ޕާން މާބޮޑަށް މުރަނަ ކުރުމަކީ ކެންސަރުގެ ނުރައްކާ އިތުރުވެދާނެ ކަމެއް: ދިރާސާ

އެފްއެސްއޭ އިން ލަފާ ދެނީ ޕާނާއި އަލުވި ކައްކާ އިރު ރަން ރީނދޫ ކުލައެއްގައި ބެހެއްޓުމަށް -- ފޮޓޯ: ގެޓީ

ޕާނާއި އަލުވި ފަދަ ގިނަ އަދަދަކަށް ސްޓާޗް އެކުލެވޭ ކާނާ މާ ގިނަ އިރުވަންދެން ގަދަ ހޫނުގައި ފިހުމުން، ހަނާ ކުރުމުން ނުވަތަ ތެލުލުމުން ކެންސަރާ ގުޅުން ހުރި މާއްދާއެއް ކަމަށްވާ އެކްރިލެމައިޑް އޭގައި އުފެދޭ މިންވަރު އިތުރުވާ ކަމަށް ސައިންސުވެރިން ބުނެފި އެވެ.

އެކްރިލެމައިޑް އަކީ ގިނަ ބާވަތްތަކުގެ ކާނާގައި އެކުލެވޭ މާއްދާއެކެވެ. އަދި އެއީ ކާނާ ކެއްކުމުން ގުދުރަތީ ގޮތުން އުފެދޭ ކެމިކަލެކެވެ.

މިހާތަނަށް އެންމެ މަތީ ލެވެލަކަށް އެކްރިލެމައިޑް ފެނިފައި ވަނީ 120 ޑިގްރީ ސެލްޝިއަސް އާއި އެއަށް ވުރެ ހޫނު މިނުގައި ކައްކާފައިވާ، ގިނަ އަދަދަކަށް ސްޓާޗް އެކުލެވޭ ކާނާތަކުންނެވެ. އެފަދަ ކާނާތަކުގެ ތެރޭގައި ޕާން، ޗިޕްސް، ބްރެކްފަސްޓް ސީރިއަލް، ބިސްކޯދު، ކޭކު އަދި ކޮފީ ހިމެނެ އެވެ.

މީގެ އިތުރުން ގިނަ އަދަދަކަށް ސްޓާޗް އެކުލެވޭ ކާނާ މާ ގިނަ އިރުވަންދެން ގަދަ ހޫނުގައި ފިހުމުން، ހަނާ ކުރުމުން ނުވަތަ ތެލުލުމުން އޭގައި ހުންނަ އެކްރިލެމައިޑްގެ މިންވަރު އިތުރުވެ އެވެ.

މިސާލަކަށް ޕާން މުރަނަ ކުރުމުން އޭގައި ހުންނަ އެކްރިލެމައިޑްގެ މިންވަރު އިތުރުވެ އެވެ. އަދި ޕާނުގެ ކުލަ ގަދަވާ ވަރަކަށް އެކްރިލެމައިޑް ހުންނަ މިންވަރު އިތުރުވެ އެވެ.

އެހެންކަމުން އެފްއެސްއޭ އިން ލަފާ ދެނީ ޕާނާއި އަލުވި ކައްކާ އިރު ރަން ރީނދޫ ކުލައެއްގައި ބެހެއްޓުމަށާއި އަލުތްވާއި ޕާސްނިޕް ފަދަ ކާނާ ފުރިޖުގައި ނުބެހެއްޓުމަށެވެ.

ޕާނުގައި އެކްރިލެމައިޑް އުފެދެނީ އޭގައި ހުންނަ ހަކުރާއި އެމިނޯ އެސިޑާއި ފެން އެއްވުމުންނެވެ. އޭގެ ސަބަބުން ޕާނުގެ ކުލަ އާއި ރަހަ އާއި ވަހަށް ބަދަލު އާދެ އެވެ.

އެފްއެސްއޭ އިން ބުނާ ގޮތުގައި ދަށް ޓެމްޕަރޭޗަރެއްގައި ތަރުކާރީގައި ހަކުރު ހުންނަ މިންވަރު އިތުރުވެ އެވެ. އަދި އޭގެ ސަބަބުން އެތަރުކާރީ ކެއްކުމުން އެކްރިލެމައިޑް އުފެދޭ މިންވަރު އިތުރުވެ އެވެ.

ައިނގިރޭސިވިލާތުގެ ފުޑް ސްޓޭންޑާޑްސް އޭޖެންސީ (އެފްއެސްއޭ) އިން ބުނި ގޮތުގައި، މީދާ ބޭނުންކޮށްގެން ހަދާފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި އެކްރިލެމައިޑް އަކީ ޑީއެންއޭ އަށް ނުރައްކާތެރި އަދި ކެންސަރު ޖެހުމަށް މަގުފަހި ކުރާ އެއްޗެކެވެ. އެހެންކަމުން އެކްރިލެމައިޑް އަކީ އިންސާނުންނަށް ވެސް ނުރައްކާތެރި ކެމިކަލްއަކަށް ވެދާނެ ކަމަށް ސައިންސުވެރިން ލަފާ ކުރާ ކަމަށް އެފްއެސްއޭ އިން ބުންޏެވެ.

އެގޮތުން އެކްރިލެމައިޑް ހިމެނޭ ކާނާ މާގިނައިން ކެއުމުގެ ސަބަބުން ކެންސަރު ޖެހުމުގެ ނުރައްކާ ބޮޑު ވުމުގެ އިތުރުން ނާރުގެ ނިޒާމަށާއި ދަރިމައިވުމުގެ ނިޒާމަށް ނޭދެވޭ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސައިންސުވެރިން ލަފާ ކުރެ އެވެ.

ނަމަވެސް އެކްރިލެމައިޑްގެ ސަބަބުން އިންސާނުންނަށް ކެންސަރު ޖެހުމަށް މަގުފަހިވާ ކަން ޔަގީންވާ އެއްވެސް ހެއްކެއް އަދި ލިބިފައި ނުވާ ކަމަށް ކެންސާ ރިސާޗް ޔޫކޭ އިން ބުންޏެވެ.

އަދި އެކްރިލެމައިޑްގެ ސަބަބުން ސިއްހަތަށް ނުރައްކާވާނީ އެމާއްދާ ހިމެނޭ ކާނާ ބޭނުން ކުރާ މިންވަރަކުން ކަމަށް ބައެއް ސައިންސުވެރިން ފާހަގަ ކުރާ އިރު އެކްރިލެމައިޑްގެ ސަބަބުން އިންސާނުންގެ ސިއްހަތަށް މާބޮޑު ނުރައްކަލެއް ކަމަށް ބައެއް ފަރާތްތަކުން އަދި ވެސް ގަބޫލު ކުރާ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

ކޭމްބްރިޖް ޔުނިވާސިޓީގެ ޕްރޮފެސަރެއް ކަމަށްވާ ޑޭވިޑް ސްޕީގެލްހޯލްޓާ ވިދާޅުވި ގޮތުގައި އެކްރިލެމައިޑްގެ ސަބަބުން ލިބޭ ގެއްލުމުގެ ތަފްސީލު އެފްއެސްއޭއިން ދީފައި ނުވެ އެވެ. އަދި އެކްރިލެމައިޑް ބޭނުން ކުރުން މަދު ކުރުމުން ލިބޭ ފައިދާ ވެސް ބުނެދީފައި ނުވުމުން އެފްއެސްއޭ އިން ދީފައި ވަނީ އެންމެ ރަނގަޅު އިއުތިމާޒު ކަމަށް ނުބެލެވެ އެވެ.

"ދިރިއުޅުމުގައި ވަރަށް ގިނަ ކަންތައްތަކުން ނުރައްކަލާ ކުރިމަތިލާން ޖެހޭ މިންވަރު އިތުރުވޭ، ނަމަވެސް އޭގައި މުހިއްމު ކަމަކީ އެހީ ކިހާވަރެއްގެ ނުރައްކަލެއްތޯ ބެލުން،" ސްޕީގެލްހޯލްޓާ ވިދާޅުވި އެވެ. (ބީބީސީ)

comment ކޮމެންޓް