މަސައްކަތު މީހުންގެ ގޮތުގައި އިންޑޮނީޝިޔާގެ ރައްޔިތުން ސަޢޫދީ އަރަބިޔާއަށް ދިޔުން އިންޑޮނީޝިޔާ ސަރުކާރުން މަނާކޮށްފި

ޖަކާޓާ : މަސައްކަތު މީހުންގެ ގޮތުގައި އިންޑޮނީޝިޔާގެ ރައްޔިތުން ސަޢޫދީ އަރަބިޔާއަށް ދިޔުން އިންޑޮނީޝިޔާ ސަރުކާރުން މަނާކޮށްފިއެވެ.

ޓީވީ މެދުވެރިކޮށް ޤައުމާ މުޚާތަބު ކުރައްވައި އިންޑޮނީޝިޔާގެ ރައީސް ސުސީލިޔޯ ބަންބަން ޔުދިޔޯނޯ މިއަދު ދެއްވި ޚިތާބެއްގައި ވިދާޅުވީ މަސައްކަތު މީހުންގެ ގޮތުގައި އިންޑޮނީޝިޔާގެ ރައްޔިތުން ސަޢޫދީ އަރަބިޔާއަށް ދިޔުން އަންނަ އޮގަސްޓުން ފެށިގެން ރަސްމީގޮތުން މަނާކުރެވޭނެ ކަމުގައެވެ.

އަދި މިއަދުން ފެށިގެންވެސް މިކަން މަނާކުރެވޭތޯ ސަރުކާރުން މަސައްކަތް ކުރާނެ ކަމަށާ ސަޢޫދީގައި މަސައްކަތްކުރާ އިންޑޮނީޝިޔާގެ ރައްޔިތުންނަށް ލިބެންޖެހޭ ހަޢްޤުތައް ދިނުމަށް ސަޢޫދީ ސަރުކާރުން އެއްބަސްވެ މިކަމާބެހޭ އެގްރިމެންޓެއްގައި ދެޤައުމުން ސޮއިކުރަންދެން މިކަން މަނާކޮށްފައި ބާއްވާނެ ކަމަށް ޔުދިޔޯނޯ ވިދާޅުވިއެވެ.

ސަޢޫދީ ޢަރަބިޔާގައި މަސައްކަތްކުރާ އިންޑޮނީޝިޔާގެ އަންހެނަކަށް މިދިޔަ ހަފްތާގައި މަރުގެ އަދަބު ދިނުމުން ދެޤައުމުގެ ގުޅުންތައްވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. ސަޢުދީ އަންހެނަކު މެރިކަމުގެ ކުށުގައި މި އަންހެންމީހާގެ މައްޗަށް މަރުގެ ޙުކުމް ތަންފީޒު ކުރުމުގެކުރިން ސައޫދީ ސަރުކާރުން އެކަން އިންޑޮނީޝިޔާއަށް އަންގާފައި ނުވާމައްސަލާގައި ސަޢުދީ އަރަބިޔާވަނީ ޖެނީވާ ކޮންވެންޝަނާ ޚިލާފްވެފައި ކަމަށް ބުނެ އިންޑޮނީޝިޔާއިންވަނީ ރިޔާޒްގައި ހުންނަވާ އެޤައުމުގެ ސަފީރުވެސް އަނބުރައި ޤައުމަށް ގެނަސްފައެވެ.

ސަޢޫދީ އަރަބިޔާގެ ގެތަކުގައި ޚާދިމާއިންގެ ގޮތުގައި ގެންގުޅޭ ސްރީލަންކާއާއި އިންޑޮނީޝިޔާ ފަދަ ޤައުމުތަކުގެ އަންހެނުންނަށް އެމީހުންގެ އެންޕްލޮއިޔަރުން ކަމަށްވާ ސަޢޫދީ ރައްޔިތުންގެ ފަރާތުން އަނިޔާތަކާއި ޖިންސީ ގޯނާތައް ވަރަށް ފުޅާދާއިރާއެއްގައި ކުރެވެމުންދާ ކަމުގެ ޝަކުވާ އެފަދަ އަންހެނުން ވަރަށް ގިނައިން ކުރަމުން ގެންދެއެވެ. މީގެއިތުރުން ސަޢޫދީ އަރަބިޔާގައި މަސައްކަތްކުރާ އިންޑޮނީޝިޔާ މީހުންނަށް އެމީހުންގެ ޙައްޤުތައް ފުރިހަމައަށް ނުލިބޭ ކަމަށްވެސް މީޑިޔާ ރިޕޯޓްތައް ބުނެއެވެ.

އިންޑޮނީޝިޔާގެ 1.2 މިލިޔަން މީހުން ލޭބަރުންގެ ގޮތުގައާއި ޚާދިމާއިންނާއި ޚާދިމުންގެ ގޮތުގައި ސައޫދީ އަރަބިޔާގައި މަސައްކަތް ކުރެއެވެ. (އަލްޖަޒީރާ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު