ބަންގުލަދޭޝްގައި ހަތް މީހަކު މަރާލުމާ ގުޅިގެން 25 ފުލުހެއްގެ މައްޗަށް މަރުގެ ހުކުމްކޮށްފި

މަރަށް ހުކުމް ކުރި 26 މީހުންގެ ތެރޭގައި ސަރުކާރު މިނިސްޓަރެއްގެ ދަނބިދަރިފުޅު ކަމަށްވާ ތާރިކް ސައީދު ހިމެނޭ -- ފޮޓޯ: އޭއެފްޕީ

ޑާކާ (ޖެނުއަރީ 16): ދެހާސްސާދަ ވަނަ އަހަރު ބަނގުލަދޭޝްގައި ހަތް މީހަކު މަރާލުމާ ގުޅިގެން އެގައުމުގެ ކޯޓަކުން 26 މީހެއްގެ މައްޗަށް މަރުގެ ހުކުމްކޮށްފި އެވެ.

މަރަށް ހުކުމް ކުރި 26 މީހުންގެ ތެރެއިން 25 މީހުންނަކީ ފުލުހުންނަށްވާ އިރު އޭގެ ތެރޭގައި ފުލުހުންގެ ހާއްސަ ޔުނިޓެއް ކަމަށްވާ ރެޕިޑް އެކްޝަން ބެޓާލިއަން (އާރުއޭބީ)ގެ މެމްބަރުންތަކެއް ހިމެނޭ ކަމަށް ރިޕޯޓުތަކުގައިވެ އެވެ. އާރުއޭބީގެ ތިން މެމްބަރުންގެ މައްޗަށް ހުކުމް ކުރި ކަމަށް ބައެއް ރިޕޯޓުތަކުގައިވާ އިރު އެކަން އަދި ކަށަވަރުވެފައި ނުވެ އެވެ.

އެއީ އާރުއޭބީގެ މެމްބަރެއްގެ މައްޗަށް މަރުގެ ހުކުމް ކުރި ފުރަތަމަ ފަހަރެވެ. އަދި މަރަށް ހުކުމް ކުރި އެއް އޮފިސަރު ކަމަށްވާ ތާރިކް ސައީދަކީ ސަރުކާރު މިނިސްޓަރެއްގެ ދަނބިދަރިފުޅު ކަމަށް ބައެއް ރިޕޯޓުތަކުގައިވެ އެވެ.

ބަނގުލަދޭޝްގެ ނަރާޔަންގަޖް ސިޓީގައި ސިޔާސީ ހަލަބޮލި ކަމެއް އުފެދިފައި ވަނިކޮށް ސިޓީ ކައުންސިލަރެއް ކަމަށްވާ ނަޒްރުލް އިސްލާމާއި އޭނާއާ ގުޅުން ހުރި ހަ މީހަކު މަރާލުމާ ގުޅިގެން ބަނގުލަދޭޝްގެ ގިނަ ބަޔަކަށް ސިހުން ލިބިގެންދިޔަ އެވެ.

އެމައްސަލައިގެ ޝަރީއަތުގައި ހެކިވެރިން ވަނީ ނަޒްރުލް އިސްލާމާ އެކު ކާރުގައި ދިޔަ ފަސް މީހަކު ހުއްޓުވައި، އެމީހުން ގަދަކަމުން ވޭނަކަށް އެރުވި މަންޒަރު ފެނުނު ކަމަށް ބުނެފަ އެވެ. އަދި އެހާދިސާ ވީޑިއޯ ކުރި އިސް ވަކީލެއް ކަމަށްވާ ޗަންދަން ކުމާރު ސަރުކާރާއި އޭނާގެ ޑްރައިވަރު ވެސް ވޭނަކަށް ލައިގެން ގެންދިޔަކަމަށް ޝަރީއަތުން ހާމަވި އެވެ.

އެ ހަތް މީހުންގެ ހަށިގަނޑު އޭގެ ތިން ދުވަސް ފަހުން ފެނުނީ ކޯރަކުންނެވެ. އެ އެންމެންގެ ވެސް ބަނޑު ފަޅާފައިވާ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

އެ ޝަރީއަތުގައި ފުލުހުންގެ އިތުރުން މަރަށް ހުކުމްކޮށްފައި ވަނީ އެ ހަތް މީހުން މެރުމަށް ފައިސާ ދިން ކަމަށް ސާބިތުވި، ވެރިކަން ކުރާ އަވާމީ ލީގުގެ މެމްބަރެއް އަދި ކުރީގެ ސިޓީ ކައުންސިލަރެއް ކަމަށްވާ ނޫރު ހުސެއިންގެ މައްޗަށެވެ. ނޫރު ހުސެއިނާއި ނަޒްރުލް އިސްލާމަކީ އެއް ޕާޓީއަކަށް ނިސްބަތްވާ ދެ މީހުން ނަމަވެސް، އެ ދެ މީހުންނަކީ ސިޔާސީ ގޮތުންނާއި ވިޔަފާރީގެ ގޮތުން ވަރަށް ވާދަވެރި ދެ މީހުން ކަމަށް ބަނގުލަދޭޝްގެ ނޫސްތަކުގައިވެ އެވެ.

އެ މައްސަލާގައި 26 މީހެއްގެ މައްޗަށް މަރުގެ ހުކުމް ކުރުމުގެ އިތުރުން ނުވަ މީހެއްގެ މައްޗަށް ޖަލު ހުކުމްވެސް ކޮށްފައިވެ އެވެ. (ބީބީސީ)

comment ކޮމެންޓް