ފަސް ބާވަތެއްގެ ދިވެހި އުފެއްދުންތަކެއް އުފެއްދުމަށް ހުޅުމާލެއިން ބިމެއް ދީފި

10 ޖެނުއަރީ 2016: އެސްއެމްއީ ބިލްޑިން އަށް ހުޅުމާލެ އިން ބިންދޫކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން---ސަން ފޮޓޯ

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޚާއްސަކޮށްގެން އެ ފަރާތްތަކުގެ ވިޔަފާރި ކުރިއެރުވުމަށް އެހީތެރިވެދޭ ވަސީލަތްތައް ހިމެނޭ "އެސްއެމްއީ ބިލްޑިންގް" އެޅުމަށް ހުޅުމާލެއިން ބިމެއް ދޫކޮށްފި އެވެ.

އިކޮނޮމިކް މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި ބިމުގެ ލީސް އެގްރީމެންޓުގައި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ އިކޮނޮކިމް މިނިސްޓަރު މުހައްމަދު ސައީދު އެވެ. ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު ސައިމަން އެވެ.

އެގްރީމެންޓުގައި ސޮއި ކުރެއްވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، އެ އިމާރާތް ތަރައްގީ ކުރެވިގެންދާނީ "އިންޑަސްޓްރިއަލް ޕާކެއް"ގެ ގޮތުގައި ކަމަށެވެ. އަދު އެތަނުގައި ފަސް ބާވަތެއްގެ ދިވެހި އުފެއްދުންތަކެއް އުފައްދަން ހަމަޖައްސާފައިވާ ކަމަށާއި ފުރަތަމަ އުފައްދަން ހަމަޖެހިފައި ވަނީ ސޮފްޓް ޓޯއީސްތައް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ހޯދީ ބިމެއް. އިކޮނޮމިކް މިނިސްޓްރީން މި ފަސް ބާވަތުގެ ތަކެތި އުފެއްދުމަށް ޓަކައި އެސްއެމްއީ އިންޑަސްޓްރިއަލް ޕާކެއް ޑިވެލޮމް ކުރުމަށް. އޭގެ ތެރޭގައި އަޅުގަނޑުމެން އުފައްދާނަން ފަސް ބާވަތެއްގެ ޕްރޮޑަކްޓަކީ ރާއްޖޭގެ ބާޒަރުތަކުގައި ވިއްކިދާނެ ފަސް އައިޓަމް." މިނިސްޓަރު ވިދާޅުވި އެވެ.

ސޮފްޓް ޓޯއީސް އުފައްދައިގެން އޭގެ ނަފާ ލިބިދާނެ ކަން ފާހަގަ ކުރައްވަމުން މިނިސްޓަރު ވިދާޅުވީ، އެތަނުގައި އުފައްދާނެ އިތުރު ބާވަތްތަކާ ގުޅޭ ގޮތުން ދިރާސާ ކުރަމުން އަންނަ ކަމަށެވެ. އަދި މި އަހަރު ނިމުމުގެ ކުރިން އެ އިމާރާތް އެޅި އެތަނުގެ ޚިދުމަތް ފެށޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން، އެ އިމާރާތުގައި ބަދިގެ އެއް ތަރައްގީ ކުރަން ހަމަޖެހިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެ ބަދިގެ ބޭނުން ކުރާނީ، ދިވެހި މާކެޓުގައި އުފައްދާ ކާތަކެތި އުފެއްދުމަށް ކަމަށާއި، އެތަނުގައި ތަކެތި އުފައްދައިގެން ވިޔަފާރިއަށް ނެރެވިދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ކޮންމެ ގޭބިސީއަކަށް އުނދަގޫވާނެ ކާބޯތަކެތި ވެސް އުފައްދަން އެންމެ ހައިޖީނިކް ސްޓެންޑަޑުން. އެހެންވެ އަޅުގަނޑުމެން ގާއިމް ކޮށްދެނީ މިނިސްޓްރީން ކިޗެންއެއް. [އެތަން] ހެދީމާ އެތާގައި ޕެކިންއާއި އުފެއްދުމާއި އެކަންތައް ކުރެވޭނެ،" ސައީދު ވިދާޅުވި އެވެ.

އެޗްޑީސީގެ އެމްޑީ، ސައިމަން ވިދާޅުވި ގޮތުގައި މި އިމާރާތް އެޅުމަށް ބިން ދޫކޮށްފައި ވަނީ ހުޅުމާލެ އިންޑަސްޓްރިއަލް ޒޯނުންނެވެ. އެބިމަކީ 3000 އަކަފޫޓުގެ ބިމެކެވެ.

comment ކޮމެންޓް