އިލްމުވެރިންގެ ދައުރަކީ ވަރަށް ފުޅާ ދައުރެއް: އިސްލާމިކްް މިނިސްޓަރު

އިލްމް ވެރިންގެ މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އިސްލާމީ އުންމަތުގެ ތާރީޚަށް ވިސްނާލާއިރު، އިލްމުވެރިންގެ ދައުރަކީ ވަރަށް ފުޅާ ދައުރެއް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު ވިދާޅުވެއްޖެއެވެ.

ރެއިން ފެށިގެން މާދަމާއަށް ބާއްވާ އިލްމުވެރިންގެ މަހާސިންތާ ފެށުމަށް ރޭ އިސްލާމީ މަރުކަޒުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޑރ. ޒިޔާދު ވިދާޅުވީ މުޖުތަމައު ބިނާކުރުމުގެ ވަރަށް ގިނަ ކަންކަމުގައި އިލްމުވެރިންނަކީ އަމިއްލަ އަށް އިސްނަންގަވާފައިވާ ބައެއް ކަމަށެވެ.

"އެހެންވީމަ އަޅުގަނޑު އެދޭ އެދުމަކީ. މިރޭވެސް އެދޭ އެދުމަކީ ރާއްޖޭގެ ހުރިހާ އިލްމުވެރިންގެ ފަރާތުން ވެސް އަޅުގަނޑު ވެސް އޭގަ ޝާމިލުވާގޮތަށް ކަންކަމަށް އިސްނެގުމަށް. މުޖުތަމައުއަށް ކުރަންޖެހޭ ހިއްސާ އަދާކުރުމަށް،" ޑރ. ޒިޔާދު ވިދާޅުވިއެވެ.

މުޖުތަމައު އަށް އަދާކުރަންޖެހޭ ހިއްސާ އަދާކުރުމަކީ އިލްމުވެރިންގެ ބޮލުގައި އެޅިފައިވާ ދީނީ އަދި އިޖުތުމާއީ ވާޖިބެއް ކަމަށް އިސްލާމިކް މިނިސްޓަރު ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަމުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވިދާޅުވީ އިސްލާމީ ޝަރީއަތުން ގެރެންޓީ ކޮށްދެނީ ފަރުދުންނާއި ޖަމާއަތުގެ ހެވާއިލާބަ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ އިސްލާމް ދީނުގެ ދައުވަތަކީ މެދުމިނުގައި ހިފުމާއި ހައްގާއި ހަމަހަމަކާއި އަދުލު ފެތުރުމުގެ އިތުރުން އަދި ފަރުދުންނާއި ޖަމާއަތްތަކުގެ އަސާސީ ހައްގުތަކަށް ރައްކާތެރިވެ އެ ހައްގުތަކަށް އިހުތިރާމްކުރުން ކަމަށެވެ.

comment ކޮމެންޓް