ނިމިދިޔަ ސީޒަނުގައި ކްލަބް އީގަލްސްއަށް ކޯޗުކޮށްދިން އިހުސާން އަބްދުލް ޣަނީ (ސާންތީ) ކުރިއަށް އޮތް ސީޒަނުގައި ވެސް އެ ކްލަބުގައި މަޑުކުރުމަށް ނިންމައިފިއެވެ.
ފާއިތުވެދިޔަ ތިން އަހަރު ވެސް އީގަލްސްއަށް ކޯޗުކޮށްދިން ސާންތީ އެޓީމްގައި މަޑުކުރުމަށް ނިންމާފައިވަނީ އެފްއޭއެމް އާއި ރާއްޖޭގެ ބޮޑެތި ކްލަބަކުން ވެސް ހުށެހެޅުން ލިބިފައިވަނިކޮށެވެ. ސާންތީ ބުނީ އެ ހުށަހެޚުންތަށް ދޫކޮށް އީގަލްސްގައި މަޑުކުރުމަށް ނިންމީ އޭނާ އެ ކްލަބްގައި ފަށާފައިވާ މަސައްކަތްތައް ނިންމަން ކަމަށެވެ.
ދެހާސް ސާދަ ވަނަ އަހަރުން ފެށިގެން އީގަލްސްގެ ކޯޗު ކަމުގެ މަގާމު އަދާކުރަމުންދާ ސާންތީ ދަނީ ޒުވާން ގިނަ ކުޅުންތެރިންތަކަކަށް އެ ކްލަބުން ޖާގަދީ އެއް އަހަރުން އަނެއް އަހަރަށް ބޮޑެތި ކުރިއެރުންތަކެއް ވެސް ހޯދަމުންނެވެ.
ފުރަތަމަ ޑިވިޝަނުގައި އީގަލްސްއިން ހޯދި ހަމައެކަނި ތަށި ކަމަށްވާ ޕްރެޒިޑެންޓް ކަޕް، ސާންތީގެ އިރުޝާދުގެ ދަށުން މިދިޔަ ސީޒަނުގައި އީގަލްސް އިން ކާމިޔާބުކުރީ ފައިނަލްގައި ޓީސީ ބަލިކޮށްފައެވެ. ޒުވާން ގިނަ ކުޅުންތެރިންތަކަކާ އެކު އީގަލްސްއިން ވަނީ މިދިޔަ އަހަރުގެ އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ތިން ވަނަ މަގާމް ވެސް ހޯދާފައެވެ.
މިއަހަރު ވެސް ޒުވާން ގިނަ ކުޅުންތެރިންތަކެއް ޓީމަށް ގެނެސްފައިވާ އީގަލްސްއިން ކުރިއަށް އޮތް ސީޒަނަށް ގެނައި އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިޔަކީ މިދިޔަ އަހަރު މާޒިޔާއަށް ކުޅުނު ގައުމީ ޓީމުގެ ހަލުވި މިޑްފީލްޑަރު އަހުމަދު ނާޝިދު (ނާއްޓޭ) އެވެ.