ބަންގާޅުގައި މެޑިސިންކިޔަވާ ދިވެހީން ރެޖިސްޓްރޭޝަން މައްސަލައިގައި މުޒާހަރާކުރަނީ

ބަންގްލަދޭޝްގެ ޔޫއެސްޓީސީގައި ކިޔަވާ ދަރިވަރުން މުޒާހަރާ ކުރަނީ -- ފޮޓޯ/ ޔޫއެސްޓީސީ ދަރިވަރުން

ބަންގްލަދޭޝްގެ ޗިޓަގޮންގްގައި ހުންނަ ޔުނިވާސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީގައި މެޑިސިން ކިޔަވަމުންދާ ގިނަ އަދަދެއްގެ ދަރިވަރުން، އެގައުމުގެ މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުން ރަޖިސްޓްރީ ނުކޮށްދީގެން މުޒާހަރާ ކުރަމުން އެބަދެއެވެ. އޭގެ ތެރޭގައި، ތިރީހަކަށް ދިވެހި ދަރިވަރުންވެސް ހިމެނެއެވެ.

ބަންގްލަދޭޝްގައި މެޑިސިންގެ ދާއިރާއިން ކިޔަވާ ކޮންމެ ދަރިވަރަކުވެސް، އެގައުމުގެ މެޑިސިން އެންޑް ޑެންޓަލް ބޯޑު (ބީއެމްޑީސީ)ގައި ރެޖިސްޓަރ ކުރަންޖެހެއެވެ.

ދެހާސް ބާރަ އަދި 2013 ވަނަ އަހަރުން ފެށިގެން، ބަންގްލަދޭޝްގެ ޗިޓަގޮންގްގެ ޔުނިވާސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީ (ޔޫއެސްޓީސީ)ގައި 30 ވަރަކަށް ދިވެހި ދަރިވަރުން، މެޑިސިން ކިޔަވަމުން ދެއެވެ. އެއީ އެ ޔުނިވާސިޓީގެ ބެޗު 25 އަދި 26އެވެ.

ބަންގްލަދޭޝްގެ ޔޫއެސްޓީސީގައި ކިޔަވާ ދަރިވަރުން މުޒާހަރާ ކުރަނީ -- ފޮޓޯ/ ޔޫއެސްޓީސީ ދަރިވަރުން

އާންމު އުސޫލުގެ ގޮތުން، ބަންގްލަދޭޝްގެ މެޑިކަލް ބޯޑުގައި ދަރިވަރުން ރެޖިސްޓްރީކުރަނީ ޔުނިވާސިޓީގެ ފަރާތުންނެވެ. އެހެން ނަމަވެސް، މި ދެ ބެޗުގެ ދަރިވަރުން، ޔުނިވާސިޓީގެ ފަރާތުން މެޑިކަލް ކައުންސިލުގައި ރެޖިސްޓަރ ކޮށްދީފައި ނުވާއިރު، އެކަން ދަރިވަރުންނަށް އަންގާފައި ވެސް ނުވެއެވެ.

ޔުނިވާސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީގައި މެޑިސިން ކިޔަވަމުންދާ ދިވެހި ދަރިވަރަކު "ސަން" އަށް ބުނި ގޮތުގައި، ޖެނުއަރީ މަހުގެ ފަހުކޮޅު، 25 ވަނަ ބެޗުގެ ދަރިވަރުންގެ އެމްބީބީއެސް އިމްތިހާނުތައް އޮންނަ އިރު، އެކުދިންގެ ރެޖިސްޓްރޭޝަންގެ ކަންކަން އަދިވެސް ކުރިޔަށް ނުގެންދެވެއެވެ.

"އެ ކައުންސިލުން ބުނަނީ މި ދެ ބެޗުގައި މާ ގިނަ ދަރިވަރުން ތިބީމަ ރެޖިސްޓަރ ނުކޮށްދެވޭނެއޭ. މިކަން އަޅުގަނޑުމެންނަށް އެނގުނީ މިކޮޅުގައި ކިޔަވަން ފަށައި، ބޮޑު އެއް އިމްތިހާނު ވެސް ނިންމި ފަހުން،"

އޭނާ ބުނި ގޮތުގައި، ޔުނިވާސިޓީން ދަރިވަރުންގެ ރެޖިސްޓްރޭޝަންގެ ކަންކަން ފުރިހަމަ ނުކުރާކަން އެންމެ ފުރަތަމަ ފާހަގަވީ 2013 ވަނަ އަހަރުގެ ތެރޭގައެވެ. އަދި އެކަން ވަގުތުން ރާއްޖޭގެ ފޮރިން މިނިސްޓްރީ، އެޑިއުކޭޝަން މިނިސްޓްރީ އަދި ބަންގްލަދޭޝްގައި ހުންނަ އޭރުގެ ދިވެހި ހައިކޮމިޝަނަށް އެންގި ކަމަށް އެ ދަރިވަރު ބުންޏެވެ.

މި މައްސަލަ ފެންމަތިވެފައިވަނިކޮށް، ބަންގްލަދޭޝަށް ކުރެއްވި ދަތުރުފުޅެއްގައި، އޭރުގެ ދިވެހި ސަރުކާރުގެ ހެލްތު މިނިސްޓަރ ޑރ. އަހްމަދު ޖަމްޝީދު މުހައްމަދާއި، ރާއްޖޭގެ މެޑިކަލް ކައުންސިލުގެ ބައެއް މެމްބަރުން ވަނީ، ބަންގްލަދޭޝް ސަރުކާރާއި ޔޫއެސްޓީސީގެ އޮފިޝަލުންނާ، މިކަމާ ބެހޭގޮތުން މަޝްވަރާ ކުރައްވައިފައެވެ. އެ މަޝްވަރާއަށް ފަހު ދަރިވަރުންނަށް އެންގީ، ބަންގްލަދޭޝްގެ މެޑިކަލް ކައުންސިލުން ރެޖިސްޓަރ ނުކޮށްދިން މައްސަލަ ޔުނިވާސިޓީގެ ފަރާތުން އިސްތިއުނާފުކޮށް، އެކަމަށް ހައްލެއް ހޯދައިދޭނެ ކަމަށެވެ.

ބަންގްލަދޭޝްގެ ޔޫއެސްޓީސީގައި ކިޔަވާ ދަރިވަރުން މުޒާހަރާ ކުރަނީ -- ފޮޓޯ/ ޔޫއެސްޓީސީ ދަރިވަރުން

ދެހާސް ސާދަވަނަ އަހަރުވެސް، ދިވެހި ސަރުކާރާއި މެޑިކަލް ކައުންސިލުން ވަނީ ބަންގްލަދޭޝް ސަރުކާރާ ބައްދަލުކޮށް، މިކަމާ ބެހޭ މަޝްވަރާތަކެއް ކޮށްފައެވެ.

މިހިނގާ ޖެނުއަރީ މަހުގެ 23 ވަނަ ދުވަހު، އެމްބީބީއެސް އިމްތިހާނުތައް ފަށާ އިރު، ބަންގްލަދޭޝް މެޑިކަލް ކައުންސިލުގައި ރަޖިސްޓަރނުކޮށްދޭ، 1،000 އަކަށް ދަރިވަރުން އެބަ ތިއްބެވެ. އޭގެ ތެރޭގައި އިންޑިއާ، ސްރީލަންކާ އަދި ބޫޓާންގެ ދަރިވަރުންގެ އިތުރުން، ރާއްޖޭގެ 28 ދަރިވަރަކު ހިމެނެއެވެ.

މި މައްސަލައިގައި ގިނަ އަދަދެއްގެ ދަރިވަރުން ޔުނިވާސިޓީގައި، މިދިޔަ ހޯމަ ދުވަހުން ފެށިގެން މުޒާހަރާ ކުރަމުން އަންނަ އިރު، ދިވެހި ދަރިވަރުންވެސް ދަނީ އެ މުޒާހަރާގައި ބައިވެރިވަމުންނެވެ. އެ މުޒާހަރާ ކުރާ ދަރިވަރުން ބުނާ ގޮތުގައި، ރެޖިސްޓްރޭޝަންގެ ކަންކަން ފުރިހަމަ ނުވަނީސް، ޔުނިވާސިޓީގައި ކިޔެވުމުގެ ހަރަކާތްތަކާއި އިމްތިހާނުތައް ބޭއްވުމަށް ދަރިވަރުން ފުރުސަތެއް ނުދޭނެއެވެ.

"މުޒާހަރާގެ މަގްސަދަކީ، ރެޖިސްޓަރ ނުކޮށް ހުރުމުން ޔުނިވާސިޓީއިން އަޅުގަނޑުމެންގެ އަތުން ބޮޑު އަދަދެއްގެ ފައިސާ ޖޫރިމަނާގެ ގޮތުގައި ނަގަން އުޅެފާނެތީ. މީގެ އިތުރުން، އިމްތިހާނުތައް ނިމުނީމަ އަޅުގަނޑުމެންނަކީ ދަރިވަރުންނަކަށް ނުވާނެ. އެހިސާބުން ޔުނިވާސިޓީއިން މި މައްސަލަ އެއްކޮށް ނިންމާލައިފި ނަމަ އެކަން ގެއްލުނީ،"

ބަންގްލަދޭޝްގެ ޔޫއެސްޓީސީގައި ކިޔަވާ ދަރިވަރުން މުޒާހަރާ ކުރަނީ -- ފޮޓޯ/ ޔޫއެސްޓީސީ ދަރިވަރުން

"ރެޖިސްޓަރ ނުވެ އިމްތިހާނު ހަދައިފިނަމަ އިމްތިހާނު ހެދުމުގެ މާނައެއް ނެތް. އެއްވެސް ތަނަކު މެޑިސިން ޕްރެކްޓިސް ނުކުރެވޭނެ. އިންޓާންޝިޕް ވެސް ނުހެދޭނެ،" ސަން އާ ވާހަކަދެއްކި ދިވެހި ދަރިވަރު ބުންޏެވެ.

ފޮރިން މިނިސްޓްރީން މައުލޫމާތުދޭ ގޮތުގައި، ބަންގުލަދޭޝްގައި މެޑިސިންގެ ދާއިރާއިން ތައުލީމު ހާސިލްކުރަމުންދާ ދަރިވަރުންތަކަކަށް ރެޖިސްޓްރޭޝަން މައްސަލައެއް ދިމާވެގެން އުޅޭކަމުގެ މައުލޫމާތު ވަނީ އެ މިނިސްޓްރީއަށް ލިބިފައެވެ. އަދި އެކަމާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކަށް މަޝްވަރާކުރަމުން ދާކަމަށް ވެސް މިނިސްޓްރީން މައުލޫމާތު ދެއެވެ.

ދަރިވަރުން މުޒާހަރާ ކުރަމުންދާ އިރު، ރެޖިސްޓްރޭޝަންގެ މައްސަލަ ޖެހުނު އިންޑިއާގެ ދަރިވަރުން އިންޑިއާ ސަރުކާރުގެ އެހީއަށް އެދުމުން، އެގައުމުގެ ސަރުކާރުން ދަނީ އެ މައްސަލަ ބަލަމުންނެވެ. އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސުވަރާޖް އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޔޫއެސްޓީސީގައި ހިނގަމުންދާ ކަންކަމުގެ މައުލޫމާތު، ބަންގްލަދޭޝްގައި ހުންނަވާ އިންޑިއާ ސަފީރު ދެއްވި ކަމަށާއި، ސަފީރު ގެންދަވަނީ ޔުނިވާސިޓީ އަދި ބީއެމްޑީސީއާ މަޝްވަރާ ކުރައްވަމުން ކަމަށެވެ.

ރާއްޖެއިން ބަންގްލަދޭޝަށް މި މަހުގެ ތެރޭގައި އާ ސަފީރަކު ވަނީ އައްޔަނު ކުރައްވާފައެވެ. ނަމަވެސް އެކަމަނާ މަގާމާ ހަވާލުވިފަހުން ބަންގުލަދޭޝަށް ވަޑައެއް ނުގަންނަވައެވެ.

comment ކޮމެންޓް