ބާންލީ އަތުން 1-2ގެ ނަތީޖާއަކުން އާސެނަލް މޮޅުވި މެޗުގައި އެޓީމުގެ ކޯޗު އާސެން ވެންގާގެ އަމަލުތަށް ހުރިގޮތުން އޭނާއާ ދެކޮޅަށް ފިޔަވަޅު އެޅުމަށް އިނގިރޭސި އެފްއޭއިން ނިންމައިފިއެވެ.
ވެންގާއާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ނިންމީ އިއްޔެ ރޭ އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ވެންގާ ބެންޗުން ފޮނުވާލުމުން ބަދަލު ރެފްރީއާ ބޭ އަދަބީ ބަހުން މުއާމަލާތްކޮށް އޭނާ ކޮށްޕާލުމުންނެވެ.
ވެންގާ ބެންޗުން ފޮނުވާލަން ޖެހުނީ ރޭގެ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމް އެއްވަރުވެފައިވަނިކޮށް އިތުރު ވަގުތުގެ ގޮތުގައި ދެއްކި ނުވަ މިނެޓްގެ ތެރެއިން ތިން ވަނަ މިނެޓްގައި ބާންލީއަށް ދިން ޕެނަލްޓީއާ ގުޅިގެން ހިތް ހަމަ ނުޖެހުން ފާޅުކުރުމުގެ ސަބަބުންނެވެ.
ރޭގެ އެ ހާދިސާއާ ގުޅިގެން ވެންގާ ވަނީ މައާފަށް އެދިފައެވެ. ވެންގާ ބުނީ އޭނާ ބަދަލު ރެފްރީއާ ދިމާލަށް ގޯސްއެއްޗެއް ނުބުނާ ކަމަށާއި އޭނާ ބުނި ބަހަކީ ކޮންމެ މެޗެއްގައި ވެސް އާންމުކޮށް ކޯޗުން ނުވައެއް ނުވަތަ ދިހަވަރަކަށް ފަހަރު ބޭނުން ކުރާ ބަހެއް ކަަމަށެވެ.
ވެންގާއަށް ވަނީ އޭނާގެ ދިފާއުގައި ވާހަކަ ދެއްކުމަށް އެފްއޭއިން ތިން ދުވަސް ދީފައެވެ. އަދި ވެންގާއަށް އޭނާގެ ދިފާއުގައި އެކަށީގެންވާ ހެކި ހުށަނޭޅިޖެއް ނަމަ އެފްއޭއިން ދޭނެ އަދަބެއް ނިންމާނެއެވެ.
ބެލެވޭ ގޮތުގައި ވެންގާއަށް ބޮޑު ޖޫރިމަނާއެއް ކުރިމަތި ވާނެއެވެ. އެންމެ ފަހުން އެ ކަހަލަ ހާދިސާއެއް ހިގާފައި ވަނީ 2012 ވަނަ އަހަރުއެވެ. ޓޮޓެންހަމްއާ ދެކޮޅަށް ނިއު ކާސަލް ކުޅުނު މެޗެއްގައި އެޓީމްގެ ކޯޗު ބަދަލު ރެފްރީއެއް ކޮއްޕާލުމުން ވަނީ ވިހި ހާސް ޕައުންޑުން ޖޫރި މަނާކޮށް ދެ މެޗަށް ސަސްޕެންޑް ކޮށްފައެވެ.