ހަލް އިންޝުއަރެންސް މައްސަލާގައި ލޭމް އިން އެމްއެމްއޭއާ ބައްދަލުކޮށްފި

ހުޅުމާލޭ ފަޅުގައި ސަފާރީތަކެއް އަޅާފައި-- ފައިލް ފޮޓޯ:

ކަނޑު އުޅަނދުފަހަރު އިންޝުއަރެންސް ކުރަން ލާޒިމްކޮށްފައިވާ އިރު އެންމެ ކުންފުންޏަކުން އެ ހިދުމަތް ނަގަން މަޖުބޫރުކޮށްފައިވާ ކަމަށް ބުނެ، ސަފާރީތަކުގެ ޖަމިއްޔާ ލިވްއަބޯޑު އެސޯސިއޭޝަނުން އޮފް މޯލްޑިވްސް(ލޭމް) އިން އެ ޖަމިއްޔާގެ ޝަކުވާތައް އެމްއެމްއޭއާ ހިއްސާކޮށްފި އެވެ.

ލޭމް އެސޯސިއޭޝަނުން އެމްއެމްއޭއާ ބައްދަލު ކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެ ޖަމިއްޔާގެ ރައީސް ހަސަން ހަލީމް މިއަދު "ސަން" އަށް ވިދާޅުވި ގޮތުގައި އެ ބައްދަލުވުމުގައި ލޭމްގެ ކަންބޮޑުވުންތައް އެމްއެމްއޭއާ ހިއްސާކޮށްފައިވާނެ އެވެ. އަދި ކަނޑުދަތުރުފަތުރުކުރާ އުޅަނދުތަކަށް ވަކި އިންޝުއަރެންސް ކުންފުންޏަކުން އިންޝުއަކުރާ ގޮތަށް ހަމަޖައްސާފައި އޮތް އޮތުމަކީ އޭގެ ސަބަބުން އުޅަނދުގެތަކުގެ ވެރިންނަށް ގެއްލުންވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެމްއެމްއޭ އިން ވިދާޅުވީ އެ ގޮތަށް އޮތުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް. އެކަމަނާ (ގަވަރުނަރު) ވިދާޅުވީ އެކަން އޮންނަން ޖެހޭނީ ކޮމްޕެޓިޝަން އުފެދޭ ގޮތަށް ކަމަށް،" ހަލީމް ވިދާޅުވި އެވެ.

ލޭމް އަކީ ރާއްޖޭގެ ސަފާރީ އޮޕަރޭޓަރުންގެ ޖަމިއްޔާ އެވެ. އެ ޖަމިއްޔާގައި 160 އަށްވުރެ ގިނަ މެމްބަރުން ތިބެ އެވެ.

އެމްއެމްއޭގެ އިތުރުން ރާއްޖެ ޕްރޮމޯޓު ކުރުމުގައި ދައުލަތުގެ މުއައްސަސާތަކާ ގުޅިގެން މަސައްކަތް ކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް އެ ޖަމިއްޔާ އިން ވަނީ އެމްއެމްޕީއާރުސީއާ ވެސް ބައްދަލުކޮށްފަ އެވެ.

ނަމަވެސް ހަލް އިންޝުއަރެންސްއާ ގުޅޭ ގޮތުން ޓްރާންސްޕޯޓް އޮތޯރިޓީ އިން ބުނީ އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އަށް އެ ހިދުމަތް ދިނުމަށް ނިންމީ 30 ޕަސަންޓުގެ ޑިސްކައުންޓަކަކާ އެކު ކަމަށެވެ.

މި އަހަރުން ފެށިގެން، ރާއްޖޭގައި ދުއްވާ ހުރިހާ އޮޑިދޯނިފަހަރު ވެސް ހަލް އެންޑް މެޝިނަރީ އިންޝުއަރަންސް ކުރުމަށް ލާޒިމުކޮށްފައިވާ އިރު، ޓްރަންސްޕޯޓް އޮތޯރިޓީ އިން ވަނީ، އެ އިންޝުއަރެންސް ހެޔޮ އަގެއްގައި ފޯރުކޮށްދިނުމަށް އެލައިޑް އިންޝުއަރަންސް ކޮމްޕެނީއާ އެކު އެއްބަސްވުމެއް އެކުލަވާލައިފަ އެވެ.

"ބިޑަކަށް ހުޅުވާލާފައި ޕްރޮޕޯޒަލް ހުށަހަޅަން ހުޅުވާލި. އިންޝުއަރަންސް ފޯރުކުރުމަށް ރާއްޖެގައި ރެޖިސްޓާކޮށްފައިވާ ހުރިހާ ކުންފުންޏަކުން މައުލޫމަތު ސާފުކުރި. އެލައިޑުން އެކަނި ޕްރޮޕޯޒަލް ހުށަހެޅީ." ޓްރަންސްޕޯޓް އޮތޯރިޓީ އިން ބުންޏެވެ.

comment ކޮމެންޓް