އެމްޕީއެލް އަށް ތެޔޮ ފޯރުކޮށްދޭން މެރީޑިއަމާ އެކު ހެދި އެއްބަސްވުން ބާތިލުކޮށްދިނުމަށް އެދި އެމްޕީއެލުން ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.
މެރީޑިއަމާ އެކު ވެފައިވާ އެއްބަސްވުމަށް އަމަލުކުރަން ސިވިލް ކޯޓުން ވަނީ އެމްޕީއެލްއަށް އަންގައިފަ އެވެ. އެހެން އެންގުމާ ގުޅިގެން އެމްޕީއެލުން މިހާރު ވަނީ އެމައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ.
އެހެން އެކަން އޮއްވައި އެމްޕީއެލުން އަނެއްކާ އާ މައްސަލައެއް ސިވިލް ކޯޓަށް ހުށަހެޅީ އެއްބަސްވުން ބާތިލު ކުރުމުން އެ ކުންފުންޏާ އެކު މަޝްވަރާނުކޮށް މެރީޑިއަމުން ކޯޓަށް ދިއުމުން ކަމަށް ބުނެ އެވެ. އަދި އެއީ އެއްބަސްވުމުގެ ރޫހަ ހިލާފަށް ކުރި ކަމެއް ކަމަށާއި އެހެންކަމުން އެ އެއްބަސްވުން ބާތިލުކޮށްދިނުމަށް ދައުވާގައި އެމްޕީއެލުން ވަނީ އެދިފަ އެވެ.
މިހާރު އެމައްސަލަ ކުރިއަށްދަނީ ސިވިލް ކޯޓުގެ ޑިސްޕިއުޓް މަރުހަލާގަ އެވެ. އަދި އެމަރުހަލާގައި މައްސަލަ ހައްލު ނުވެއްޖެ ނަމަ ޝަރީއަތަށް މައްސަލަ ދާނެ އެވެ.
މެރީޑިއަމްއަށް ތެޔޮ ސަޕްލައިކުރަން ހަވާލުކޮށްފައި ވަނީ ކޮރަޕްޝަނުގެ ތެރޭން ކަމަށް އެމްޕިއެލްގެ ސީއީއޯ މުހައްމަދު ޖުނައިދު ވިދާޅުވުމާ ގުޅިގެން އެ މުއާމަލާތް ހިނގުމުގައި ކޮރަޕްޝަން ހިމެނޭތޯ ބަލަން އޭސީސީން ވަނީ ތަހުގީގެއް ފަށައިފަ އެވެ.