ވެކޭޝަންސް އެކްސްޕޯގައި މިއަހަރުވެސް އުމްރާ ދަތުރެއް ދެނީ

މިދިޔަ އަހަރު ބޭއްވި ވެކޭޝަން އެކްސްޕޯގެ ތެރެއިން --- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

ހައިރައިޒުން ރާއްޖޭގައި ބާއްވާ ޓްރެވަލް ފެއާ ކަމުގައިވާ، ވެކޭޝަންސް އެކްސްޕޯގައި މިއަހަރުވެސް އުމްރާ ދަތުރެއް ދިނުމަށް ނިންމައިފިއެވެ.

ރާއްޖޭގައި އަލަށް، މިދިޔަ އަހަރު ބޭއްވި ޓްރެވަލް ފެއާއަށް ޒިޔާރަތްކުރި ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވުނު ފަރާތަށް މިދިޔަ އަހަރުވެސް ވަނީ އުމްރާ ދަތުރެއް ދީފައެވެ. މިއަހަރު ޖުލައި މަހު 6 އަކުން 8 އަކަށް މާލޭގައި އެ ފެއާ ބޭއްވުމަށް ނިންމާފައިވާއިރު މިއަހަރުވެސް އެގޮތަށް އުމުރާ ދަތުރެއް ދިނުމަށް ނިންމާފައިވާ ކަމަށް ހައިރައިޒުން ބުނެއެވެ.

ހައިރައިޒުން ބުނި ގޮތުގައި، މިއަހަރު ވެކޭޝަންސް އެކްސްޕޯ ވަރަށް ބޮޑުކޮށް ބޭއްވުމަށް އެއްބާރުލުން ދޭން ސަރުކާރުން ވެސް ވަނީ ނިންމާފައެވެ.

މި އަހަރުގެ ވެކޭޝަންސް އެކްސްޕޯގައި މިހާރު ވެސް ބޮޑެތި ބައެއް ކުންފުނިތަކާއި ގެސްޓްހައުސްތަކުން ބައިވެރިވެފައިވާ ކަމަށް ހައިރައިޒުން ބުނެ އެވެ.

މިދިޔަ އަހަރު ބޭއްވި ފުރަތަމަ ވެކޭޝަންސް އެކްސްޕޯ ނިމިގެން ދިޔައީ ވަރަށް ކާމިޔާބުކަމާ އެކުގައެވެ. އެ ޓްރެވަލް އެގްޒިބިޝަނުގައި ވަނީ، ސިންގަޕޫރާއި މެލޭޝިއާ ފަދަ ގައުމުތަކުގެ ޓޫރިޒަމް ބޯޑުތަކާއި ބޮޑެތި އެއާލައިނުތަކާއި ހޮޓެލްތަކުގެ އިތުރުން ޓްރެވަލް ކުންފުނިތަކުން ބައިވެރިވެފައެވެ.

އަދި އެގްޒިބިޝަނަށް ޒިޔާރަތް ކުރި ފަރާތްތަކަށް ކޮންމެ ރެޔަކުވެސް އަގުހުރި އިނާމުތަކެއް ދީފައިވެއެވެ.

comment ކޮމެންޓް