައި ރެޖިސްޓާނުކޮށް އެމްބީބީއެސް އިމްތިހާނު ހެދުމަކީ ބޭކާރު ކަމެކެވެ. ސަބަބަކީ، ރެޖިސްޓާ ނުކޮށް އިމްތިހާނު ހެދިޔަސް، ކޯހުން ދަސްވި މައުލޫމާތުގެ ބޭނުން އަމަލީ ގޮތުން ހިފުމުގެ ހުއްދައެއް ބަންގްލަދޭޝާއި، ދުނިޔޭގެ އެއްވެސް ތަނެއްގައި ނޯންނާނެ އެވެ. އެހެންކަމުން، އެ ދަރިވަރުން ފަސް އަހަރު ވަންދެން ބައިވެރިވި ކޯހުގެ ފައިދާއެއް އެ ދަރިވަރުންނަކަށް ނުލިބޭނެ އެވެ.