އިދާރާތަކަށް އިތުބާރު ނެތުމުން ޓްރަމްޕްގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް އަމިއްލަ ޓީމެއް

ޓްރަމްޕް

ވޮޝިންޓަން (ޖަނަވަރީ 18) : އެމެރިކާގެ ރައީސް ކަމަށް އިންތިހާބުވެފައިވާ ޑޮނަލްޑް ޓްރަމްޕް އަންނަ ހުކުރު ދުވަހު ރައީސްކަމުގެ ހުވާކުރައްވާއިރު އޭނާގެ ސެކިއުރިޓީގެ ކަންކަން ބެލެހެއްޓުމަށް އަމިއްލަ ޓީމެއް ނަންގަވައިފި ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ޓްރަމްޕްގެ ސަލާމަތީ ކަންކަމަށް އަމިއްލަ ފޯސްއެއް ނެންގެވިކަން އޭނާގެ އިންތިގާލީ ޓީމުގެ ބޭފުޅަކުވަނީ ކަށަވަރުކޮށް ދެއްވާފަ އެވެ. ޓްރަމްޕާ އިދިކޮޅު ފަރާތްތަކުންވަނީ ޓްރަމްޕްގެ ސަލާމަތީ ކަންކަމާބެހޭ އަމިއްލަ ފޯސްއަށް މީހުން އިޚްތިޔާރު ކުރުމުގައި ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިންގެ ދައުރެއް އޮތް ކަމަށް ތުހުމަތުކޮށްފައެވެ. އަދި އެ ފޯސްގައި ރަޝިޔާގެ ޖާސޫސީ އިދާރާ ކޭޖީބީގެ ކުރީގެ އެޖެންޓުން ހިމެނޭ ކަމަށްވެސް ޓްރަމްޕާ އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރި ނަމަވެސް އެ ތުހުމަތުތައް ޓްރަމްޕްގެ ޓީމުން ދޮގުކުރެއެވެ.

ޓްރަމްޕް އޭނާގެ ސެކިއުރިޓީގެ ކަންކަން ބެލެހެއްޓުމަށްޓަކައި އަމިއްލަ ފޯސްއެއް ތައްޔާރުކުރެއްވީ އެމެރިކާގެ ރަސްމީ ފަރާތްތަކުން ޚާއްސަކޮށް ޖާސޫސީ ކަންކަމާބެހޭ މަރުކަޒީ އިދާރާ (ސީއައިއޭ) އިން އޭނާއަށް ދޭ ސަލާމަތާއި ރައްކާތެރިކަމަށް އިތުބާރު ނެތުމުންކަމަށް ޚަބަރުތައް ބުނެއެވެ.

ޓްރަމްޕް ވަނީ އެމެރިކާގެ ރަސްމީ ފަރާތްތަކުން އޭނާއަށް ދޭ ސަލާމަތީ ކަންކަންވެސް ސީއައިއޭގެ ބަދަލުގައި އެމެރިކާގެ ފެޑްރަލް ފުލުހުންގެ އިދާރާ ކަމަށްވާ އެފްބީއައި އާ ހަވާލުކުރުމަށް އެދިވަޑައިގެންފައެވެ. މިއާއެކު ޓްރަމްޕާއި އޭނާގެ އާއިލާ ދިރިއުޅުއްވާ ޓްރަމްޕް ޓަވަރުގެ ސަލާމަތީ ކަންކަންވެސް މިހާރު ބަލަހައްޓަމުން ގެންދަނީ އެފްބީއައިގެ ފުލުހުންނެވެ.

ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕޫޓިންވަނީ ޓްރަމްޕްގެ ވެރިކަމުގެ ޝަރުއިއްޔަތު ނަގާލުމަށާއި ޓްރަމްޕް ވެރިކަމުގެ ހުވާކުރެއްވުމާ ދެކޮޅަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާގެ ސަރުކާރުންނާއި ސީއައިއޭ ފަދަ އެމެރިކާގެ ރަސްމީ އިދާރާތަކުން މަސައްކަތްކުރާ ކަމަށް ތުހުމަތު ކުރައްވާފައެވެ.

އަނެއްކޮޅުން ޓްރަމްޕް ހުވާކުރުމުގެ ރަސްމިއްޔާތަށް ހުރަސްއެޅުމަށް ޓަކައި އޭނާއާ އިދކޮޅު ފަރާތްތަކުން ގެންދަނީ ހުކުރުދުވަހު އެމެރިކާގެ ކަންކޮޅުތަކުގައި ވަރުގަދައަށް މުޒާހަރާތައް ކުރުމަށްވެސް ތައްޔާރުވަމުންނެވެ. މި މަސައްކަތްތަކުގެ ފަހަތުގައި ވަނީ އެމެރިކާގެ ނުފޫޒު ގަދަ މަހުޖަނެއްކަމަށްވާ ޖޯޖް ސޯރްސް ކަމަށާއި ސޯރްސް އަށް އެހީތެރިވަނީ އެމެރިކާގެ ކޮންގްރެސްގެ ނުފޫޒު ގަދަ ބައެއް މެންބަރުން ކަމަށް ޓްރަމްޕްގެ ޓީމާ ހަވާލާދީ މީޑިޔާ ރިޕޯޓްތައް ބުނެއެވެ.

މިކަންކަމާ ކުރިމަތިލުމަށް ޓްރަމްޕަށް ތާއީދުކުރާ ފަރާތްތަކުން ވެސް އިދިކޮޅު މުޒާހަރާތަކެއް ކުރިޔަށް ގެންދިޔުމަށް ގެންދަނީ ރާވަމުންނެވެ. މިއަރާރުންތަކާއެކު އެމެރިކާގެ އެތެރޭގެ ކޯޅުންތައް ތިންވަނަ ދުނިޔޭގެ ގައުމުތަކުގައި ހިނގާ ވެރިކަމުގެ ކޯޅުންތަކާ އެއް ފެންވަރަށް ހިނގައިދާނެ ކަމަށް ވަނީ ބެލެވިފަ އެވެ.

ޓްރަމްޕް ވެރިކަމަށް ވަޑައިގެންނެވުމަށް އެންމެ ތިން ދުވަހަށް ވެފައިވާއިރު އެމެރިކާގެ އެންމެ ބާރުގަދަ މުއައްސަސާތައް އޭނާ އާވަނީޖެހިފަ އެވެ. މީގެތެރޭގައި އެމެރިކާގެ ޖާސޫސީ އިދާރާތަކާއި ކޮންގްރެސްގެ ގިނަ މެންބަރުން ހިމެނެއެވެ. އެމެރިކާގެ ކޮންގްރެސްގައި ހިމެނޭ ނުފޫޒު ގަދަ ބައެއް މެންބަރުން ވަނީ ޓްރަމްޕް ހުވާކުރުމުގެ ރަސްމިއްޔާތު ބޮއިކަޓްކުރެއްވުމަށް ވެސް ނިންމަވާފަ އެވެ.

(ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު