ކުރިއަށް އޮތް ފިލްމަށް ތައްޔާރުވާން ސުޝާންތު ނާސާ އަށް!

ބޮލީވުޑްގެ އެކްޓަރު ސުޝާންތު ސިންގް ރާޖްޕުތު އަކީ ފިލްމުތަކުގައި އޭނާ އަދާކުރާ ކެރެކްޓަރުތައް އެންމެ ފުރިހަމައަށް ބެލުންތެރިންނާ ހަމައަށް ގެނެސްދިނުމަށް ވަރަށް ބުރަކޮށް މަސައްކަތް ކުރާ ފަންނާނެކެވެ.

ދެހާސް ފަނަރަ ވަނަ އަހަރު ނުކުތް ފިލްމު 'ޑިޓެކްޓިވް ބިއޮމްކޭޝް ބަކްޝީ'ގެ ރޯލަށް ތައްޔާރު ވުމަށް ސުޝާންތު ވަނީ ތިން މަހަށް ވުރެ ގިނަ ދުވަސް ވަންދެން އޭނާގެ އާއިލާ އާ ވާހަކަ ދެއްކުން ހުއްޓާލައިފަ އެވެ.

އަދި މިދިޔަ އަހަރު ނުކުތް ސުޝާންތުގެ ސުޕަހިޓް ފިލްމު 'އެމްއެސް ދޯނީ: ދި އަންޓޯލްޑް ސްޓޯރީ'ގައި ޓިކެޓް ވިއްކާ ކަލެކްޓަރުގެ ރޯލު ކުޅުމަށް އޭނާ ވަނީ ރެއިލްވޭ ސްޓޭޝަނެއްގައި ވެސް ވަގުތު ހޭދަކޮށްފަ އެވެ.

ސުޝާންތު ދެން އެންމެ އަވަހަށް ފެނިގެން ދާނީ ސަންޖޭ ޕޫރަން ސިންގް ޗޯހާން ޑައިރެކްޓު ކުރާ ފިލްމު، 'ޗަންދާ މާމާ ދޫރް ކޭ' އިންނެވެ. އެ ފިލްމުގައި ސުޝާންތު އަދާކުރާނީ އެސްޓްރޮނައުޓެއްގެ ރޯލެވެ.

އެ ރޯލަށް އެންމެ ފުރިހަމަ އަށް ތައްޔާރުވުމަށް ސުޝާންތު މިހާރު ވަނީ ނާސާއަށް ދިއުމަށް ތައްޔާރުވެފަ އެވެ. އެގޮތުން ނާސާގައި އެއް މަސް ދުވަހުގެ ތަމްރީނުތަކެއް ހެދުމަށް ސުޝާންތު އެއް މަސް ދުވަހަށް ނިއުޔޯކަށް ދާނެ އެވެ.

މިހާރު ވެސް ގިނަ ތަމްރީނުތަކެއް ސުޝާންތު ނިންމާފައިވާ އިރު، ނާސާގައި އޭނާ ދަސްކުރާނީ ޖައްވުގައި އެސްޓްރޮނޯޓުންގެ ހަށިގަނޑު މަސައްކަތް ކުރާ ގޮތާއި އަދި ވެސް އެހެނިހެން ކަންތައްތަކެވެ.

ސުޝާންތު ބުނީ، ފިލްމުގެ ޑައިރެކްޓަރާއި ނާސާގެ އިސްވެރިންނާ ގުޅުން އޮންނަ ކަމަށާއި މިހާރު ހުރިހާ ކަމެއް ހަމަޖެހިފައިވާ ކަމަށެވެ. އަދި ޖައްވާ ބެހޭ ގޮތުން މައުލޫމާތު ހޯދުމަށް 15 ފޮތާއި އަށް ޑޮކިއުމެންޓްރީއެއް ބަލަމުން އަންނަ ކަމަށް ވެސް ސުޝާންތު ވަނީ ހާމަކޮށްފަ އެވެ.

comment ކޮމެންޓް