އަންނަ މަހުގެ 13 ވަނަ ދުވަހުން ފެށިގެން ބޭރު އުޅަނދުފަހަރުން ލައިޓްޑިއުސް ނަގަނީ

ސައުތު ކޮރެއާ ސަރުކާރުން ރާއްޖޭގެ އަސްކަރިއްޔާ އަށް ހަވާލުކުރި ކަނޑުގެ އުޅަނދު --- ފޮޓޯ: އެމްއެންޑީއެފް

އަންނަ މަހުގެ 13 ވަނަ ދުވަހުން ފެށިގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ބަނދަރުކުރާ ކޮންމެ ބޭރުގެ އުޅަނދަކުން ލައިޓް ޑިއުސް ނެގުމަށް ނިންމައިފި އެވެ.

ސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިއުކޮށްފައިވާ ދިވެހިރާއްޖޭގައި ލައިޓް ޑިއުސް ނެގުމާ ބެހޭ ގަވާއިދުގައި ބުނެފައި ވަނީ، އެ ގަވާއިދު ގެޒެޓު ކުރުމުގެ 30 ދުވަސް ފަހުން އެ ގަވާއިދަށް އަމަލު ކުރަން ޖެހޭނެ ކަމަށެވެ.

ލައިޓް ޑިއުސް އަކީ ކަނޑު ދަތުރުފަތުރު ކުރުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ބޭނުންވާ ބައްތިތަކާއި ބޮއިތަކާއި އަދި ނިޝާންތައް ހަރުކުރުމަށާއި އެތަކެތި ދެމެހެއްޓެއްނެވި ގޮތެއްގައި ބެލެހެއްޓުމަށް ޓަކައި ނަގާ ފީ އެކެވެ.

ގަވާއިދުގެ ދަށުން ފީ ނެގޭނެ ގޮތް:

  • 350 ގްރޮސް ޓަނަށްވުރެ ދަށް ކޮންމެ އުޅަނދަކުން ދަތުރަކަށް 100 ރުފިޔާ
  • 350 ގްރޮސް ޓަނުން ފެށިގެން 20،000 ގްރޮސް ޓަނު ހަމަވާ ކޮންމެ އުޅަނދަކުން ކޮންމެ ގްރޮސް ޓަނަކަށް 0.40 ލާރި
  • 20،001 ގްރޮސް ޓަނު ހަމަވާ ކޮންމެ އުޅަނދަކުން 13،000 ރުފިޔާ

އެގަވާއިދުގައިވާ ގޮތުން ނަމަ ރާއްޖެ އަށް އަންނަ ބޭރުގައުމުތަކުގެ އަސްކަރީ އުޅަނދުފަހަރުންނާއި ޑިޕްލޮމެޓިކް ކްލެއަރެންސް ލިބިގެން ރާއްޖެ އަންނަ އުޅަނދުފަހަރުންނާއި މޫސުން ގޯސްވެގެން ނުވަތަ އިންޖީނު ހަލާކުވެގެން ނުވަތަ އެހެން ސަބަބަކާ ހުރެ ހާލުގައި ޖެހިގެން ރާއްޖޭގެ ބަނދަރަކަށް ވަންނަ އުޅަނދުތައް މި ގަވާއިދުގެ ދަށުން ފީ ނެގުމުގައި އިސްތިސްނާ ވާނެ އެވެ.

ގަވާއިދުގައި ބުނާ ލައިޓް ޑިއުސް ނުދައްކައި ރާއްޖޭގައި ބަނދަރުކުރާ އުޅަނދެއް ރާއްޖެ އިން ފުރައިފި ނަމަ އެ އުޅަނދެއްގެ ލޯކަލް އޭޖެންޓު 5،000 ރުފިޔާ އިން ޖޫރިމަނާ ކުރެވޭނެ އެވެ. އެ ހާލަތުގައި ލައިޓް ޑިއުސް ދެއްކޭނީ ޖޫރިމަނާ ދެއްކުމަށް ފަހު އެވެ. އަދި ލައިޓް ޑިއުސް ނުދައްކައިފި ނަމަ، އެ އުޅަނދެއްގެ އެޖެންޓުގެ އެޖެންޓުކަމުގެ ލައިސަންސް ޓްރާންސްޕޯޓު އޮތޯރިޓީން ބަލައިނުގަންނާނެ ކަމަށާއި އެހާލަތުގައި ފައިސާ ހޯދުމަށް ކޯޓުގައި ދައުވާ ކުރަން ޖެހޭނެ ކަމަށް ގަވާއިދުގައިވެ އެވެ.

މި ގަވާއިދުގެ ދަށުން ލައިޓް ޑިއުސް ނަގާނީ ޓްރާންސްޕޯޓު އޮތޯރިޓީންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް